Roadha Mihaaru
ޝަރަފްވެރި ބުކާ އިނާމު ލަންކާގެ ލިޔުންތެރިޔަކަށް ލިބިއްޖެ

ޝަރަފްވެރި ބުކާ އިނާމު ލަންކާގެ ލިޔުންތެރިޔަކަށް ލިބިއްޖެ

18 އޮކްޓޯބަރ 2022

އިނގިރޭސި އަދަބިއްޔާތުގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ، މި އަހަރުގެ ބުކާ އެވޯޑް ސްރީ ލަންކާގެ ޝެހާން ކަރުނަޓިލަކަ ލިޔުނު 'ދަ ސެވަން މޫންސް އޮފް މާލި އަލްމެއިޑާ' އަށް ލިބިއްޖެ އެވެ.

އިނގިރޭސި އަދަބިއްޔާތުގައި ދެވޭ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ، މި އަހަރުގެ ބުކާ އެވޯޑް ސްރީ ލަންކާގެ ޝެހާން ކަރުނަޓިލަކަ ލިޔުނު 'ދަ ސެވަން މޫންސް އޮފް މާލި އަލްމެއިޑާ' އަށް ލިބިއްޖެ އެވެ.

އިނގިރޭސި ބަހުން ލިޔެ އިނގިރޭސި ވިލާތުގައި ޝާއިއުކުރާ ނާވިލުތަކުގެ ތެރެއިން އެންމެ މޮޅު ފޮތަކަށް ކޮންމެ އަހަރަކު ދޭ މި އިނާމް ރޭ ލަންޑަނުގައި އޮތް ރަސްމިއްޔާތެއްގައި ޝެހާންއާ ހަވާލުކޮށްދެއްވީ އިނގިރޭސި ރަސްގެފާނުގެ އަނބިކަނބަލުން ކެމީލާ އެވެ. މިއީ ކެމީލާގެ ފިރިކަލުން ރަސްގެފާނު ޗާލްސް މިދިޔަ މަހު އިނގިރޭސި ތަހުތާ ހަވާލުވެވަޑައިގެން ފަހުން އެކަމަނާ ބައިވެރިވެވަޑައިގެންނެވި އެންމެ މަތީ ފަންތީގެ ރަސްމިއްޔާތެވެ.

އުމުރުން 47 އަހަރުގެ ޝެހާން އަކީ މި އިނާމު ހާސިލްކުރި ލަންކާގެ ދެ ވަނަ ލިޔުންތެރިޔާ އެވެ. މީގެ ކުރިން ހޯދީ 1992 ވަނަ އަހަރު 'ދަ އިންގްލިޝް ޕޭޝަންޓް' ލިޔެގެން މައިކަލް އޮންޑާޓްޝޭ އެވެ. އޭނާ އަކީ މިހާރު ކެނެޑާގެ ރައްޔިތެކެވެ.

މި ޝަރަފާ އެކު ޝެހާން އަށް 56،000 އެމެރިކާގެ ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ. އަދި މި ޝަރަފާ އެކު، ކެރިއަރު ބަދަލުވާ ފަދަ މަޝްހޫރުކަމާއި އިހުތިރާމް ލިބޭނެ އެވެ.

އިނގިރޭސި ޕަބްލިޝިން ހައުސް 'ސޯޓް އޮފް ބުކްސް' އިން މިދިޔަ އޮގަސްޓް މަހު ޝާއިއުކުރި 'ދަ ސެވަން މޫންސް އޮފް މާލި އަލްމެއިޑާ' އަކީ 1980ގެ އަހަރުތަކުގެ ފަހުކޮޅު ކޮލަމްބޯގައި ހިނގާ ދާހިލީ ހަނގުރާމައެއްގައި މަރުވާ ފޮޓޯޖާނަލިސްޓެއްގެ ވާހަކަ ކިޔައިދޭ ނާވިލެކެވެ.

ނާވިލް ލިޔުންތެރިއެއްގެ ގޮތުގައި 2010 ގައި ތައާރަފުވުމުގެ ކުރިން ޝެހާން ވަނީ އެޑްވަޓައިޒިންގެ ތެރޭ މަސައްކަތްކޮށްފަ އެވެ. އަދި ބައިނަލްއަގްވަމީ ނޫސްތަކަށް ފީޗާ ލިޔުނެވެ. މީގެ އިތުރުން ލަންކާގެ ރޮކް ބޭންޑްތަކަށް އޭނާ މިއުޒިކް ވެސް ކުޅުނެވެ.

މި އިނާމު ލިބޭ ފޮތެއް ކަނޑައަޅަނީ ލިޔުންތެރިންނާއި ލިޓެރަރީ އޭޖެންޓުންނާއި ޕަބްލިޝަރުންނާއި ފޮތް ވިއްކާ މީހުން ހިމެނޭހެން އެކުލަވާލާފައިވާ ފަސް ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މި އެވޯޑް މީގެ ކުރިން ހޯދި ދެކުނު އޭޝިއާގެ ލިޔުންތެރިންނަކީ 2008 ވަނަ އަހަރު 'ވައިޓް ޓައިގާ' ލިޔެގެން އިންޑިއާގެ އަރަވިންދު އަޑިގާ އާއި 2006 ގައި 'ދަ އިންހެރިޓެންސް އޮފް ލޮސް' ލިޔެގެން އިންޑިއާގެ ކިރަން ދެސާއީ އާއި 1997 ވަނަ އަހަރު 'ދަ ގޯޑް އޮފް ސްމޯލް ތިންގްސް' ލިޔެގެން އިންޑިއާގެ އަރުންދަތީ ރޯއީ އަދި 1992 ގައި ލަންކާގެ އޮންޑާޓްޝޭ އެވެ. އަދި ފަހުން އިނގިރޭސި ރައްޔިތަކަށްވި އިންޑިއާގެ ސަލްމާން ރުޝްދީ އަށް 1981 ވަނަ އަހަރު 'ދަ މިޑްނައިޓް ޗިލްޑްރަން' ލިޔެގެން ވެސް މި އިނާމު ލިބުނެވެ.