Roadha Mihaaru
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި

ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވައިފި

10 އޮކްޓޯބަރ 2022

ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފި އެވެ.

ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރާ ނަފުސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މަރުކަޒު ހުޅުއްވައި ދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.

އިންޑިއާގެ ކެޑަބަންސް ގްރޫޕްގެ އެހީއާއެކު، ވިލިމާލެ ހޮސްޕިޓަލްގެ ކަނބިލި ބިލްޑިންގްގައި ހެދި މަރުކަޒު ހުޅުއްވައި ދެއްވުމަށް ފަހު ފަސްޓް ލޭޑީ ވިދާޅުވީ ނަފުސާނީ ރަނގަޅު ސިއްހަތެއް ލިބޭނީ އެ ކަމަށް އެންމެން މަސައްކަތް ކޮށްގެން ކަމަށެވެ. އެފަދަ މައްސަލަތަަކަށް ފަރުވާ ދިނުމަކީ ހަމައެކަނި މެންޓަލް ހެލްތު ސެންޓަރުގެ ޒިންމާއެއް ނޫން ކަމަށް ވެސް އެ ކަމަނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ދޭ އެހެން ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް އެ ކަމަށް މަސައްކަތް ކޮށްދިނުމަށް ފަޒްނާ އެދިވަޑައިގަތެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ފަޒްނާ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ފަޒްނާ ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވިގޮތުގައި، ހިދުމަތް ހޯދާ މީހުން އިތުރުވަމުން ދިއުމާއެކު ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް ވެސް ތަރައްގީ ކުރަން ޖެހެ އެވެ. އިތުރުވަމުން އަންނަ އާބާދީއާއެކު، ނަފުސާނީ މައްސަލަތަކާ ގުޅުން ހުރި ކަންކަން ވެސް ރިޕޯޓުކުރާ ވަރު އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މިދިޔަ އޮގަސްޓް 2 ގައި ނަފުސާނީ މައްސަލަތަކަށް ފަރުވާ ދޭން ފެށި ފަހުން މިހާތަނަށް 255 މީހަކަށް ހިދުމަތް ދީފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވިގޮތުގައި، ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް އެންމެ ދަތިވަނީ އެކަށީގެންވާ ވަރަށް ދިވެހިން ނެތުމުންނެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ފަޒްނާ، އެ ސެންޓަރު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރު ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ފަޒްނާ، އެ ސެންޓަރު ބައްލަވާލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހުޅުމާލެ ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރުގެ ހިދުމަތް މި ފެށީ ދެ ސައިކޭޓްރިސްޓަކާއި ދެ ކްލިނިކަލް ސައިކޮލޮޖިސްޓް އަދި ކައުންސެލަރަކާއެކުގަ އެވެ.

އެ ތަނުން ސައިކޭޓްރީ އާއި ސައިކޮލޮޖީ އާއި ކައުންސެލިން އަދި އޮންލައިން ކޮންސަލްޓޭޝަންގެ ހިދުމަތް ދޭނެ އެވެ. ވަކިވަކި ބަލި މީހުންނާއި ތެރަޕީ އާއި ކައުންސެލިންގެ ހިދުމަތާއި އާއިލާތަކަށް ފެމިލީ ތެރަޕީގެ ހިދުމަތާއި ސްކޫލްތަކުގެ ކުދިންނަށް ވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގާނެ އެވެ.

އެ ހޮސްޕިޓަލުގައި ކޮންސަލްޓޭޝަން އެޕޮއިންޓްމަންޓް ހެދުމަށާއި އޮންކޯލް-ސައިކޭޓްރިސްޓް ހިދުމަތް ދިނުމަށް ކޯލް ސެންޓަރު ނަމްބަރު، 1417 ވަނީ ހަމަޖައްސައިފަ އެވެ.