Roadha Mihaaru
އަރުޝަދު ދުބާއީ އިން، ލަންކާއަށް ގެންގޮސްފި

އަރުޝަދު ދުބާއީ އިން، ލަންކާ އަށް ގެންގޮސްފި

08 އޮކްޓޯބަރ 2022

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ދުބާއީގައި އުޅެނިކޮށް، ސްރީ ލަންކާ އަށް ފޮނުވާލައިފި އެވެ.

މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ އިސް މީހާ ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ހާލިދު ދުބާއީގައި އުޅެނިކޮށް، ސްރީ ލަންކާ އަށް ފޮނުވާލައިފި އެވެ.

ޑްރަގް މައްސަލައެއްގައި ދައުލަތުން ދައުވާކޮށް، ކުށް ސާބިތުނުވެ، ސަލާމަތްވެފައި ވަނިކޮށް މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގައި އިސް މީހެއް ކަމަށް ތުހުމަތުކުރާ ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ދިރިއުޅެމުން އައީ ރާއްޖެ އިން ބޭރުގަ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އަރުޝަދު ދުބާއީ ގޮސް އުޅެނިކޮށް، އޭނާ ވަނީ ސްރީލަންކާ އަށް ގެންގޮސްފަ އެވެ.

ނަމަވެސް އަރުޝަދުގެ ޕާސްޕޯޓު އޮތީ ނުހިފަހައްޓަ އެވެ.

އަރުޝަދު ލަންކާއަށް ފޮނުވާލީ ދިވެހި ފުލުހުންނާ ގުޅިގެން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

އަރުޝަދުގެ ގާނޫނީ ވަކީލު އަހުމަދު ނާޝިދު ވިދާޅުވީ، އަރުޝަދު ދުބާއީ އަށް ދިޔަ ތަނުން އެ ގައުމަށް އެތެރެވިޔަ ނުދީ އަނބުރާ ލަންކާ އަށް ފޮނުވައިލީ ދިވެހި ފުލުހުންގެ އަމުރަކަށް ބަލައިގެން ކަމަށެވެ. އެކަމަކު، އެ އަމުރުގެ އެއްވެސް ތަފުސީލެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަރުޝަދު ދިރިއުޅެނީ ލަންކާގައި ކަން ހައި ކޯޓަށް ވެސް ކްރިމިނަލް ކޯޓަށް ވެސް އެނގޭނެ. އޭނާ ނޫޅޭ ފިލައިގެނެއް. އޭނާ އަށް ކުރާ ބޭސްފަރުވާ އާއި އޭގެ ތަފުސީލުތައް އޮންނާނީ ކޯޓަށް ދީފައި. އަނެއްކާ އަރުޝަދަށް އަމުރެއް ރައްދު ނުވެގެން ވަކީލުންނަށް އަންގައިފައެއް ނެތް،" ނާޝިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަރުޝަދު ލަންކާ އިން މާލެ ނުގެނެވި ލަސްވަނީ ޑޮކިއުމަންޓެއް މަދުވެގެން ކަމަށް ވަނީ އެނގިފަ އެވެ.

"އަރުޝަދު ހުރީ ލަންކާގައި ބަންދެއްގައެއް ވެސް ނޫން. އަޅުގަނޑުމެންނަށް ގުޅަން ވެސް ގުޅޭ. ދުބާއީ އިން އަނބުރާ ފޮނުވާލީމާ ދެން ދާން ޖެހޭނީ އެ މީހަކު އުޅޭ ގައުމަށް. އެ ގޮތުން އޭނާ ލަންކާ އަށް ފޮނުވާލީ،" ގާނޫނީ ވަކީލު ވިދާލުވި އެވެ.

އަރުޝަދާއި އިތުރު ބަޔަކަށް އެންމެ ފުރަތަމަ ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު މާލޭގެ ބައެއް ގެތައް ފާސްކޮށް، ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާ ފެނުނު މައްސަލާގަ އެވެ. އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިޔަސް، ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އެ މައްސަލަ މިހާރު އޮތީ ހައިކޯޓުގަ އެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅު މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލާގެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ވެސް އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އެކަމަކު އޭރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވާތީ އޭނާ ހައްޔަރެއް ނުކުރެވެ އެވެ.

ވަކީލު ނާޝިދު ވިދާޅުވީ، އެ މައްސަލައިގައި ވެސް އަރުޝަދު ހޯދަން ފުލުހުން މަސައްކަތް ކުރާ ކަމަށް އެނގިފައި ނުވާ ކަމަށެވެ.

"ފިލައިގެން އުޅޭ މީހުން ހޯދަން ފުލުހުން އަމަލުކުރާ ގޮތަކަށް އެއްވެސް ކަމެއް ނުކުރޭ އަރުޝަދު ހޯދާކަށް،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް ދަނީ ހިނގަމުންނެވެ.