Roadha Mihaaru
"ނުބީހެންޏާ ކަނޑާ ހަމަ": އެ ހަނދާންތަކުގެ ތެރެއަށް

"ނުބީހެންޏާ ކަނޑާ ހަމަ" އަށް 40 އަހަރު: މިވަރެއް ނެތް؟!

20 ޖެނުއަރީ 2018

ހަނދުވަރީގެ ހުސެއިން މަނިކާއި ޝަރީފާ މަނިކެގެ އިހުސާންތެރިކަމެވެ. ހުނިގޮނޑިފިލާގޭ އާދަމް މަނިކުގެ ރަހުމެއް ނެތް ކަމާއި އަމިއްލަ އެދުމެވެ. އޭނާގެ ދަލުގައި ޖެހުނު އައިސާފުޅުގެ ބަދުނަސީބެވެ. އެ އެންމެންގެ ދިރިއުޅުން ގުޅިލާމެހި އެއް އޮޑިއެއްގައި ކުރަން ޖެހުނު ދަތުރެވެ. ގަދަ ކަނޑެއް ހުރަސްކުރުމަށް ފަހު އެންމެ ފަހުން ފައްސިޔައިގައި، އަމާން ބަނދަރަކަށް ލަފަން ކުރި މަސައްކަތުގައި، ދެންމެ ދެންމެ ބީހިދާނެ ހެން ހީވި ދަނޑިވަޅުތަކެވެ. އެކަމަކު ވެސް "ނުބީހެންޏާ ކަނޑާ ހަމަ އެވެ."

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ހަނދުވަރީގެ ހުސެއިން މަނިކާއި ޝަރީފާ މަނިކެގެ އިހުސާންތެރިކަމެވެ. ހުނިގޮނޑިފިލާގޭ އާދަމް މަނިކުގެ ރަހުމެއް ނެތް ކަމާއި އަމިއްލަ އެދުމެވެ. އޭނާގެ ދަލުގައި ޖެހުނު އައިސާފުޅުގެ ބަދުނަސީބެވެ. އެ އެންމެންގެ ދިރިއުޅުން ގުޅިލާމެހި އެއް އޮޑިއެއްގައި ކުރަން ޖެހުނު ދަތުރެވެ. ގަދަ ކަނޑެއް ހުރަސްކުރުމަށް ފަހު އެންމެ ފަހުން ފައްސިޔައިގައި، އަމާން ބަނދަރަކަށް ލަފަން ކުރި މަސައްކަތުގައި، ދެންމެ ދެންމެ ބީހިދާނެ ހެން ހީވި ދަނޑިވަޅުތަކެވެ. އެކަމަކު ވެސް "ނުބީހެންޏާ ކަނޑާ ހަމަ އެވެ."

ދިވެހި އަދަބިއްޔާތަށާއި މުނިފޫހިފިލުވަން މާގިނަ ވަސީލަތްތަކެއް ނެތި ތިބި ދިވެހިންނަށް މީގެ 40 އަހަރު ކުރިން ކޮޕީ މުހައްމަދު ރަޝީދު ހަދިޔާކުރެއްވި އެ ވާހަކައަކީ، ހުރިހާ ރަހައެއް ހެޔޮވަރު މޮޅު ބިރިޔާނީގަނޑެކެވެ. އެ ވާހަކަ ކީ މީހެއްގެ އަރުތެރެއިން އެ ރަހަ ފިލައިގެންނުދާނެ އެވެ.

އެ ދުވަސްވަރު ކޮޕީ ރަޝީދުގެ މައިގަނޑު ވަޒީފާއަކީ، އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވެލާނާގެއިން ނެރުއްވަމުން ގެންދެވި ދުވަހު ނޫސް "މޫންލައިޓް" މެދުވެރިކޮށް ކިޔުންތެރިންނަށް ވާހަކަ ގެނެސްދެއްވުމެވެ. އެތައް ބަޔެއްގެ ހިތާކުޅެލި "މަންމަ" ވާހަކަ ލިޔުއްވި މަރްހޫމް ސައިކުރާ އިބްރާހިމް ނައީމް އިސްކޮށް ހުންނަވައި ނެރުއްވަމުން ގެންދެވި މޫންލައިޓުގައި އޭނާގެ ބާރުއެޅުއްވުމާ އެކު، ރަޝީދު ލިޔުއްވަން ފެއްޓެވި ފުރަތަމަ ސިލްސިލާ ވާހަކައަކީ މިއަދު އެ ވާހަކައެއްގެ ހަނދާންތައް އަލުން އާކުރާ "ނުބީހެންޏާ ކަނޑާ ހަމައެވެ". އޭނާ އެ ވާހަކަ ލިޔުއްވަން ފެއްޓެވީ މަހެއް ދެމަހެއްހައި ދުވަހުން ނިންމަވާ ލެއްވޭނެ ކަމަށް ލަފާކުރައްވައިގެންނެވެ.

