Roadha Mihaaru
ހުޅުމާލެ މަޝްރޫއު: މައުމޫނުގެ ވެރިކަމުގެ އުސްއަލި

ހުޅުމާލެ މަޝްރޫއު: މައުމޫނުގެ ވެރިކަމުގެ އުސްއަލި

16 އޮކްޓޯބަރ 2022

އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި، ހުޅުމާލެ މަޝްރޫއަކީ ކިހާ މުހިއްމު މަސައްކަތެއްތޯ ސުވާލު ދެންނެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދެއްވީ ކުރު ޖަވާބެކެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި، ހުޅުމާލެ މަޝްރޫއަކީ ކިހާ މުހިއްމު މަސައްކަތެއްތޯ ސުވާލު ދެންނެވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ދެއްވީ ކުރު ޖަވާބެކެވެ.

ވިދާޅުވީ އެ އަށް ވުރެ ވަކި ބޮޑު ކަމެއް ކުރެއްވިފައި އޮތް ކަމަކަށް ކުއްލިއަކަށް ހިތްޕުޅަށް ނާރާ ކަމަށެވެ.

މީގެ 25 އަހަރު ކުރިން މިއަދު ހުޅުލޭ އުތުރުފަރާތު ފަޅުތެރޭގައި އޮތް ބާޖަކަށް އަރާވަޑައިގެން ހުންނަވައި، މައުމޫން އިފްތިތާހު ކޮށްދެއްވި ހުޅުމާލެ މަޝްރޫއަކީ، ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ ބޮޑު އުމްރާނީ މަސައްކަތެވެ. އަދި އެއީ އަސާސީ ތައުލީމުން ފަށައި ޔުނިވާސިޓީ ތައުލީމާ ހަމައަށް ރާއްޖެ ގެންގޮސްދިން އަދި މަސްވެރިކަމަށް ބަރޯސާވެފައި އޮތް އިގްތިސާދު އެކި ސިނާއަތްތަކަށް ފުޅާކޮށްދެއްވި މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ އުސްއަލި ވެސް މެ އެވެ.

އެންމެ ފުރަތަމަ، ކޮންނަ ބޯޓު ބާއްވައިލެވޭވަރުގެ ބިންކޮޅެއް ހިއްކައިގެން ފެށި އެ މަޝްރޫއު 2002 ގައި ނިންމާލީ ލައްކައެއްހާ މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ވަރުގެ ރަށެއް ހިއްކައިގެންނެވެ. މިއަދު އެ ރަށް ފެންނަނީ ރީތި މަގުތަކާއި ފެހި ޕާކުތަކާއި ހިތްގައިމު ފްލެޓްތަކުން ފުރިފައިވާ ތަހުޒީބު ސިޓީއެއްގެ ގޮތުގަ އެވެ. އެކަމަކު މީގެ އަހަރުތަކެއް ކުރިން އެ މަސައްކަތް ފެށިއިރު ކުރިއަށްދާން އޮތީ ދަތި، އުނދަގޫ ރާސްތާއެކެވެ.

"އޭރު އެ ވަރުގެ ޕްރޮޖެކްޓެއް ހިންގާނެ ވަސީލަތެއް ރާއްޖެއަކު ނެތް. ފައިސާ ވެސް ނެތީ. ހިއްކަން ބޭނުންވާ އެހެނިހެން ވަސީލަތްތައް، މިސާލަކަށް ޑްރެޖަރާއި އެފަދަ ސާމާނެއް ވެސް ނެތް. އެހެންވެ އެކަންވީ ބޮޑު ގޮންޖެހުމަކަށް،" 'މިހާރު' އަށް މިއަދު ދެއްވި ކުރު އިންޓަވިއުއެއްގައި މައުމޫން ވިދާޅުވި އެވެ.

ހުޅުމާލެ ހިއްކުން އިފްތިތާހުކުރި ރަސްމިއްޔާތުގައި މައުމޫން އެ މަސައްކަތް ފަށްޓަވައިދެއްވަނީ.

ހުޅުމާލެ ހިއްކުން އިފްތިތާހުކުރި ރަސްމިއްޔާތުގައި މައުމޫން އެ މަސައްކަތް ފަށްޓަވައިދެއްވަނީ.

މައުމޫން 1978 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މާލެ އަށް އޮތީ ބިމުގެ ދަތިކަން ފޯރައިފަ އެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި މާލޭގެ ހުޅަނގު ފަރާތު ފަޅުތެރެ އަމިއްލަ މީސްމީހުން ހިއްކައިގެން ގޯތި ކެނޑި އެވެ. މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން އެކަން ނިޒާމީ ގޮތެއްގައި ކުރިއަށް ގެންދަވައި ހުޅަނގު ފަރާތް ހިއްކަވައި މާލެ އަށް ބިން އިތުރުކުރެއްވި އެވެ. އަދި އޭރު ރާއްޖެ އަށް އާ ކޮންސެޕްޓެއް ކަމަށްވާ، ފްލެޓް ވެސް ބިނާކުރެއްވި އެވެ.

