Roadha Mihaaru

އެމްއެންޔޫ އިން ޕާކިސްތާނަށް އެހީވާން ފަންޑު ފޮއްޓެއް ހުޅުވައިފި

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

އެމްއެންޔޫ އިން ޕާކިސްތާނަށް އެހީވާން ފަންޑު ފޮއްޓެއް
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

10 އޮކްޓޯބަރ 2022

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

"ހެލްޕް ޕާކިސްތާން ފަންޑް" ހުޅުވީ އެމްއެންޔޫ ދަރިވަރުންގެ ޔޫނިއަން ގޮފި، ސޮސައިޓީ ފޯ ޝަރިއާ އެންޑް ލޯ (އެސްއެސްއެލް) އިން އިސްނަގައިގެންނެވެ.

މިއަދު އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ފަންޑު ފޮށި ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދެވެ.

ޕާކިސްތާނަށް އެހީވާން ފަންޑު ފޮށި ހުޅުވުމަސް އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕާކިސްތާނަށް އެހީވާން ފަންޑު ފޮށި ހުޅުވުމަސް އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެސްއެސްއެލް އިން ބުނީ މި ވަގުތު ފަސް ފަންޑު ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އެމްއެންޔޫ މަރުކަޒީ އިދާރާގައި ބަހައްޓާ ދެ ފޮއްޓާއި، އެމްއެންޔޫ ބިޒްނަސް ސްކޫލްގައި ފޮއްޓަކާއި، ސްކޫލް އޮފް ނާސިންގައި ފޮއްޓަކާއި މިހާރު ކުރިއަށްދާ އެމްއެންޔޫއެސްޔޫ ފުޓްސެލް މުބާރާތުގެ މެޗުތައް އޮންނަ ވަގުތު، އެ ސަރަހައްދުގައި ބަހައްޓާ ފޮއްޓެވެ.

އަތޮޅުތެރޭގައި ހުންނަ އެމްއެންޔޫގެ ކެމްޕަސްތަކުގައި ވެސް ފަންޑުފޮށި ބެހެއްޓުމަށް މަޝްވަރާ ކުރަމުން އަންނަކަމަށް އެސްއެސްއެލް އިން ބުންޏެވެ.

އޮންލައިންކޮށް އެހީވާން ބޭނުންވާ ފަރާތްތަކުން އެކައުންޓް ނަންބަރު 7703701413002 އަށް ފައިސާ ފޮނުވޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޒުލްގަރުނައިން ވިދާޅުވީ ހިތާމަވެރި ހާދިސާތައް ދިމާވުމުން އެހީވާ ފަރާތްތައް ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު މިއަދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގަރުނައިން އަހުމަދު މިއަދު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އެސްއެސްއެލްގެ ދަރިވަރުން އިސްނަގައިގެން މިފަދަ ކަމެއް ފެށުމުން، އަޅުގަނޑުމެންނަށް މި ފެންނަނީ މި ޔުނިވަސިޓީގެ ރަނގަޅު ތަރުބިއްޔަތު،" ޒުލްގަރުނައިން ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، އެމްއެންޔޫގެ ބައެއް ދަރިވަރުންނާއި، ލެކްޗަރާއިން އަދި ރަސްމިއްޔާތުގައި ބައިވެރިވި އިސްވެރިން ވަނީ އެ ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކޮށްފަ އެވެ.

މިދިޔަ ޖޫން މަހު ޕާކިސްތާނަށް ކުރި ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމާ އެކު ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ހާދިސާތައް މެދުވެރިގެން 1،700 އެއްހާ މީހުން މިހާތަނަށް މަރުވެ، 33 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.