"އެ ވާހަކައިގެ ފާޑުން ނުވަތަ ޒާތުން ކަފިތައް ފެޅީ. ދެން އެހެން ލިޔަމުން ގޮސް މާބޮޑަށް ދިގުވީ،" 1977 ވަނަ އަހަރު ލިޔުއްވި އެ ވާހަކައިގެ ހަނދާންތައް ކޮޕީ ރަޝީދު އާކުރެއްވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ވާހަކަ ދިގުވީ ފޫހިވާ ގޮތަކަށް ނޫނެވެ. އެހާމެ ގަޔާވާ ގޮތަކަށެވެ. ބަސްތަކާއި އިބާރާތްތައް، ވާހަކަދެއްކުންތަކާއި ޒަމާނާ ސިފަކުރުންތައް ވެސް ގެނެސްދެއްވަމުން ގެންދެވީ ދިވެހިވަންތަ ގޮތަކަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ވާހަކައިގެ ކުރިތައް ފަޅައިގެން ދިޔަދިޔައީނުން "ދެންމެ ދެންމެ ގޯސްވާނެހެން ވެސް ހީވި" ދަނޑިވަޅު ވެސް ދިޔަ އެވެ. ވާހަކައިގެ ފަހުބަހުގައި ރަޝީދު ލިޔުއްވާފައިވާ ގޮތުގައި ވާހަކަ ލިޔެ ނިމުނީ "ނުހަނު އުނދަގުލާއި ތުރާލާ ލައިގެންނެވެ". އަދި "ދިގު މުއްދަތެއްގައި ކުރެވުނު ސިކުނޑީގެ ވަރުގަދަ ހަނގުރާމަކަށް" ފަހު އެވެ.

"ވާހަކަ ފަށައިގެން ވަކިހިސާބަކަށް ދިޔަތަނާ، ލިޔުމަށް ބޭނުންކުރި ގަލަން، އަޅުގަނޑުގެ އަމުރަކަށް ތަބައެއް ނުވި އެވެ. ކަރުދާހަކާ ވަތްކެއް ނުވި އެވެ. ކުރިއަށް ދިޔައީ އެވެ. ހަމަ ދިޔައީ އެވެ. ދަމުންދަމުންގޮސް...އެންމެ ފަހުން ދިގު މާދިގު ވާހަކައަކަށްވީ އެވެ،" އޭނާ ލިޔުއްވާފައިވެ އެވެ.

އެ ދިޔަ ބާރުގައި މިނުގައި 100 ދުވަސް މަތިން މޫންލައިޓުގައި ވާހަކަ ޝާއިއުކޮށް ނިމުނުއިރު އޮތީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. ވާހަކައަށް ލިބެމުން ދިޔަ ބޮޑު ތަރުހީބާ އެކު، ސްޓެންސިލް ލިޔެގެން ވާހަކަ ކޮންމެ ހަފުތާއަކު ބަޔެއްގެ ގޮތުގައި އޭނާ އަމިއްލަ އަށް ނެރުއްވަން ފެއްޓެވި އެވެ. ނަން ނޯޓް ކުރާ ފަރާތްތަކަށް އެ ވާހަކަ ފޮނުއްވާއިރު ކޮންމެ ހަފުތާއެއްގެ އަދަދު ނެރެގެން ގޭގެޔަށް ގެންދާއިރު ކުރީ ހަފުތާގެ އަގު ނަގަމުންނެވެ. އަވަށަކުން ސާޅީހަކަށް ފަންސާހަކަށް މީހުން ނަން ނޯޓްކޮށްފައިވެ އެވެ. އަގަކީ 1ރ. އެވެ. އޭގެ ފަހުން ފޮތެއްގެ ސިފައިގައި ނޮވެލްޓީން މި ވާހަކާ ޗާޕްކުރި އިރު ދެ ވަނަ ފަހަރަށް ޗާޕުކޮށްގެން ނެރުނީ 1994 ވަނަ އަހަރު ގައްދޫ މުހައްމަދު ރަޝީދެވެ.