އެކަމަކު އެ ވަރުން ވެސް ބިމުގެ ދަތިކަމަށް ހައްލެއް ނައުމުން، ފަޅެއް ހިއްކައިގެން ރަށެއް ހެދުމުގެ ހިޔާލު 1994 ވަނަ އަހަރު ކެބިނެޓުގައި ދައުރުވާން ފެށި އެވެ. ނަމަވެސް ފައިސާގެ ގޮތުންނާއި ވަސީލަތްތައްކުގެ ގޮތުން ބަލާއިރު އެއީ ކުރެވިދާނެ ކަމެއް ކަމަށް ނުފެންނާތީ، އެ ވާހަކަތައް އޮބެނީ އެވެ.

"އެއްވެސް ބޭފުޅަކު ވިދާޅެއް ނުވޭ ތިއީ ނުވާނެ ކަމެކޭ. ހުރިހާ ބޭފުޅުންގެ ސުވާލަކަށްވީ ތިކަން ކިނިހިނެއްހޭ ކުރާނީ؟ ކޮންތާކުންހޭ ފައިސާ ހޯދާނީ،" މައުމޫން އޭރުގެ ހަނދާންތައް އާކުރެއްވި އެވެ.

ފަޅު ހިއްކައިގެން ރަށްރަށަށް ބިން އިތުރުކުރުމަކީ އޭރު ރާއްޖެ އަށް އާކަމަކަށް ނުވި ނަމަވެސް މާކަނޑުގެ މެދުގައި އޮތް ފަޅެއްގައި ވަކިން ރަށެއް ހެދުމަކީ ރާއްޖެ އަށް އޭރު ވަރަށް އާ ކަމެކެވެ. އެކަމަކު އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު މަރްހޫމް އުމަރު ޒާހިރަށް، އެކަން ވެދާނެ ކަމުގެ އުއްމީދު އޮތެވެ. އެހެންވެ އެކަން އަލުން ކެބިނެޓުގައި އެޖެންޑާ ކުރުމުން، ކެބިނެޓުގައި މަދުން ވާހަކަ ދައްކަވާ ބޭފުޅެއް ނަމަވެސް އެ ދުވަހު އުމަރު ޒާހިރު ވަރަށް ގިނަ ވާހަކަ ދެއްކެވި އެވެ. އެކަމަކު އެ ދުވަހު ވެސް ދެކޮޅު ހެދުންތައް އަ އެވެ.

އުމަރު ޒާހިރު (ކ) މައުމޫން އަރިހުގައި ހުޅުމާލޭގެ މަސައްކަތްތައް ބައްލަވާލައްވަނީ.

އުމަރު ޒާހިރު (ކ) މައުމޫން އަރިހުގައި ހުޅުމާލޭގެ މަސައްކަތްތައް ބައްލަވާލައްވަނީ.

"އަޅުގަނޑު އެ ދުވަހު ދެންނެވީމެވެ. މަނިކުފާނު އެވެ. ހުޅުލޭ ފަޅުން ބިން ހިއްކުމުގެ ވާހަކަފުޅު ކެބިނެޓްގެ ޖަލްސާތަކުގައި ދައްކަވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަޅުގަނޑަށް ފެންނަނީ މާ ބޮޑަށް ހަރަދުގެ ވާހަކަ ނުދައްކަވައި އަވަހަށް މަސައްކަތް ފަށާށެވެ. ހަރަދުގެ ވާހަކަ އަޅުގަނޑުމެން ކިތަންމެ ވަރަކަށް ދެއްކިޔަސް މި ނޫން ނަތީޖާއެއް ނުނުކުންނާނެ އެވެ. ކޮންމެ ކަމެއް ވެސް ކުރިއަށްދާނީ މަސައްކަތް ފެށީމަ އެވެ،" އުމަރު ޒާހިރު ޑައިރީގައި ލިޔުއްވާފައިވެ އެވެ.

އެ ވާހަކައަށް ބައެއް މިނިސްޓަރުން ނުރުހުން އަމާޒު ކުރެއްވި ނަމަވެސް މައުމޫން ތާއީދު ކުރެއްވެވި އެވެ. އެއާ އެކު އުމަރު ޒާހިރު އެދިވަޑައިގަތީ އެ މަނިކުފާނުގެ މިނިސްޓްރީގެ ބަޖެޓަށް 10 މިލިއަން ރުފިޔާ ދެއްވުމަށެވެ. އެކަންވީ މައުމޫނަށް ވެސް ހިތްވަރުފުޅަކަށެވެ. އަދި އެ ދުވަހުން އެ ދުވަހަށް އެ ފައިސާ އެ މިނިސްޓްރީއަށް ޖަމާކޮށްދެއްވި އެވެ.

