Roadha Mihaaru
ބޮޑު އާބާދީއަކަށް ހުޅުމާލެ ހޮސްޕިޓަލް ތައްޔާރެއް ނޫން

އާބާދީ ބޮޑުވަނީ، އެކަމަކު ހުޅުމާލެ ހޮސްޕިޓަލް އޮތީ ވަރަށް ފަހަތުގައި!

16 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ މަންޒަރު ވަރަށް ރީއްޗަށް ފެންނަމުން ދިޔަ އެވެ. އެއީ ނޭނގި ހުއްޓާ، ނުވަތަ ކުއްލިއަކަށް ވީ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ވެސް 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ، އަދި ކުޑަ ދުވަސްކޮޅެއްގައި އިތުރު 30،000 މީހުން ދިރިއުޅެން ފަށާ އެ އަވަށުގައި ސިއްހީ ހިދުމަތާ ދޭތެރޭ އޮތީ ޝަކުވާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ މަންޒަރު ވަރަށް ރީއްޗަށް ފެންނަމުން ދިޔަ އެވެ. އެއީ ނޭނގި ހުއްޓާ، ނުވަތަ ކުއްލިއަކަށް ވީ ކަމެއް ނޫނެވެ. އެކަމަކު، މިހާރު ވެސް 70،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ، އަދި ކުޑަ ދުވަސްކޮޅެއްގައި އިތުރު 30،000 މީހުން ދިރިއުޅެން ފަށާ އެ އަވަށުގައި ސިއްހީ ހިދުމަތާ ދޭތެރޭ އޮތީ ޝަކުވާ އެވެ.

އޭގެތެރޭގައި، އެ ތަނުގައި ސަރުކާރުން ހިންގާ ހަމައެކަނި ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލްގެ ހާލަތު ވަރަށް ދަށް ކަމެވެ. ހިޔާ ފްލެޓުތަކާ އެކު އާބާދީ އިތުރުވަމުން ދާއިރު އާބާދީއާ އެއްވަރުގެ ބަދަލެއް ހޮސްޕިޓަލުން ފެންނަން ނެތް ކަމެވެ. ހަގީގަތަކީ އަދި އާއްމުންގެ ޝަކުވާއަކީ ލައްކައެއްހާ މީހުންގެ އާބާދީއަކަށް ހުޅުމާލެ ހޮސްޕިޓަލް ތައްޔާރުވެވިފައި ނުވާކަމުގެ ކަންބޮޑުވުންތަކެވެ.

ހުޅުމާލެ ހޮސްޕިޓަލުން މި ފަހުން ފަރުވާ ހޯދި ޒުވާނަކު، އޭނާގެ ޝަކުވާތައް ބަންޑުންކޮށްލި އެވެ.

އޭނާ ބުނީ ބޮޑު ބައްޔެއްގައި ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓަލްގައި އެޑްމިޓުކޮށްފައި އޮތް އިރު، އެންމެ އުނދަގޫވީ ޓެސްޓުތައް ހެދުމުގައި ކަމަށެވެ. އެ ޓެސްޓުތައް ހުޅުމާލެ ހޮސްޕިޓަލުން ނުހެދޭތީ އައިޖީއެމްއެޗަށް ދިއުމަށް ކިތަންމެ ފަހަރަކު އެދުނު ކަމަށް ވެސް އެ ޒުވާނާ ބުންޏެވެ.

"ޑޮކްޓަރުން ވެސް ރިކޮމެންޑުކުރޭ އައިޖީއެމްއެޗުން ޓެސްޓުތައް ހަދަން. އެކަމަކު އައިޖީއެމްއެޗްގެ ހާލަތަކީ ވެސް އެއީ. ބޮޑު ކިއުއެއް މި އޮންނަނީ. ހަމައެކަނި އައިޖީއެމްއެޗަށް ބަލި މީހުން ރެފާ ކުރާ ތަނެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް މި ފެނުނީ،" އޭނާ ބުންޏެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ސިފަކުރި ގޮތުގައި، ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ރަށުގައި ހޮސްޕިޓަލްގެ ބޯޑު އަޅުވައިގެން ސަރުކާރުން ހިންގަނީ ސިއްހީ މަރުކަޒެކެވެ.

"އެމްބިއުލާންސަށް ގުޅައިގެން ވެސް އެތައް އިރެއް ފަހުން މި އާދެވުނީ. އޭރު ހިޔާ ފްލެޓުގައި މީހުން ދިރިއުޅޭކަށް ނުފަށާ. މިހާރުގެ ހާލަތު އެއަށްވުރެ ގޯސްކޮށް މި ދައްކަނީ،" ޒުވާނާގެ ޝަކުވާތައް އޮއްސާލި އެވެ.

