Roadha Mihaaru
ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

ވީއައިއޭގެ އާ ރަންވޭ ބޭނުންކުރަން ފަށައިފި

06 އޮކްޓޯބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިސްނަގައިގެން ހެދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭ ބޭނުންކުރަން މިއަދު ފަށައިފި އެވެ.

ވީއައިއޭގައި ހެނދުނު ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޔާމީނުގެ ސަރުކާރުގައި އަޅަން ފަށައި އެ މަނިކުފާނުގެ ވެރިކަމުގެ ފަހުކޮޅު 2018 ގައި ރަސްމީކޮށް ހުޅުވި ނަމަވެސް މިހާތަނަށް އެ ތަން ބޭނުމެއް ނުކުރެ އެވެ. ސަބަބަކީ އާ ރަންވޭއާ ކައިރީގައި ހުރި ސީޕްލޭން ޓާމިނަލްގެ އިމާރާތް ނުނެގި ލަސްވުމެވެ. ނަމަވެސް އެމްއޭސީއެލުން ހަރަދު ކޮށްގެން ޔާމީންގެ ސަރުކާރުގައި ހަދަން ފެށި އާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ނިމުމުން ކުރީގެ ސީ ޕްލޭން ޓާމިނަލް މިހާރު ވަނީ އެ ތަނުން ނަގައިފަ އެވެ.

ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނެއްގެ ދަށުން އާ ރަންވޭ ހެދީ އެ ގައުމުގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.

އާ ރަންވޭ ހެދުމުގެ މަޝްރޫއު 2015 ގައި ދިވެހި ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 452 މިލިއަން ޑޮލަރަށެވެ.

"އޭގެ ފަހުން ކުޑަކުޑަ ވޭރިއޭޝަނެއް އައިސްގެން އިތުރު ވެފައި ވެސް އޮންނާނެ،" އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ވިދާޅުވި އެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަދި ސަރުކާރާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އާ ރަންވޭ ބޭނުންކުރަން ފެށުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު އަދި ސަރުކާރާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އޭނާ ވިދާޅުވީ، އާ ރަންވޭގެ ފިޒިކަލް މަސައްކަތް 2017 ގައި ފަށައި 2018 ގައި ނިންމި ކަމަށެވެ.

"މި ރަންވޭގައި ހުންނާނެ ވަރަށް ގިނަ އިތުރު ކަންތައްތައް ކޮށްފައި. ޑްރެއިނޭޖު ހުންނާނެ ރަނގަޅަށް. ހައިޑްރޯ ޑްރެއިނޭޖް އަޅާފައި ހުންނާނީ. މި ޒަމާނުގެ ހުރިހާ ވަސީލަތްތަކެއް ހުންނާނެ މިތާ ހަރުކޮށްފައި ހުންނާނެ،" އެމްޔޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އާ ރަންވޭގެ މަޝްރޫއުގެ ތެރެއިން އާ ތިން ފިއުލް ފާމު ވަނީ ހަދައިފަ އެވެ.

ވީއައިއޭގެ އާ ރަންވޭގެ ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު އެ އެއާޕޯޓަށް ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވީއައިއޭގެ އާ ރަންވޭގެ ފުރަތަމަ މަތިންދާބޯޓު މިއަދު ހެނދުނު އެ އެއާޕޯޓަށް ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ބޯޓު ފަހަރަށް ތެޔޮ އަޅާނީ މި ތަން ނިމުނީމާ އެއްގޮތަކަށް ވެސް ބައުޒަރަކުން ނޫން. ލައިނުން. އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތަކީ ހިނގަހިނގައި އޮތް އެއާޕޯޓެއްގެ ތެރޭގައި އިތުރު އެއާޕޯޓެއް އެޅުން. މިއީ ކުޑަކުޑަ މަސައްކަތެއް ނޫން. ޑިސްރަޕްޝަނެއްގެ ނެތި މި ކަންތައް ކުރަމުން ދަނީ،" ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ އެމްޔޫ ވިދާޅުވި އެވެ.

އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.

އެހެންވީމާ މިތާނގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ"--- އެމްޔޫ މަނިކު

މިއަދުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަން އެމްޔޫ މަނިކު ވިދާޅުވި ގޮތުގައި، އާ ރަންވޭ ހަދާފައި ވަނީ ކޮންމެ ތިން މިނިޓަކުން މަތިންދާބޯޓެއް ޖެއްސޭ ފެންވަރަށެވެ.

"ޓާމިނަލް ބިލްޑިންގް މުޅިން ހުޅުވުނީމާ ދެން މި ޕިކްޗަ މުޅިން ކޮމްޕްލީޓް ވާނީ. އަޅުގަނޑުގެ އުންމީދަކީ މި ތަން މި ރާއްޖޭގެ ކޮންމެވެސް ކަހަލަ ހަބަކަށް [ވުން]،" އޭނާ ވިދާޅުވި އެވެ.

އެމްޔޫ ވިދާޅުވީ، އާ ރަންވޭގެ މަޝްރޫއާއެކު، އެންމެ މި ޒަމާނުގެ ކާގޯ ކޮމްޕްލެކްސްއެއް ވެސް އެބަ ހަދާ ކަމަށާއި އޭގެ މާނައަކީ ކާގޯގެ ޓްރާންސިޓް ޕޮއިންޓަކަށް ވެސް ރާއްޖެ ވުން ކަމަށެވެ.

"އެހެންވީމާ މިތާނގެ މުސްތަގުބަލް ވަރަށް ވެސް އުޖާލާ،" ޔުނިވާސަލް ރިސޯޓުތަކުގެ ޗެއާމަންކަން ވެސް ކުރައްވާ އެމްޔޫ ވިދާޅުވި އެވެ.

އާ ރަންވޭ ބޭނުންކުރަން ފެށުމުން، މިހާތަނަށް ބޭނުންކުރަމުން އައި ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.