މި ވާހަކަ އަކީ ރާއްޖޭގައި ލިޔެވުނު ދިގު ވާހަކަތަކުގެ ތެރެއިން ހުރިހާ ރަހައެއް އެންމެ ހެޔޮވަރު އެއް ވާހަކައަށް ވާނެ އެވެ. ހަތްދިހައިގެ އަހަރުތަކުގައި ރާއްޖޭގެ ދިރިއުޅުން ހާއްސަކޮށް މާލޭގެ ދިރިއުޅުން ވަރަށް ބޮޑަށް ސިފަކޮށްދެ އެވެ. އެ ދުވަސްވަރު އާއްމު ހާލަތު ވަޒަންކުރެވެ އެވެ. ވާހަކައަކީ އެއް ޒަމާނުން އަނެއް ޒަމާނަށް އަދި އެއް ސަގާފަތުން އަނެއް ސަގާފަތަށް ކިޔުންތެރިޔާ ކުރާ ދަތުރެކެވެ. މި ވާހަކައިގައި ކިޔުންތެރިޔާ ކުރާ ދަތުރުގައި ދިރިއުޅުމުގެ ހުރިހާ އަސަރެއް ކުރެ އެވެ.

އިންތިހާ ދަރަޖައިގެ ރުޅި އާއި ހިތާމަ އެވެ. ބިންފަޅާފައި އަޑިއަށް ދާނަމެއޭ ހިތަށް އަރާ ފަދަ ލަދުވެތިކަމެވެ. ލޯބިވެރިޔާއަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެ ފަދަ ވަރުގަދަ ލޯތްބެކެވެ. ނުއުފަންނަ ދަރިއަކާ މެދު ހިތުގައި އުފެދޭ ވަރުގަދަ މައިވަންތަ ކުލުނެވެ. ހަސަދަވެރިކަމާއި މަކަރުވެރި ރޭވުންތަކެވެ. ހީނހީނ ބިނދޭނެ ފަދަ މަޖާ ވާހަކަތަކެވެ. އެންމެ މަތީ ދަރަޖައިގެ ގަދަރާއި އަދި އެހާމެ ބޮޑަށް އިހުތިރާމްކުޑަކުރުމެވެ.

ގިނަ ވާހަކަތަކައް ބިނާވެފައިވަނީ މައިގަނޑު އާއިލާ ނުވަތަ އެއް ބަޔެއްގެ ހަޔާތެއްގެ މައްޗަށެވެ. އެކަމަކު މި ވާހަކައަކީ، މައިގަނޑު ތިން އާއިލާއެއް އޭގެ ވަށައިގެން އެނބުރޭ ވާހަކައެކެވެ. ދެ ޖީލެއްގެ ވާހަކަތެކެވެ. ވާހަކައިގެ މައިގަނޑު ކަރެކްޓާތަކަކީ ކުޑަމޫސާފުޅާއި އައިސާފުޅާއި އާދަމްމަނިކާއި ސައީދާ އާއި ހުސެއިން މަނިކާއި ޝަރީފާ މަނިކެ އެވެ. ތިން އާއިލާއެއް އެކެއް އަނެއްކެއްގެ އާއިލާއާ ގުޅި ލާމެހި، މުޑިއަރައި ބައެއް ފަހަރު ވެއްޓި އަދި އެހެން މިހެން އެކި ގޯޅިގޯޅިން ގޮސް ކުންނާ ހަމަޔަށް ދާއިރު ނޭވާ ކިރިޔާ ހިފަހައްޓާލެވެނީ އެވެ. ވާހަކައިގެ ރޫހަކީ ދެ ވަނަ ޖީލު ކަމަށްވާ ޖަމީލާ އާއި ނިމާލް މައުސޫމާއި ނަދީމާ އެވެ. އަދި އިބްރާހިމް ގާސިމާއި ދިރިގަނޑު ޔަހުޔާ އާއި ދޮށީ ކަނބުލޮ އާއި ކަޅުބެގެ ކަރެކްޓާތަކުން ވާހަކައަށް އިތުރު މުއްސަނދިކަމެއް ގެނެސްދެ އެވެ.

