Roadha Mihaaru
މަގޫދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީ އަށް

މަގޫދޫގައި އެއާޕޯޓް އަޅަން، 231.5 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި

19 އޮކްޓޯބަރ 2022

ފ. މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު، 231.5 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ފ. މަގޫދޫގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު، 231.5 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް، ފާތިމަތު ޝަނާ ފާރޫގެވެ.

އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޝްރޫއާ އެ ކުންފުނިން ހަވާލުވީ ދޮޅު އަހަރުގެ ތެރޭ މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ.

އެ މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 1،500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއި ޕެސެންޖާ ޓާމިނަލް އިމާރާތެއް ހެދުން ހިމެނެ އެވެ. ކޮންޓްރޯލް ޓަވަރާއެކު ފަޔަ ސްޓޭޝަނަކާއި ސަލާމަތީ ވަސީލަތްތައް ގާއިމުކުރުމާއި ނެވިގޭޝަނަށް ބޭނުންވާ ތަކެތި ފޯރުކޮށްދީ، އިންސްޓޯލު ކުރުން ވެސް ހިމެނެ އެވެ.

މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއު، އެމްޓީސީސީގެ އިސްވެރިން ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

މަގޫދޫ ބިން ހިއްކުމުގެ މަޝްރޫއު، އެމްޓީސީސީގެ އިސްވެރިން ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ

އާބާދީގައި 852 މީހުން ހިމެނޭ މަގޫދޫގައި އެމްޓީސީސީން މިހާރު އަންނަނީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ ރަށުގެ 22.1 ހެކްޓަރުގެ ބިމަށް އިތުރު 47.8 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މަގޫދޫ އެއާޕޯޓު ހަދަން ހަމަޖެހިފައިވަނީ އަލަށް ހިއްކާ ބިމުގަ އެވެ. އެ ބިމުގެ ސަބަބުން އެ ރަށަށް މިހާރު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ވެސް ހައްލު ލިބޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، މަގޫދޫ އެއާޕޯޓުގެ ސަބަބުން ފ. އަތޮޅުގެ 6،244 މީހުންގެ އާބާދީ އަށް ދިމާވެފައިވާ ދަތުރުފަތުރުގެ މައްސަލަ ބޮޑުތަނުން ހައްލުވާނެ އެވެ. އެއީ އެ އަތޮޅުގައި ވައިގެ މަގުން ދަތުރު ކުރާނެ އިންތިޒާމެއް ނެތުމެވެ.

ފ. މަގޫދޫ: އެ ރަށުގެ 22.1 ހެކްޓަރުގެ ބިމަށް އިތުރު 47.8 ހެކްޓަރުގެ ބިން ހިއްކާނެ

ފ. މަގޫދޫ: އެ ރަށުގެ 22.1 ހެކްޓަރުގެ ބިމަށް އިތުރު 47.8 ހެކްޓަރުގެ ބިން ހިއްކާނެ

ފ. އަތޮޅުން ލޯންޗެއްގައި މާލެ އަށް ދަތުރުކުރަން ތިން ގަޑިއިރު ނަގަ އެވެ. ކަނޑު ގަދަ ވެއްޖެ ނަމަ އެފަދަ ދިގު ދަތުރުތައް ކުރުމަކީ އުނދަގޫ ކަމެކެވެ.

އެ އަތޮޅު މީހުން ވައިގެ މަގުން ދަތުރު ކުރަން ބޭނުން ކުރަނީ ކައިރީގައި އޮންނަ އދ. މާމިގިލި ނުވަތަ ދ. ކުޑަހުވަދޫ އެއާޕޯޓެވެ. އެ ދެ އެއާޕޯޓުން އަމިއްލަ ރަށަށް ގޮސް ހެދުމަށް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

ފ. އަތޮޅުގައި ގެސްޓް ހައުސް ވިޔަފާރި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދަން ބޭނުންވާ އެންމެ މުހިންމު ވަސީލަތަކީ އެއާޕޯޓު ކަމަށް އެ. އަތޮޅުގެ ގިނަ މީހުން ގަބޫލުކުރެ އެވެ.

ފ. އަތޮޅު ކައުންސިލުން ބުނީ، މަގޫދޫ އެއާޕޯޓުގެ ސަބަބުން އެ ރަށުގައި ހުންނަ މެރިން ސައިންސަށް ހާއްސަ އިޓަލީގެ ޔުުނިވާސިޓީ، މިލާނޯ ބިކޯކާ ތަރައްގީވެ ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ މަގޫދޫ އެއާޕޯޓާއެކު މުޅި އަތޮޅުގެ ރައްޔިތުންނާއި އެކި ބޭނުންތަކަށް އެ އަތޮޅަށް ގޮސް އުޅޭ މީހުންނަށް އިގްތިސޯދީ އަދި އިޖުތިމާއީ ގޮތުން ގިނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.