ހުޅުމާލޭގައި މިހާރު ވެސް އަމިއްލަ ކްލިނިކާއި ހޮސްޕިޓަލްތައް ހުރި ނަމަވެސް އިތުރު އޮޕްޝަނެއްގެ ގޮތުގައި ސަރުކާރުން ބަލަން އެއީ ރަނގަޅު ތަންތަނެއް ނޫނެވެ. ސަބަބަކީ، އެ ތަންތަނުން ފަރުވާ ހޯދުމުގެ ގާބިލްކަން އެންމެންގެ ނެތުމެވެ.

އެހެންވެ، ދިރިއުޅޭ މީހުންގެ އާބާދީއާ ބަލައި، ހިދުމަތްތައް ފުޅާނުކުރާ ނަމަ ހުޅުމާލެ ހޮސްޕިޓަލުން ވެސް ފެންނާނީ އައިޖީއެމްއެޗްގެ މަންޒަރެވެ. ފަރުވާ ހޯދަން އެތައް ދުވަހެއް ވަންދެން ކިއުގައި ތިބުމަށްފަހު، ފަރުވާ ލަސްވެ މީހާ މަރުވެގެންދާ ތަނެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު، އެ ހޮސްޕިޓަލްގެ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު، އެ ހޮސްޕިޓަލްގެ މަސައްކަތްތަކާ ގުޅޭގޮތުން މިދިޔަ ހަފުތާގައި "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންމެ ބޮޑު ގޮންޖެހުން: ޖާގައިގެ ދަތިކަން

އެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވި ގޮތުގައި ހުޅުމާލެ ހޮސްޕިޓަލާ ދޭތެރޭ މީގެ ކުރިން މީހުން ވިސްނީ ވަރަށް ދަށް ފަންތީގެ ތަނެއްގެ ގޮތުގައި ކަމަށެވެ. އެކަމުގެ ސަބަބުން އެ ތަނަށް އަންނަންޖެހޭ ކުރިއެރުންތައް ނުލިބި ލަސްވެގެންދިޔަ އެވެ.

ނަމަވެސް، 2019 ވަނަ އަހަރު އައިޖީއެމްއެޗްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި މާރިޔާ ހުންނެވީ ހޮސްޕިޓަލަށް އަންނަ ބަދަލުތަކާއި ލިބޭ ކުރިއެރުންތަކާ މެދު ހިތްހަމަޖެހިވަޑައިގެންފަ އެވެ.

އޭނާގެ ވެސް އޮތީ އެންމެ ކަންބޮޑުވުމެކެވެ؛ ޖާގައިގެ ދަތިކަމެވެ.

އޯޕީޑީން 300 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާއިރު، އެކަށީގެންވާ ވަރަކަށް ޑޮކްޓަރުންނެއް ނެތް. އެތާނގައި ތިބީ މެޑިކަލް އޮފިސަރުންގެ 32 ޑޮކްޓަރުންނާއި ސްޕެޝަލިސްޓް 36 ޑޮކްޓަރުން.

މާރިޔާ ވިދާޅުވީ އެ ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް އޯޕީޑީން 300 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާއިރު، އެކަށީގެންވާ ވަރަކަށް ޑޮކްޓަރުންނެއް ވެސް ނެތެވެ. އެ ހޮސްޕިޓަލުގައި ތިބީ މެޑިކަލް އޮފިސަރުންގެ ގޮތުގައި 32 ޑޮކްޓަރުން އަދި ސްޕެޝަލިސްޓް 36 ޑޮކްޓަރުންނެވެ.

"ޖެނަރަލް ހޮސްޕިޓަލްތަކުގައި ދޭ ގިނަ ހިދުމަތްތައް ދެން. ބައެއް ސްޕެޝަލިސްޓުންނެއް ނެތް. ނަމަވެސް ރޭވިފަައި އެބަހުރި ޕްލޭންތަކެއް. އާބާދީ ބޮޑުވަމުން ދާތީ މިހާރު ދޭ ހިދުމަތްތަކުގެ ވެސް ވޮލިއުމް ބޮޑުވަމުން އެބަދޭ. މިސާލަކަށް ޑައިލެސިސް ފަދަ އޮންގޮއިން ޓްރީޓްމަންޓުތަކުގެ މީހުންނަށް އިތުރު ރިކުއެސްޓުތައް ފާހަގަ ކުރެވޭ،" "މިހާރު" އަށް ދެއްވި އިންޓަވިއުގައި މާރިޔާ ވިދާޅުވި އެވެ.

