Roadha Mihaaru
އިންޑިއާ އިން ބެލެސްޓިކް މިސައިލެއް އަޖުމަ ބަލައިފި

އިންޑިއާ އިން ބެލެސްޓިކް މިސައިލެއް އަޖުމަ ބަލައިފި

16 އޮކްޓޯބަރ 2022

އިންޑިއާގެ އަސްކަރިއްޔާ އިން ކާމިޔާބު ކަމާއެކު، ބެލިސްޓިކް މިސައިލެއް އަޖުމަ ބަލައިފި އެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން ކާމިޔާބު ކަމާއެކު، ބެލިސްޓިކް މިސައިލެއް އަޖުމަ ބަލައިފި އެވެ.

އިންޑިއާގެ ދިފާއި ވުޒާރާ އިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އަޖުމަ ބެލުމުގެ ގޮތުން ބެލިސްޓިކް މިސައިލް އުދުއްސައިލީ، އިންޑިއާގައި އަމިއްލަ އަށް ބަނދެފައިވާ، ނިއުކްލިއާ ހަކަތައިން ދުއްވާ ފުރަތަމަ ސަބްމެރިން ކަމަށްވާ އައިއެންއެސް އަރިހަންތު އިންނެވެ. ސަބްމެރިން އިން ފޮނުވައިލި މިސައިލް އެއަށް ކަނޑައެޅިފައިވާ އަމާޒަށް ބަރާބަރަށް ފޯރި ކަމަށް އިންޑިއާ އިން ބުނެ އެވެ.

އަޖުމަ ބެލި މިސައިލް ފޮނުވައިލީ ބޭ އޮފް ބެންގޯލްގެ ތެރެއިން ކަނޑައަޅާފައި ހުރި އަމާޒަކަށެވެ. އެ އަމާޒަށް މިސައިލް ދަތުރުކުރުމުގައި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ބަރާބަރަށް ކަމަށާއި މިސައިލްގައި ބޭނުންކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ވަރަށް ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް ވެސް އިންޑިއާގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.

އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އެ ގައުމަކީ، ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ގެންގުޅޭ ހަ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ފަސް ގައުމަކީ އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ފަރަންސޭސި ވިލާތް އަދި ޗައިނާ އެވެ.

ހުކުރު ދުވަހުގެ މި އަޖުމަ ބެލުމަކީ އަސްކަރީ އާލާތްތައް އަމިއްލަ އަށް އުފެއްދުމުގެ ގާބިލުކަން ލިބިގަތުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފަތުރަމުން ދިއުމަށް ދެވޭ ރަނގަޅު ރައްދަކަށް ވާނެ ކަމަށް ވެސް އިންޑިއާ އިން ދެކެ އެވެ.

އިންޑިއާގައި އަމިއްލަ އަށް އުފެއްދި، މަތިންދާބޯޓު އުފުލާ މަނަވަރު އައިއެންއެސް ވިކްރާންތު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ޚިދުމަތަށް ނެރެފަ އެވެ. އެ މަނަވަރު ބަނދެ އަޖުމަ ބެލުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް 17 އަހަރު ހޭދަވި އެވެ. ދިގުމިނުގައި 262 މީޓަރު ހުންނަ ވިކްރާންތު އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އަސްކަރީ އެއް އުޅަނދަށް ވާނެ އެވެ.

އިންޑިއާ އިން އަމިއްލަ އަށް އުފެއްދި، ނިއުކްލިއާ ހަކަތައިން ދުއްވާ ފުރަތަމަ ސަބްމެރިން، އައިއެންއެސް އަރިހަންތު ޚިދުމަތަށް ނެރުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންޑިއާ އިން ވަނީ، ސަބްމެރިން އިން ފޮނުވައިލައިގެން އެއްގަމަށް ހަމަލާ ދޭ ޒާތުގެ ދެ މިސައިލެއް އުފައްދައިފަ އެވެ. އޭގެ ތެރެއިން އެއް މިސައިލަކީ 3500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެކެވެ.