Roadha Mihaaru
ހައްޔަރުކުރި މީހާ ލޯންޗުގައި މަރުވުމުން ބޮޑު ތުހުމަތެއް

ހައްޔަރުކުރި މީހަކު ލޯންޗުގައި މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑު ތުހުމަތެއް

25 އޮކްޓޯބަރ 2022

ޑްރަގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫން މިއަދު ހައްޔަރުކުރި މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑު ތުހުމަތުތަކަކާ އެކު ބަޔަކު މިރޭ ނުރުހުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑްރަގު އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގދ. ހޯނޑެއްދޫން މިއަދު ހައްޔަރުކުރި މީހަކު ކުއްލި ގޮތަކަށް މަރުވި މައްސަލާގައި ފުލުހުންނަށް ބޮޑު ތުހުމަތުތަކަކާ އެކު ބަޔަކު މިރޭ ނުރުހުން ފާޅުކޮށްފި އެވެ.

މި މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކުރި މީހުން ބުނަނީ މިއަދު މެންދުރެއްހާއިރު ހައްޔަރުކުރަނިކޮށް ފަރުވާދޭން އެދުމުން އަޅާނުލައި އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި މަރުވުމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ފަރުވާދޭން އިހުމާލުވެފައިވާތީ އެވެ.

އެކަމަކު ފުލުހުންގެ ކުރު މެސެޖުގައި އެ ހާދިސާ ތަފްސީލްކޮށްދީފައިވާ ގޮތުގައި އޭނާގެ ފަރުވާއަށް އިހުމާލުވެފައެއް ނުވެ އެވެ. ފަރުވާ ބޭނުންވާކަން އެނގުމާ އެކު އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހެއްގެ މަރާ ގުޅިގެން ސުވާލު އުފެއްދުމުން، މައްސަލަ ބަލައިދޭން އެ މުއައްސަސާ އިން ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

މަރުވި މީހާ ހިމެނެނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހޯނޑެއްދޫން މިއަދު ހައްޔަރުކުރި ތިން މީހުންގެ ތެރޭގަ އެވެ. އޭނާގެ މަރާ ގުޅިގެން ބަޔަކު ނުރުހުންފާޅުކުރީ ފުލުހުން އޭނާ ގެންދިޔަ މަޑަވެލީ ސިއްހީ މަރުކަޒު ދޮށަށް އެއްވެ އެވެ.

މަޑަވެލީ ކައުންސިލުގެ މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރެއްހާ އިރު ތިން މީހަކު ހޯނޑެއްދޫން ހައްޔަރުކޮށްގެން ލޯންޗެއްގައި ތަހުގީގަށް ފުލުހުންގެ ޓީމަކުން ގެންދިޔަ ކަމަށެވެ. އެކަމަކު ލޯންޗުގައި އެ މީހުން ގެންދިޔަ ތަނެއް ސާފުވެވަޑައިނުގަންނަވާ ކަމަށާއި މަޑަވެއްޔަށް ގެނައީ ވަކި ހިސާބަކުން ކަމަށް ވިދާޅުވި އެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދެއްވައި ކައުންސިލަރު ވިދާޅުވި ގޮތުގައި މަރުވި މީހާ ވަނީ ހޯނޑެއްދޫން އޭނާ ހައްޔަރުކުރަން އުޅުނު ވަގުތުގައި ވެސް މެޔަށް ތަދުވާތީ އެ ވާހަކަ ފުލުހުން ގާތުގައި ބުނެފަ އެވެ. އެކަމަކު ހޯނޑެެއްދޫގައި އޭނާގެ ފަރުވާއަށް މަޑުނުކޮށް ލޯންޗަށް އަރުވައި ފަހަތު ސީޓަށް ގެންގޮސް ސުވާލުކުރި ކަމަށް ވެ އެވެ.

"ފުލުހުން ސުވާލުކޮށްކޮށް ހުއްޓާ އެ މީހާ ވެއްޓުނީ. މިކޮޅަށް [މަޑަވެއްޔަށް] ގެނައިއިރު ވެސް އޮތީ މަރުވެފައި ކަމަށް ސިއްހީ މަރުކަޒުން ބުނަނީ،" ކައުންސިލަރު ވިދާޅުވި އެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ހައްޔަރުކުރި މީހުން ގޮވައިގެން ލޯންޗުގައި މަޑަވެލި ފަޅާ ގާތްކުރި އިރު އެތަނުގައި އެމްބިއުލާންސް ވެސް އޮތެވެ. ހޯނޑެއްދޫން ފުރައިގެން ލޯންޗުގައި ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ތެރޭގައި މަޑަވެއްޔަށް ދެވެ އެވެ.

މަޑަވެލި ކައުންސިލް މެމްބަރު ވިދާޅުވި ގޮތުގައި ލޯންޗުގައި އޭނާއަށް އަނިޔާކުރި ތަނެއް އެކަކަށް ވެސް ނުފެނެ އެވެ. އެކަމަކު މޭގައި ރިއްސާ ވާހަކަ ބުނެފައިވަނިކޮށް ފަރުވާ ނުދީ ރަށުން ފުރުވާލާފައިވާތީ އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ މަޑަވެލީ ސިއްހީ މަރުކަޒު ދޮށުގައި ގިނަ ބަޔަކު އެއްވެ، ނުރުހުން ފާޅުކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މީހާގެ މެއަށް ތަދެއް އަރައި، ފިޓެއް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން މަޑަވެލި ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ބުންޏެެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ ކުއްޔަށް ހިފާފައިވާ ލޯންޗެއްގައި ކަމަށާއި އެ ލޯންޗުގައި އާންމުވެސް ތިބި ކަމަށް ފުލުހުން ބުނެ އެވެ.

އޭނާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ވަނީ ނިންމައިފަ އެވެ.