Roadha Mihaaru
އީރާނުން އަސްކަރީ ހޭދަ އިތުރުކޮށް ބާރު ގަދަކުރަނީ

އީރާނުން އަސްކަރީ ހޭދަ އިތުރުކޮށް މިސައިލް ތަރައްގީ ކުރަނީ

10 ޖެނުއަރީ 2017

އީރާންގެ އަސްކަރީ ހޭދަ އިތުރު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި މަޝްރޫއަށް އެ މަޖިލީހުން އިއްޔެ ރުހުން ދީފި އެވެ.

އީރާންގެ އަސްކަރީ ހޭދަ އިތުރު ކުރުމަށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ސަރުކާރުން ހުށަހެޅި މަޝްރޫއަށް އެ މަޖިލީހުން އިއްޔެ ރުހުން ދީފި އެވެ.

މި މަޝްރޫއުގައިވާ ގޮތުން އީރާންގެ މި އަހަރުގެ ބަޖެޓްގެ ފަސް ޕަސެންޓް ޚާއްސަ ކޮށްފައިވަނީ އަސްކަރީ ޚަރަދުތަކަށެވެ. އޭގެ ތެރޭގައި އީރާނުން އުފައްދާފައިވާ ދުރު ރާސްތާގެ މިސައިލް އިތުރަށް ތަރައްގީ ކުރުން ހިމެނެ އެވެ.

އީރާންގެ މި ނިންމުމާ އެކު އެ ގައުމާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ކޯޅުން އިތުރަށް ބޮޑުވެގެންދާނެ އެވެ. އެހެނީ، އެމެރިކާގެ ރައީސްގެ މަގާމާ މި މަހު 20 ގައި ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕް ވަނީ އީރާންގެ ދުރު ރާސްތާ މިސައިލް މަޝްރޫއު ހުއްޓުވުމަށް ވައުދުވެވަޑައިގެންފަ އެވެ.

އީރާނުން ދާދި ފަހުން އަޖުމަބެލި މިސައިލް، އޭގެ އަމާޒަށް ފޮނުވާލަނީ. --ފޮޓޯ ރޮއިޓާސް

އީރާނުން ދާދި ފަހުން އަޖުމަބެލި މިސައިލް، އޭގެ އަމާޒަށް ފޮނުވާލަނީ. --ފޮޓޯ ރޮއިޓާސް

އީރާންގެ އަސްކަރީ ހޭދަ އިތުރު ކުރުމަށް މި ފާސްކުރީ، ދާދި ފަހުން ބެލެސްޓިކް މިސައިލެއް ވެސް އަޖުމަ ބަލާފައި ވަނިކޮށެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން ބުނާ ގޮތުގައި އީރާނުން ބެލެސްޓިކް މިސައިލެއްގެ އަޖުމަ ބެލީ، އެ ގައުމާ ދެކޮޅަށް އދ. އިން ފާސްކޮށްފައިވާ ގަރާރާ ޚިލާފަށެވެ.

އީރާނަގެ ނިއުކްލިއާ މަޝްރޫއު ހުއްޓުވުމަށް ފާސްކުރި އެ ގަރާރުގައިވާ ގޮތުން، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިގެންވާ ބެލެސްޓިކް މިސައިލް އުފެއްދުމަކީ މަނާ ކަމެކެވެ. ނަމަވެސް އީރާނުން ބުނާ ގޮތުގައި އެ ގައުމުން އަޖުމަ ބެލި މިސައިލަކީ ނިއުކްލިއާ ހަތިޔާރު އުފުލުމަށް އުފައްދާފައިވާ އެއްޗެއް ނޫނެވެ.

އަސްކަރީ ހޭދަ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި މަޝްރޫއަށް، ގާނޫނު ހަދާ މަޖިލީހުގެ 173 މެމްބަރުން ތާއީދު ކުރެއްވި އެވެ. އެ މަޝްރޫއާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ 10 މެންބަރުންނެވެ.

އީރާނުން އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކެއް އަސްކަރީ ދައްކާލުމެއްގައި ބައިވެރި ކުރަނީ. --ފޮޓޯ ރޮއިޓާސް

އީރާނުން އުފައްދާފައިވާ ބެލިސްޓިކް މިސައިލްތަކެއް އަސްކަރީ ދައްކާލުމެއްގައި ބައިވެރި ކުރަނީ. --ފޮޓޯ ރޮއިޓާސް

އަސްކަރީ ހޭދަ އިތުރު ކުރުމުގެ މަޝްރޫއު އަމާޒު ކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެއީ ސަރަހައްދީ ބާރެއްގެ ގޮތުގައި އީރާން ދެމެހެއްޓުމަށް ބޭނުންވާ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށްޓަކައި ބަޖެޓްގެ ފަސް ޕަސެންޓް އަސްކަރީ ހޭދަތަކަށް ޚާއްސަ ކުރުމަށް ހުށަހެޅި މަޝްރޫއެކެވެ.

އެމެރިކާ ސަރުކާރުން ބުނި ގޮތުގައި އީރާނުން ކުރި ބެލެސްޓިކް މިސައިލްގެ ޓެސްޓަކީ އީރާނާ އެކު އެމެރިކާ އިން ވެފައިވާ ނިއުކްލިއާ އެއްބަސްވުމާ ޚިލާފު ކަމެއް ނޫނެވެ. ނަމަވެސް އެ އެއްބަސްވުމަކީ އެމެރިކާ އިން މިހާތަނަށް އެއްބަސްވެފައިވާ އެންމެ ގޯސް އެއްބަސްވުން ކަމަށް ސިފަ ކުރައްވާ ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އީރާންގެ މިސައިލް މަޝްރޫއު ހުއްޓުމަކަށް ގެންނަވާނެ އެވެ. (ރޮއިޓާސް)