Roadha Mihaaru
އެނިސްޓަންގެ ބައޮގްރަފީ ދެން ލަހެއް ނުވާނެ

އެނިސްޓަންގެ ބައޮގްރަފީ ދެން ލަހެއް ނުވާނެ

16 އޯގަސްޓް 2021

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަންގެ ބައޮގްރަފީ ވަރަށް އަވަހަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަންގެ ބައޮގްރަފީ ވަރަށް އަވަހަށް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަމިއްލަ ހަޔާތުގެ ވާހަކަ ކިޔައިދޭ ފޮތެއްގެ މަސައްކަތް ކުރީގެ ސިޓްކޮމް "ފްރެންޑްސް" އިން ވިދާލި 52 އަހަރުގެ ބަތަލާ ފެށީ މީގެ އަހަރެއް ކުރިންނެވެ. ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު ކުރިމަތިވި ދިގު ލޮކްޑައުންގެ ތެރޭގައި ފޮތުގެ ވަރަށް ބޮޑު ބައި ލިޔެ ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އެނިސްޓަންގެ ބައޮގްރަފީއެއް ނެރޭކަން އިއުލާންކުރި ހިސާބުން ފެށިގެން މިއަށް ވަރަށް ގިނަ ފޭނުން އަންނަނީ އިންތިޒާރުކުރަމުންނެވެ. ނެރޭނެ އިރެއް އަދި ކަށަވަރު ނުވިޔަސް، ނެޝަނަލް އިންކްއަރާ އިން ބުނި ގޮތުގައި މާ ލަސްތަކެއް ނުވެ، ހުނަރުވެރި ރީތި ބަތަލާގެ ފޮތް ނެރޭނެ އިރެއް ވަރަށް އަވަހަށް ހާމަކުރާނެ އެވެ.

އެ ނޫހުން ބުނި ގޮތުގައި ބައޮގްފަރީގައި އެނިސްޓަން އެންމެ ބޮޑަށް ކިޔައިދޭނެ އެއް ވާހަކަ އަކީ އޭނާގެ އަލަތު ކައިވެންޏާއި އެ ރޫޅިގެން ދިޔަ ގޮތުގެ ވާހަކަ އެވެ. އެނިސްޓަންގެ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓާ އެވެ. ދެހާސް ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2005 ގަ އެވެ.

ފިލްމީ ކެރިއަރުގައި ކާމިޔާބު ބަތަލާއަކަށް ވިޔަސް އެނިސްޓަން އަކީ ޒަވާޖީ ހަޔާތުގައި ނާކާމިޔާބު ބަތަލާއެކެވެ. ބްރެޑްގެ ފަހުން އޭނާ ކައިވެނިކުރީ އެކްޓަރު ޖަސްޓިން ތެރޯޒްއާ އެވެ. ދެ އަހަރު ފަހުން އެ ކައިވެނި ރޫޅުނީ 2017 ގަ އެވެ.

ރިޕޯޓްތައް މިހާރު ބުނާ ގޮތުން އެނިސްޓަންގެ މިހާރުގެ ބައިވެރިޔަކީ މަޝްހޫރު ބަތަލާ ހެލީ ބެރީގެ ކުރީގެ ލޯބިވެރިޔާ ގެބްރިއަލް އޯބްރީ އެވެ.

އަމިއްލަ ދިރިއުޅުމާ ބެހޭ އެތައް ވާހަކައެއް އެނިސްޓަން ތިލަކޮށްދޭ ބައޮގްރީގައި ބްރެޑާ ބެހޭ ގޮތުން އެނިސްޓަން ގެނެސްދޭ ވާހަކަތަކުން އެކަނި ވެސް އޭގެ ޑިމާންޑް އުފުލި، 10 މިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އެނިސްޓަނާ ވަކިވުމަށް ފަހު، ބްރެޑް ފަހުން ކައިވެނިކުރީ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީއާ އެވެ. އެކަމަކު 2014 ގައި ކުރި އެ ކައިވެނި ވެސް ބޮޑެތި މައްސަލަތަކަކަށް ފަހު 2019 ގައި ވަނީ ރަސްމީކޮށް ރޫޅާލައިފަ އެވެ.