މި ވާހަކައިގެ މަގުބޫލުކަން ބޮޑުވެ ފިލްމަކަށް ވެސް ބަދަލުކުރި އެވެ. ސްޓާ ސިނަމާ ހުޅުވައި، މަޝްހޫރު ޕްރޮޑިއުސަރު އަސްލަމް ރަޝީދުގެ ރަންޒަމާނުގައި މި ފިލްމް 1980ގެ އަހަރުތަކުގައި އުފެއްދެވިއިރު ފިލްމަށް ސްކްރީންޕްލޭ ތައްޔާރުކުރެއްވީ ޑިރެކްޝަނުގައި މަސައްކަތްކުރައްވައި އަދި ފިލްމުގައި އެކްޓް ވެސް ކުރެއްވި ކޮޕީ ރަޝީދެވެ. އެ ފިލްމް ވެސް އެހާމެ މަގުބޫލުވި އެވެ.

ކޮޕީ ރަޝީދު ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ބެލްކަނީގައި ހަމަޖެހިލައިގެން: އޭނާ ވަނީ އަދަބީ އެތައް މަސައްކަތެއް ހަދިޔާކުރައްވާފައި.

ކޮޕީ ރަޝީދު ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ބެލްކަނީގައި ހަމަޖެހިލައިގެން: އޭނާ ވަނީ އަދަބީ އެތައް މަސައްކަތެއް ހަދިޔާކުރައްވާފައި.

މިހާތަނަށް 200 އާ ގާތްކުރާ އަދަދަކަށް ކުރު ވާހަކަ ލިޔުއްވާފައިވާ ކޮޕީ ރަޝީދަކީ މުނިފޫހިފިލުމުގެ ދާއިރާގެ ކޮންމެ ފަންނެއްގައި ވެސް އަރާހުރި ފަންނުވެރިއެކެވެ. އެހެންކަމުން އޭނާގެ ވާހަކައެއްގައި ކިޔުންތެރިޔާ މުނިފޫހިފިލުވައިދޭނެ ވަރާ މެދު ވިސްނާލާށެވެ.

ވާހަކަލިޔުމުގެ އިތުރުން، އޭނާ އަކީ މޮޅު ޅެންވެރިއެކެވެ. "ބޭނުމޭ އިޝްގާ"، "ފިނިރޭގެ ފަތިހޭ ހުރީހޭ ބަލަން"، "ހިތުގެ ވޭނީ އަޑޭ"، "ކާއިނާތޭ އެކީ އަންތަރީސްވީ"، "ލޯބިވަމޭ ބުނެލީމާ އެއީ ކާކުކަން" އަދި "މޫނުބުރުގާ ނެގީމާ" މިއީ އޭނާގެ މޮޅު ޅެންވެރިކަމުން ފުރާނައަޅުވައިދީފައިވާ ފާހަގަކޮށްލެވޭ ލަތަކެވެ. މީގެ އިތުރުން ތަމްސީލް ލިޔުއްވުމާއި ތަމްސީލް ކުޅުއްވުމާއި ޑައިލޮގް ލިޔުއްވުމަކީ ވެސް އޭނާގެ ފަންނުތަކެވެ. ކަށިމާ ޝާކިރާ އެކު ލިޔުއްވައި ފިލްމަކަށް ހެއްދެވި "ދޮންހިޔަލަ އާއި އަލިފުޅު" އަދި އަމިއްލަ އަށް އުފެއްދެވި "އެދިއެދި ހޯދީމޭ" އަކީ ދިވެހި ފިލްމީ ދާއިރާއަށް އޭނާ ކޮށްދެއްވި ހިދުމަތުން ބައިކުޅަ ބަޔެކެވެ.

