Roadha Mihaaru
ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތް ވާވެއްޖެ

ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތް ވާވެއްޖެ

24 އޮކްޓޯބަރ 2022

މިދިޔަ އޮގަސްޓް މަހު ނިއު ޔޯކްގައި އޮތް ހަފުލާއެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓައި، މީހަކު ދިން ވަޅީގެ ހަމަލާތަކުގެ ސަބަބުން، އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތުގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް އޭނާގެ އެޖެންޓު ބުނެފި އެވެ.

މިދިޔަ އޮގަސްޓް މަހު ނިއު ޔޯކްގައި އޮތް ހަފުލާއެއްގެ ތެރެއިން ސްޓޭޖް މަތީގައި ހުއްޓައި، މީހަކު ދިން ވަޅީގެ ހަމަލާތަކުގެ ސަބަބުން، އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ އެއް ލޯ ކަނުވެ، އެއް އަތުގެ މަސައްކަތް މުޅިން ހުއްޓިފައިވާ ކަމަށް އޭނާގެ އެޖެންޓު ބުނެފި އެވެ.

ސެޕެއިން ބަހުން ނުކުންނަ އެލް ޕައިސް ދުވަހު ނޫހަށް ދިން އިންޓަވިއުއެއްގައި ސަލްމާން ރުޝްދީގެ އެޖެންޓު އެންޑްރޫ ވީލީ ބުނީ އޮގަސްޓް 12، 2022 ގައި ދިން ވަޅީގެ ހަމަލާގައި ސަލްމާން ރުޝްދީ، 75، އަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބުނު ކަމަށެވެ.

"އެ ހަމަލާތަކުގެ ސަބަބުން އޭނާގެ އެއް ލޮލުގެ ފެނުން މިހާރު ވަނީ ގެއްލިފައި. އޭނާގެ ކަރުގައި ވަރަށް ނުރައްކާތެރި ތިން ޒަޚަމެއް އެބަހުރި. ވަޅި ހެރުމުގެ ސަބަބުން އަތުގެ ނާރުތަކެއް ބުރިވެފައިވާތީ، އެއް އަތުގެ ހަރަކާތް ވަނީ ހުއްޓިފައި. އޭގެ އިތުރުން ވެސް އޭނާގެ މެޔާއި ހަށިގަނޑުގެ އެކި ތަންތަނުގައި 15 ވަރަކަށް ޒަޚަމް ހުރި،" އެޖެންޓު އެންޑްރޫ ވީލީ ބުންޏެވެ.

އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ

އިނގިރޭސި ވިލާތުގެ ލިޔުންތެރިޔާ ސަލްމާން ރުޝްދީ

އެ ހަމަލާގައި ލިބުނު ޒަޚަމްތަކާއި ގެއްލުންތަކުން އޭނާ މިހާރު އަންނަނީ ރަނގަޅު ވަމުން ކަމަށް ބުންޏަސް، ސަލްމާން ރުޝްދީ މިހާރު ހުރީ ކޮން ތަނެއްގައި ކަމެއް އެޖެންޓު ނުބުނެ އެވެ. އެންމެ ފުރަތަމަ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުގައި ބާއްވާފައި އޮތް ސަލްމާން ރުޝްދީ މިހާރު އޮތީ ހޮސްޕިޓަލުގައި ކަމެއް ނުވަތަ ގޭގައި ކަމެއް ވެސް ނުބުނެ އެވެ.

ސަލްމާން ރުޝްދީ ލިޔެ އާންމުކުރި އޭނާގެ ހަތަރު ވަނަ ފޮތް، ޝައިތާނީ އާޔާތްތައް (ދަ ސެޓަނިކް ވާސަސް) 1988 ވަނަ އަހަރު ޝާއިއުކުރުމާ ގުޅިގެން، އޭނާ އަށް އެތައް ފަހަރަކު ވަނީ މަރުގެ އިންޒާރު ދީފަ އެވެ. އިސްލާމީ ބައެއް އިލްމުވެރިން ވަނީ އޭނާ މެރުމަށް ގޮވާލައިފަ އެވެ.

އެ ފޮތް ނެރުމާ ގުޅިގެން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ ވަނީ ސަލްމާން ރުޝްދީގެ މަރު ހުއްދަ ވެއްޖެ ކަމަށް ވިދާޅުވެ ފަތުވާއެއް ނެރުއްވައި، އޭނާ މެރުމަށް އިސްލާމީ އުންމަތަށް ގޮވާލައްވައިފަ އެވެ. ޚުމައިނީގެ އެ ގޮވައިލެއްވުމާ ގުޅިގެން، ނުވަ އަހަރު ވަންދެން ސަލްމާން އުޅުނީ އިނގިރޭސި ވިލާތުގެ ފުލުހުންގެ ހިމާޔަތާ އެކު، ސިއްރު ތަނެއްގައި ފިލައިގެންނެވެ.

އޮގަސްޓް 12 ވަނަ ދުވަހު މީހަކު ސަލްމާނަށް ވަޅިއަކުން ހަމަލާ ދިނީ، ނިއު ޔޯކްގެ ޝިޓޯކްއާ އިންސްޓިޓިއުޓްގައި އޮތް ހަފުލާއެއްގައި ތަގުރީރުކުރުމަށް ތައްޔާރުވެ ސްޓޭޖްމަތީގައި ހުއްޓަ އެވެ. އެ ވަގުތު އެ ހޯލުގައި ހުރި މީހަކު ދުވެފައި ގޮސް ސްޓޭޖަށް އަރައި، ސަލްމާންގެ ގައިގައި ތަޅައިގަނެ ސްޓޭޖް މައްޗަށް ވައްޓައިލުމަށް ފަހު، މެޔަށާއި ކަރަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރި އެވެ.