ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މިއަދު މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
18 އޮކްޓޯބަރ 2022
ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މިއަދު މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް މާއިޒް ވިދާޅުވީ ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން މި މަހުގެ 8 ވަނަ ދުވަހުގެ ރޭ "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކޮށް ކަމަށް މާއިޒް ވިދާޅުވި އެވެ.
އެހެންވެ، ހުއްދަ ނުހޯދާ ވިިޔަފާރިކުރާ ކަމަށް ބަލައި އެ ކައުންސިލަށް ޖޫރިމަނާގެ ޗިޓް ހަވާލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން 10،000ރ. ގެ ޖޫރިމަނާގެ ޗިޓެއް ފޮނުވާފައިވާ ކަމަށެވެ. މިއީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ ކަމެކެވެ.
"އާއްމު ފިހާރައެއް ހިންގާ ގޮތަކަށް ނޫން މި ހިންގަނީ. އަދި މިއީ ރައްޔިތުންނަށް ހިދުމަތްދޭން ހޯދާ ފައިސާ. އެ ފައިސާއިން ރައްޔިތުންނަށް ލާބަ ހުރި މަސައްކަތް މި ކުރަނީ. އެގޮތަށް ކުރާ ކަމެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވަނީ މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ ފިހާރަތަކާއި މަސާޖު ޕާލާތައް ފަަހަތުން އިކޮނޮމިކް މިނިސްޓްރީ ނުދަނީ ކީއްވެގެންތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.
މޭޔަރު ވިދާޅުވީ ކައުންސިލަށް ލިބޭ އާމްދަނީ އިތުރުކުރަން ވިޔަފާރީގެ ޕްލޭންތަކާއެކު ކުންފުނި ރަޖިސްޓްރީކުރަން މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ. ނަމަވެސް، އެއްވެސް ޖަވާބެއް ނުދީ އެ ލިޔެކިޔުންތައް އަށް މަސް ދުވަސް ވަންދެން ބޭއްވުމަށްފަހު، ކުންފުނިތަކަށް ވިޔަފާރިކުރެވޭ ގަވައިދަށް ބަދަލު ގެނައީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުންފުނި ރަޖިސްޓްރީ ނުކޮށް ވެސް ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް އެބަހުރި ކަމަށާއި އެ ކައުންސިލަށް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ގަސްވިއްކަން ސިޓީ ކައުންސިލުން ހުޅުވި "މާލެ ފެހި" ފިހާރައިގެ ނާސަރީގައި ހުރި ގަސްތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"އާމްދަނީ ހޯދަން ޖެހެނީ ބަޖެޓު ކުޑަވީމަ. އެހެންވެ، ގާނޫނުގައި އޮންނަނީ އާމްދަނީ ހޯދޭނެ ގޮތްތައް. އެ ކަންތައްތައް ހުރަސް އަޅަން މަސައްކަތްކުރުމަކީ ރަނގަޅު ކަމެއް ނޫން. މާލެތެރެ ފެހިކުރުމުގެ ތެރެއަށް މި ވަންނަނީ. ގަސްތުގައި ސިޓީ ކައުންސިލަށް ކުރިއަށްދެވޭނެ މަގު ބަންދުކުރަނީ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަސް ފިހާރަ ހުޅުވިތާ މި ވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެތަނަށް ރިސޯޓު އޯނަރުން ޒިޔާރަތްކޮށް، އެ މަސައްކަތުގައި ކައުންސިލާއެކު ބައިވެރިވާން ބޭނުންވާކަން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.
މާލެ ސިޓީ ކައުންސިލުން ގަސް ވިއްކާ ފިހާރައެއް ހުޅުވުމުން އާއްމުންގެ ފާޑުކިޔުންތަކެއް ކައުންސިލަށް އަމާޒުވި އެވެ. އެކަމާ ގުޅިގެން މޭޔަރު ކުރިން ވިދާޅުވީ ގަހާއި ގަސް ކާނާ ވިއްކަން ހުޅުވި ފިހާރައިން އެ މަސައްކަތް ކުރާ ކުދި ވިޔަފާރިތަކަށް ވާނީ ފައިދާ ކަމަށެވެ.
އެ ފިހާރަ ހުޅުވީ 25 ވައްތަރަކުން ހާހެއްހާ ގަހާއެކުގަ އެވެ. އޭގެ ތެރޭގައި އަނބާއި ފޭރާއި ސަބުދެއްޔާއި ކަޅުހުތުމޭވާ އާއި މިރުހާއި ލުނބޯ އަދި ޖަނބުރޯލް ފަދަ މޭވާ އަޅާ ގަސް ހިމެނެ އެވެ.
ސިޓީ ކައުންސިލަށް 1 އަހަރު، އެއްބާރުލުމެއް ނުލިބޭ!
ކައުންސިލްގެ ނިންމުން ބާތިލްކުރަން އެޗްޑީސީން ކޯޓަށް
މާލޭ ސިޓީގެ ކައުންސިލްގެ ދަތިތައް އެލްޖީއޭއިން ބަލައިފި
ގާނޫނު ތަންފީޒުކުރަން އެހީ ނުދޭތީ ލަދުގަނޭ: ޒަމީރު
ދަތުރުވެރިންގެ މާރުކޭޓްގެ 9 ގޮޅީގެ ވެރިފަރާތް ޖޫރިމަނާ
ޝާހިދު ބައިވެރިވީ ކުރީގެ ކޮންސަލްޓަންޓުގެ ހައިސިއްޔަތުން
މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
ސިޓީ ކައުންސިލްގެ ދެ މެންބަރަކު އިސްތިއުފާ ދީފި
ނަރީޝް، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވާދަކުރައްވަނީ
"އާ ސަރުކާރުން ކައުންސިލްތަކަށް އެއްބާރުލުން ދޭނެ"