Roadha Mihaaru
ކަސެމީރޯ ގޯލުޖަހައި ޗެލްސީ ހުއްޓުވައިފި

ކަސެމީރޯ އިތުރު ވަގުތުގައި ލަނޑު ޖަހައި ޗެލްސީ ހުއްޓުވައިފި

23 އޮކްޓޯބަރ 2022

ލަންޑަން (އޮކްޓޫބަރު 22) - ރެއާލް މެޑްރިޑުން މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އިތުރު ވަގުތުގައި ޖެހި ލަނޑުން އެ ޓީމުން ޗެލްސީއާ ރޭ 1-1 އިން އެއްވަރުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮކްޓޫބަރު 22) - ރެއާލް މެޑްރިޑުން މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ އިތުރު ވަގުތުގައި ޖެހި ލަނޑުން އެ ޓީމުން ޗެލްސީއާ ރޭ 1-1 އިން އެއްވަރުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ އެޓޭކްތައް ނުރައްކާވި ނަމަވެސް، ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ ފެނުނީ ހުށިޔާރު ކޮށެވެ. އެކަމަކު ދެވަނަ ހާފުގައި ޗެލްސީ އިން ވަނީ ބޮޑަށް ކުރިއަށް ޖެހިގެން އެޓޭކް ކުރަން މަސައްކަތް ކޮށްފަ އެވެ.

ޗެލްސީގެ އެޓޭކްތައް ހުއްޓުވަން ޔުނައިޓެޑްގެ ޑިފެންސުން ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް ޗެލްސީގެ ޕިއޭ އެމެރިކް އޮބާމެޔަންގް ހުއްޓުވަން އުޅެނިކޮށް ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން އަށް އަނިޔާ ވެގެން ދެވަނަ ހފުގައި ވަނީ ބަދަލު ކޮށްފަ އެވެ.

މި މެޗުގައި ޗެލްސީ އިން ފޮނުވާލި އެންމެ ރަނގަޅު ހަމަލާ، 73 ވަނަ މިނިޓުގައި ނެގި ކޯނަރަކުން ފޮނުވާލީ ޑިފެންޑަރު ޓްރެވޯ ޗަލޮބާ އެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒު ވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޗެލްސީ އިން ލީޑު ނެގީ މެޗުގެ 87 ވަނަ މިނިޓުގައި، ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ އެވެ. ޕެނަލްޓީ ލިބުނީ ކޯނަރެއް ނެގި ވަގުތު ޔުނައިޓެޑްގެ ސްކޮޓް މެކްޓޮމިނޭ، ޗެލްސީގެ ފޯވާޑް އާމަންޑޯ ބްރޯޔާ ކުރިއަށް ދާން އުޅުން ވަގުތު އޭނާ ގައިގައި ހިފައި އޭރިއާ ތެރެއަށް ވައްޓާލުމުންނެވެ.

ޔުނައިޓެޑަށް އެއްވަރު ކޮށްދިން ލަނޑު ކަސެމީރޯ ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތިން ވަނަ މިނިޓުގައި، ލޫކް ޝޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި، ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.

ކަސެމީރޯ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ކީޕަރު ކެޕާ އަތުގައި ޖެހިފައި ގޮސް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ. އަރިމަތީ ދަނޑީގައި ޖެހިފައި ގޯލް ރޮނގު ހުރަސް ކުރުމުގެ ކުރިން ކެޕާ އެ ބޯޅަ ހިފަހައްޓަން މަސައްކަތް ކުރި ނަމަވެސް، ގޯލް ލައިން ޓެކްނޮލޮޖީ އިން ވަނީ ގޯލު ބަލައިގަނެފަ އެވެ.

މި ނަތީޖާއާ އެކު ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އަދިވެސް އޮތީ ޕޮއިންޓެއްގެ ފަރަގެވެ. ޗެލްސީ އަށް 11 މެޗުން 21 ޕޮއިންޓް ލިބިފައި ވާއިރު، ޔުނައިޓެޑަށް ލިބިފައި ވަނީ 20 ޕޮއިންޓެވެ.

ޗެލްސީ އިން ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން މިހާތަނަށް އަށް މެޗު ކުޅެފައި ވާއިރު، އެޓީމުން ވަނީ ހަސް މެޗުން މޮޅުވެ، ތިން މެޗު އެއްވަރު ކޮށްފަ އެވެ. ލީގުގައި ފުރަތަމަ ތިން މެޗުން މޮޅުވި ނަމަވެސް، މިރޭގެ މެޗާ އެކު ފަހުން ކުޅުނު ދެ މެޗުން ވަނީ އެއްވަރު ވެފަ އެވެ.

އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑުން ސީޒަންގެ ފެށުން ގޯސްކޮށް ދިޔަ ނަމަވެސް، ފަހުން ވަނީ ނަތީޖާތައް ރަނގަޅުކޮށް، ލިވަޕޫލާއި އާސެނަލް އަދި ޓޮޓެންހަމް ވެސް ބަލިކޮށްފަ އެވެ. ފުރަތަމަ ދެ މެޗަށް ފަހު އެ ޓީމް ބަލި ވެފައި ވަނީ ހަމައެކަނި މެންޗެސްޓާ ސިޓީ އަތުންނެވެ.