ޗިޅިޔާ މޫސާމަނިކާއި ޝާހިދު ހަލީމް ފަދަ ބޭފުޅުންނާ އެކު 1970ގެ އަހަރުތަކުގައި އޮލިމްޕިއަންސްގެ ޝޯތަކުގެ ތެރެއިން ކޮޕީ ރަޝީދު ގެނެސްދެއްވި ތަމްސީލްތައް އެތައް ދިވެހިންނެއްގެ ސިކުނޑީގައި ވަނީ ބިންވަޅު ނެގިފަ އެވެ. "ތިން އުނދަގޫ" އެ ތަމްސީލުގައި ކޮޕީ ރަޝީދު ކުޅުއްވި މަޖާ ރޯލަކީ އެތައް ބަޔަކު ހެއްވާލި އަދި ހަމަ އެހެންމެ އެކްޓުކުރުމުގެ އެންމެ މަތީ ފަންތިން ގުނޭލެވޭ ފަދަ ރޯލެކެވެ.

މިނިވަން ދުވަސް ފާހަގަކުރަން އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ އެދިވަޑައިގަތުމުގެ މަތިން ލޮނުޒިޔާރަތްކޮޅުގެ އޯޕަން އިސްޓޭޖެއްގައި ކުޅުނު "ކުޑަކުއްޖާ" މި ތަމްސީލުގައި، ވިހަން ތައްޔާރުވެފައިވާ އަންހެނެއްގެ ބައި ރަޝީދު ކުޅުއްވީ އެހާމެ މޮޅަށެވެ. "ހިތި ޑޮލަރު" އެއީ ވެސް ފާހަގަކޮށްލެވޭ ތަމްސީލެކެވެ. އޭގައި، ރުޅި އަންނަ މަންޒަރެއްގައި ބޮލުގައި އަތްހާކައިގަތުމުން، ނުރަޖައްސަން ބޮލަށް އަޅާފައި ހުރި ގޮދަންފުށްތައް ބުރައިގަތެވެ. އެއާ އެކު އާއްމުން ހަޅޭއް ލަވަން ފެށި އެވެ. އެކަމާ ގުޅުވައިގެން ކޮޕީ ދެން ކުރެއްވީ ހާޒިރު އެކްޓެކެވެ.

"ބޮލުން އެކަންޏެއް ނޫން ދުން އަރާނީ. މިހާ ރުޅިގަވީމާ އަނގައިންނާއި ނޭފަތުން ވެސް ދުން އަރާނެ،" އޭނާ ތަމްސީލާ ގުޅުވާލައްވައިގެން އެ ޑައިލޮގް ވިދާޅުވެ އާއްމުން ހެއްވާލެއްވި އެވެ.

ކޮޕީ ރަޝީދަކީ ނޫސްވެރިކަމުގައި ވެސް ހިނގި ނަމެކެވެ. އޭނާ އަކީ ދުވަހު ނޫސް "ހަވީރު"ގެ ފުރަތަމަ މެނޭޖިން އެޑިޓަރެވެ. އެއަށް ވުރެ ވެސް އާއްމުންގެ ހަނދާނުގައި ހަރުލާފައިވަނީ "ހަވީރުގެ ތަރި" މި ސަފުހާގައި އޭނާ ގެނެސްދެއްވި އިންޓަވިއުތަކެވެ. އަށްޑިހައިގެ އަހަރުތަކުގައި އަދި ފަހުން ދެހާހުގެ އަހަރުތަކުގައި އޭނާ ވަނީ ރާއްޖެ ދުށް އެތައް ހިދުމަތްތެރިންނާއި ހުނަރުވެރިންގެ ވާހަކަތައް ގެނެސްދީފަ އެވެ. އަބްދުއްސައްތާރު މޫސާ ދީދީ އާއި ކަރަންކާ އިބްރާހިމް ރަޝީދުން ފެށިގެން ނައިފަރު ދޮހޮއްކޮބެ އާއި މުރީދުބެ އަކީ މި ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ނަންތަކެވެ. މީގެ އިތުރުން މިހާރުގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ޒުވާން ދުވަސްވަރު މޮޅު ބެޑްމިންޓަން ކުޅުންތެރިއެއްްގެ ގޮތުގައި ވިދާލިއިރު ކޮޕީ ރަޝީދުގެ ސަފުހާ އިން ވެސް ޖާގަ ހޯއްދެވި އެވެ.