"އައިޖީއެމްއެޗް އާ އެއްވަރަށް މިހާރު އޯޕީޑީ އަށް މީހުން ފަރުވާ ހޯދަން އާދޭ. އިމަޖެންސީގައި އާދޭ. ސްޕެޝަލިސްޓު އޯޕީޑީގައި ސްޕެޝަލިސްޓުން ވެސް މަދު. އައިޖީއެމްއެޗާ ބަލާއިރު ދަށް. ސުޕަ ސްޕެޝަލިސްޓުންނެއް ނެތް. ނަމަވެސް މިހާރު ފިޒިޝަންސް ވެސް އިތުރުކޮށްފިން."

ބައި ލައްކައަށްވުރެ ބޮޑު އާބާދީއެއް ބޭނުންކުރަން ހުޅުމާލެ ހޮސްޕިޓަލުގައި މި ވަގުތު އޮތީ ހަމަ އެންމެ އެމްބިއުލާންސްއެކެވެ. ކުރިން ގެންގުޅުނު އެމްބިއުލާންސް ހަލާކުވެގެން ބޭނުން ނުކުރެވޭތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ބޭނުންކުރާ ހަމައެކަނި އެމްބިއުލާންސް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ ހޮސްޕިޓަލްގައި ބޭނުންކުރާ ހަމައެކަނި އެމްބިއުލާންސް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވި ދެ ވަނަ ފިޔަވަހިން ބަލި މީހަކު ގޮވައިގެން އައިޖީއެމްއެޗަށް އެމްބިއުލާންސް ގޮސް އައުމަށް އެއްގަޑިއިރު ހޭދަވާ ކަމަށެވެ. މާނައަކީ، އައިޖީއެމްއެޗަށް ދަތުރެއް ކުރާނަމަ އެއް ގަޑިއިރަށް ހިދުމަތް ޑައުންވާ ކަމެވެ.

މާރިޔާ ގަބޫލުކުރައްވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލަށް އެމްބިއުލާންސް ނުގެނެސް ލަސްވެގެން އުޅެނީ ގައުމީ އެމްބިއުލާންސް ހިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވާތީ އެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓުން އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާސަންދައިން އެ ހޮސްޕިޓަލް ހިންގިއިރު ފެށި ހަ ބުރީގެ އިމާރާތެއް ހަދަން ފެށި އެވެ. އެކަމަކު އެ ކުންފުނީގެ ދަށުން އެ ހޮސްޕިޓަލް އަތުލުމުން އެ މަސައްކަތް ވެސް ހުއްޓިގެން ދިޔައީ އެވެ. ފަހުން އޭގެ މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.

އެކަމަކު، އާބާދީއާ އެއްވަރަށް ފަރުވާ ދިނުމަށް އެ އިމާރާތް ވީހާ ވެސް އަވަހަކަށް ބޭނުންކުރުން ވަރަށް މުހިއްމެވެ.

އެ ހޮސްޕިޓަލް މިހާރު ވެސް ހިންގަނީ ހަ ބުރީގެ އިމާރާތެއްގަ އެވެ. އެކަމަކު، މި ފަހަކާ ޖެހެންދެން އެ ތަނުން ބޭނުންކުރަމުން ދިޔައީ ދެ ތިން ފްލޯއެކެވެ. އެކަމަކު އިތުރު ކޮންސަލްޓޭޝަން ރޫމުތައް ހަދައި އެ ހުރިހާ ފްލޯއެއް ވެސް ބޭނުންކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަބަދު އެކްސިޑެންޓުތައް ހިނގާލަ ހިނގާލަ އޮންނަ ހުޅުމާލޭ ހޮސްޕިޓަލުގައި އައިސީޔޫއެއް ވެސް މިހާރު ނެތެވެ. ހާލު ދެރަވެއްޖެ ނަމަ ފޮނުވާލަން މި ޖެހެނީ ބާރުބޮޑު އައިޖީއެމްއެޗަށެވެ. އެކަމަކު ހިދުމަތްތައް ފުޅާކުރުމަށް އަންނަ އަހަރަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި އައިސީޔޫ، އެންއައިސީޔޫ އަދި އިމަޖެންސީ ރޫމް ބޮޑުކުރުން ހިމެނެ އެވެ.

އެ ބަދަލުތަކުން މި ވަގުތު އޮތް ޑިމާންޑަށް ފަރުވާ ދެވޭނެކަމުގެ ޔަގީންކަން މާރިޔާ ދެއްވަ އެވެ.