މައުމޫން މިއަދު ވިދާޅުވި ގޮތުގައި ބައެއް ބޭފުޅުން ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތް ހުރި ނަމަވެސް އެންމެ ފަހުން އެ ކަން ކުރަން ނިންމީ އުމަރު ޒާހިރުގެ ވަރަށް ބާރުއެޅުމުގެ މަތިންނެވެ.

"އޮނަރަބަލް މަރްހޫމް އުމަރު ޒާހިރަށް މި ކަމުގައި ކްރެޑިޓް ދޭން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

މަސައްކަތް ފެށުމުގެ ގޮތުން އުމަރު ޒާހިރު އެހީތެރިކަމަށް އެދިވަޑައިގަތީ ނާސިރުގެ ދައުރުން ފެށިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެހީތެރި ވެދެއްވާ ކޮލިގޭ އަލީ އުމަރު މަނިކުގެ އަރިހުންނެވެ. އޭނާ އެކަމަށް އެއްބާރުލުން ދެއްވައި ސިންގަޕޫރުން ކޮންނަބޯޓެއް ފޮނުއްވި އެވެ.

"އެފަދަ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީއާ އެކު މަސައްކަތް ކުރިއަށް ގެންދެވުނީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، އިސްލާމީ ގައުމުތަކުގެ ވަހުދަތުގެ ރަމްޒެއްގެ ގޮތުން، އެ ގައުމުތަކުގެ އެހީއާ އެކު 1984 ގައި މާލޭގައި ބިނާކުރި އިސްލާމީ މަރުކަޒާ އެކު، ހުޅުމާލޭ މަޝްރޫއު ހިމެނެނީ އެ މަނިކުފާނުގެ ހިތްޕުޅާ އެންމެ ކައިރި ދެ މަޝްރޫއުގެ ގޮތުގައި ކަމަށެވެ.

މައުމޫން ވިދާޅުވިގޮތުގައި ހުޅުމާލެ ހިއްކަން ފެށުމާ އެކު ދެން އެންމެ އިސްކަންދެއްވީ ރަށް ޕްލޭންކުރުމުގެ މަސައްކަތެވެ. ނަތީޖާއަކަށްވީ، ހިއްކައި ނިމިގެން ދުވަސްތަކެއް ނުވެ މީހުން ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި ހުޅުމާލެ އުފަންވުމެވެ.

"ރީތި ބޮޑު ރަށެއް ލިބިގެން ދިޔައީ،" މައުމޫން ވިދާޅުވި އެވެ.

މަތިން ނަގާފައިވާ ހުޅުމާލޭގެ ފޮޓޯއެއް. --ފޮޓޯ: އެޗްޑީސީ

މަތިން ނަގާފައިވާ ހުޅުމާލޭގެ ފޮޓޯއެއް. --ފޮޓޯ: އެޗްޑީސީ

އެ މަނިކުފާނު ވިދާޅުވީ އެ ވަރުގެ ޕްރޮޖެކްޓެއް ހިންގުނީތީ ވަރަށް އުފާފުޅު ކުރައްވާ ކަމަށާއި އެކަމުގެ ތައުފީގު ދެއްވީތީ މާތްﷲ އަށް ޝުކުރުވެރިވާ ކަމަށެވެ.

ހުޅުމާލޭގައި ފަހުން އައި ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް ހިންގާފައިވީ ނަމަވެސް ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި ޖާގައިގެ ގޮތުންނާއި އަގުގެ ގޮތުން އެންމެ ފުރިހަމައައީ މައުމޫނުގެ ވެރިކަމުގައި އިމާރާތްކުރި ހަތް ފްލެޓް ބަރި އެވެ.

ހުޅުމާލެ މަޝްރޫއުގެ ދެ ވަނަ ބައި ނުވަތަ ހުޅުމާލެ 2 ގެ ހިއްކަން ފެށީ މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ރައީސްކަމުގައި 2014 ވަނަ އަހަރެވެ. ރާއްޖޭގައި މިހާތަނަށް ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ހިޔާ ފްލެޓް އެ މަނިކުފާނުގެ ވެރިކަމުގައި ފަށައި މިހާރު ހުޅުމާލޭގެ ޖުމުލަ އާބާދީ ލައްކައަކަށް ވުރެ ވަނީ މަތިވެފަ އެވެ.