ބ. އަތޮޅު އަތޮޅުވެރިކަމާއި އަހުމަދިއްޔާ ސްކޫލާއި ގަލޮޅު މަދަރުސާގެ ޕްރިންސިޕަލްކަން ކުރެއްވި ކޮޕީ ރަޝީދަކީ ހިންގުންތެރިއެއްވެސް މެ އެވެ. އޭނާގެ ކުދިން ވެސް އަންނަނީ މުނިފޫހިފިލުމުގެ ދާއިރާގައި ނަން ހިނގަމުންނެވެ. އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަކީ ބައިނަލްއަގްވަމީ އެވޯޑް ހާސިލްކޮށްފައިވާ ކުޅަދާނަ އެކްޓަރެކެވެ. އޮފީސް ޓެލެޑްރާމާ މުބާރާތުން ރަންވަތައް ހޯދުމުގެ ކުރިން ފުޓްބޯޅަ ދަނޑުގައި ވެސް ފާހަގަކުރެވުނެވެ. ހުސެއިން ރަޝީދު ފާހަގަކުރެވެނީ ޅެންވެރިކަމުންނެވެ. އަދި ހަގު ދަރިފުޅު ޔާމީން ރަޝީދަކީ ހުނަރުވެރި ލަވަކިޔުންތެރިޔެކެވެ.

އެތައް ދާއިރާތަކަށް ހިދުމަތްކުރެއްވި ކޮޕީ ރަޝީދު މިއަދު ގޭގައި ހުންނެވި ނަމަވެސް އޭނާގެ ހިޔާލުތައް އަދިވެސް މުއްސަންޖެވެ. އެކަމަކު އެ ހިޔާލުތައް އޭނާ އާއްމުންނާ މިހާރު ބޮޑަށް ހިއްސާކުރައްވަނީ، އެ ދާއިރާއަކުން 2005 ވަނަ އަހަރު އޭނާ އާއްމު ހިދުމަތުގެ އިނާމް ހާސިލްކުރެއްވި ޅެންވެރިކަމުންނެވެ.

"ޅެންވެރިކަން އެންމެ ގަޔާވާ ކަމަކީ. މިހާރު ބޮޑަށް އުޅެވެނީ ޅެންވެރިކަމުގެ ތެރޭގައި އިނގޭތޯ،" ރަޝީދު ވިދާޅުވި އެވެ.

ވާހަކަ ލިޔުމާ މިވަގުތު ދުރުގައި ހުންނެވި ނަމަވެސް، މި ޒަމާނުގެ ވާހަކަތަކަށް ވެސް އޭނާގެ ޝައުގުވެރިކަން ހުރެ އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ބަހުގެ ގަވާއިދުތަކަށް ބަލާއިރު މިހާރުގެ ވާހަކަތައް ފެންވަރު ދަށެވެ. އެކަމަކު ހިޔާލާއި އުފެއްދުންތެރިކަމުގައި އެ ވާހަކަތަކަށް އޭނާ މަތިން މާކްސް ދެއްވަ އެވެ.

މިއަދުގެ ކިޔުންތެރިންނަށް އޭނާގެ ވާހަކަތަކުން އިބުރަތް އަދި ލިޔުންތެރިންނަށް ފިލާވަޅު ނެގިދާނެ އެވެ. އެކަމަކު އެ ވާހަކަތައް މިހާރު ފޮތްހަރުގަނޑުތަކަކުން ނުފެނެ އެވެ. ހުދު ކޮޕީ ރަޝީދުގެ އަތްޕުޅުގައި ވެސް "ނުބީހެންޏާ ކަނޑާ ހަމަ އެވެ" މި ވާހަކައިގެ ކޮޕީ އެއް ނެތެވެ. ކުތުބުހާނާތަކުގައި ހުރީ ވެސް މަދު ކޮޕީއެކެވެ. ކިތަންމެ ތިލަތަނެއްގައި ވެސް ނުބީހެންޏާ އެއީ ހަމަ ކަނޑެއް ފަދަ ތަނެކެވެ. ކިތަންމެ ވާހަކައެއް ލިޔުންތެރިން ހަދިޔާކުރި ނަމަވެސް ޒަމާންތަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް އެފަދަ މަސައްކަތް ފެންނަން ނެތިއްޖެ އެއީ ލިޔެފައި ނެތުން ފަދަ ކަމެކެވެ. އަދަބީ ފަންނުތަކުގައި ދިވެހިން ކޮށްފައިވާ މިފަދަ އަގުހުރި މަސައްކަތްތައް މިއަދުގެ ޖީލަށް ފެންނަން، ލިބެން ހުންނަން ޖެހެ އެވެ.