Roadha Mihaaru
ނަޝީދަށް އިންސާފު ހޯދޭނީ ޔާމީންގެ ސަރުކާރުން: ޝިޔާމް

ނަޝީދަށް އިންސާފު ހޯދައިދެވޭނީ ޔާމީންގެ ސަރުކާރަށް: ޝިޔާމް

08 ޖޫން 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އެ މަނިކުފާނަށް އިންސާފު ހޯދައިދޭން މި ސަރުކާރު ފެއިލް ވެފައިވާ ކަމަށާއި އެކަން ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެކުލަވާލައި ސަރުކާރަކަށް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރަށް، ނަޝީދަށް އިންސާފު ހޯދައި ނުދެވޭ ކަމަށް އެ ޕާޓީގެ މެންބަރުން ގަބޫލުކުރާ ކަމަށާއި މި ސަރުކާރަށް ރައްޔިތުންނަށް ވެސް އިންސާފު ހޯދައިނުދެވޭނެ ކަން ޔަގީން ކުރެވެނީ އެ ސަބަބާ ގުޅިގެން ކަމަށެވެ.

މި ސަރުކާރު ނިމިގެންދާއިރު ވެސް ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި 2023 ގައި ޕީޕީއެމް އިން، މިހާރު ޓެރަރިޒަމްގެ ކުށުގައި ޖަލު ހުކުމް ތަންފީޒުކުރާ ޔާމީނާ އެކު އެކުލަވާލައި ސަރުކާރުން އިންސާފު ހޯދައިދޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ﷲ އިރާދަފުޅުން 2023 ގައި ރައީސް ޔާމީނާއެކީގައި އަޅުގަނޑުމެން އެކުލަވާލައި ސަރުކާރުން ރައީސް ނަޝީދަށް ވެސް އަޅުގަނޑުމެން އިންސާފު ހޯދައިދޭނަން،" ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ޝިޔާމް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރު ފަރާތުން ހުށަހަޅާފައި ވަނީ އުއްތަމަ ފަނޑިޔާރަށް ވެސް ހާއްސަ ގެއެއް ހަމަޖެއްސުމަށެވެ. އެ ބިލު ހުށަހަޅާފައި ވަނީ ނަޝީދު ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީއާ މެދު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅުގަ އެވެ.

ނަޝީދު މައްސަލައިގެ ތަހުގީގު ރަނގަޅަށް ހިނގާ ކަމާއި އިންސާފު ހޯދައިދެވޭނެ ކަމަށް ސަރުކާރާއި ފުލުހުން ވެސް ބުނެ އެވެ. މިހާތަނަށް އެ މައްސަލައާ ގުޅުން ހުރި ފަސް މީހަކު ހައްޔަރު ކޮށްފައިވީ ނަމަވެސް އެކަމާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހާމަ ނުކުރާތީ އެމްޑީޕީގެ ސަޕޯޓަރުން ފާޑު ކިޔަ އެވެ.