Roadha Mihaaru
އެސްޓީއޯގެ ރޭޑިއޯގްރަފީ ކޯސް ފަށައިފި

އެސްޓީއޯ އިން ރޭޑިއޯގްރަފީގެ ދާއިރާ އަށް ދިވެހިން ތަމްރީނު ކުރަން ފަށައިފި

07 އޮކްޓޯބަރ 2022

އެސްޓީއޯގެ ހަރަދުގައި ދިވެހިން ރޭޑިއޯގްރަފީގެ ދާއިރާ އަށް ތަމްރީނުގެ ކުރުމުގެ ޕްރޮގްރާމެއް ރޭ އިފުތިތާހު ކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެސްޓީއޯގެ ހަރަދުގައި ދިވެހިން ރޭޑިއޯގްރަފީގެ ދާއިރާ އަށް ތަމްރީނުގެ ކުރުމުގެ ޕްރޮގްރާމެއް ރޭ އިފުތިތާހު ކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެމެހެއްޓެނިވި ގޮތެއްގައި ރޭޑިއޯގްރަފީ އަށް ދިވެހިން ތަމްރީނު ކުރުމުގެ ކޯސް އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ކޯސް ކުރިއަށް ގެންދަނީ ޖެނެރަލް އިލެކްޓްރޯނިކް (ޖީއީ) ހެލްތު ކެއާ އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ގުޅިގެންނެވެ.

އެސްޓީއޯ އިން ބުނީ ކޯހަށް ހުޅުވައިލުމާއެކު 90 އަށް ވުރެ ގިނަ ދިވެހިން ކުރިމަތިލި ކަމަށެވެ. ނަމަވެސް ފުރަތަމަ ބެޗަށް ހޮވީ 25 ބައިވެރިންނެވެ.

އެސްޓީއޯގެ ހަރަދުގައި ފުރިހަމަކުރާ އެ ކޯހަށް ހޮވި ފުރަތަމަ ބެޗުގެ ބައިވެރިންނަށް ރޭ ސްކޮލަޝިޕް ހަވާލުކުރި އެވެ. އެ ސްކޮލަޝިޕްގެ ދަށުން ކޯހުގެ ފީ އާއި ޕޮކެޓް މަނީ ދޭނެ އެވެ.

ކޯސް ކުރިއަށް ގެންދާނީ އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓް އަދި ޖީއީ ހެލްތު ކެއާއާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވި އެސްޓީއޯ ޖީއީ ސްކިލް ލެބްގަ އެވެ.

ދެ އަހަރާއި ހަ މަސް ދުވަހުގެ އެ ކޯހުގައި ޓެކްނިކަލް އަދި ޕްރެކްޓިކަލް ތަމްރީނުތައް ފުރިހަމަ ކުރަން ޖެހެ އެވެ. އަދި ދެ އަހަރުގެ ކިޔެވުމާ އެކު ހަ މަސް ދުވަހުގެ އިންޓާންޝިޕެއް އޮންނާނެ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ: އެސްޓީއޯ

ނައިބު ރައީސް ފައިސަލް ނަސީމް ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ ---ފޮޓޯ: އެސްޓީއޯ

ރޭ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކޯހުގެ ސަބަބުން މި ސަރުކާރުގެ ދެ އަމާޒު ކަމަށްވާ މީހުން ބިނާކުރުމާއި ސިއްހީ ދާއިރާ ލާމަރުކަޒު ކުރުމަށް އެހީވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ އާއި އެހެނިހެން ގިނަ ދާއިރާތަކުގެ މުހިންމު މަގާމުތަކުގައި ބޭރު މީހުން ތިބުމަކީ މިހާރު ވެސް ފެންނަ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ވީ ކަންތައްތައް ދަސްކުރަން. ލިބޭ ފުރުސަތުގެ ބޭނުންު ހިފަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޒިންމާދާރު އަދި ގައުމަށް ހިދުމަތްކުރާ ފަދަ ބަޔަކަށް ވުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަތެވެ.

ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ ---ފޮޓޯ: އެސްޓީއޯ

ރޭގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަ ދައްކަވަނީ ---ފޮޓޯ: އެސްޓީއޯ

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވިގޮތުގައި، ރޭޑިއޯގްރަފީގެ ތަމްރީނުތައް ރާއްޖޭގައި ފަށަން ބޭނުންވި ނަމަވެސް ބޮޑެތި ގޮންޖެހުންތަކަކާ ހެދި ފެށުން ލަސްވީ އެވެ.

"...އެސްޓީއޯ އިން އިސްނަގައިގެން މިކަން ކުރިއަށް ގެންދާތީ ހާއްސަ ޝުކުރެއް ދަންނަވަން. އެހެން އެސްއޯއީ ތަކުން ވެސް އެ ކުންފުނި ނަމޫނާއަކަށް ބަލައިގެން މިފަދަ ކަންކަން ކުރާނެ ކަމަށް އުންމީދު ކުރަން،" ނަސީމް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް 150 އަށް ވުރެ ގިނަ ރޭޑިއޯގްރާފަރުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނެވެ. އެހެންވެ، އެ ދާއިރާ އިން ދިވެހިން ތަމްރީނު ކުރުމަކީ މުހިންމު ކަމެއް ކަމަށް ނަސީމް ވިދާޅުވި އެވެ.

އެސްޓީއޯ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯ

އެސްޓީއޯ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯ

ރޭގެ ރަސްމިއްޔާތުގައި ވަނީ އެސްޓީއޯގެ ޓްރޭނިން އިންސްޓިޓިއުޓްގެ ލޯގޯ ވެސް އިފުތިތާހު ކޮށްފަ އެވެ. އެސްޓީއޯއިން ބުނީ އެއީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ބޭއްވި ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތަކުން އެންމެ ރަނގަޅު ލޯގޯ ކަމަށެވެ.

ރޭޑިއޯގްރަފީ ކޯސް ތައާރަފުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީ މުސާރަ ރަނގަޅު، ދިވެހިން ގަޔާވާނެ މުހިންމު ދާއިރާއެއް ކަމަށާއި ކުރިމަގުގައި ރޭޑިއޯގްރަފީ ދާއިރާ އިން ގިނަ ދިވެހިން ފެނުމަށް އުންމީދު ކުރައްވާ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވަނީ ވިދާޅުވެފަ އެވެ.