Roadha Mihaaru
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން

މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ ކަނޑާލުން ގަބޫލެއް ނުކުރަން: ޕީޕީއެމް

30 ސެޕްޓެމްބަރ 2018

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް އެމްޓީސީސީން ހެދި ކޯޒްވޭ، ބަޔަކު ނުކުމެ ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއްފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް އެމްޓީސީސީން ހެދި ކޯޒްވޭ، ބަޔަކު ނުކުމެ ކަނޑާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލިހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން 29 މިލިޔަން ރުފިޔާ ހަރަދުކޮށްގެން، މިދިޔަ މަހު ހަދާ ނިންމި، މަޑަވެލި-ހޯޑެއްދޫ ކޯޒްވޭ މިދިޔަ ބުރާސްފަތި ދުވަހު ކަނޑާލީ ހޯޑެއްދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންތަކެއް ނިކުމެ އެވެ. އެއީ ކޯޒްވޭ މަތިން، ރަށުތެރެއަށް ލޮނު އަރައި، މުޅި ރަށުގައި ފެންބޮޑުވާތީ ކަމަށް ހޯޑެއްދޫ ކައުންސިލުން ބުންޏެވެ.

ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚަލީލް ވިދާޅުވީ ދައުލަތުގެ މިލްކިއްޔާތަކަށް ހޯޑެއްދޫ ކައުންސިލުން އިސްވެ އޮވެ، އަރައިގެންފައިވާތީ މަޑަވެލި އަދި ހޯޑެއްދޫ ރައްޔިތުންނަށް ގެއްލުނު ހައްގު ހޯދައިދިނުމަށް ޕީޕީއެމުން މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އެކަން ކުރި މީހުން ހޯދައި، މައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޚަލީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ އެމީހުން ހިތްހަމަނުޖެހުނީމަ ދައުލަތުން ކޮށްފައި ހުރި ބޮޑެތި މަސައްކަތްތައް ރޫޅާލައި އަމިއްލައަށް ކަންކަން ކުރެވިދާނެ ކަމަކަށް،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ކައުންސިލްތަކަކީ ވަކި ދައުލަތްތަކެއް ނޫނެވެ. ކައުންސިލްތައް މަސައްކަތް ކުރަންވާނީ ސަރުކާރުން އަބަދުވެސް އަންގާ ގޮތެއްގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހުއްދަ ނެތި، ދައުލަތުގެ އެއްވެސް މިލްކިއްޔާތެއް ފުނޑާލައި ނޫނީ ރޫޅާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެއީ ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމެއް. ދެ ރަށުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާނަން،" ޚަލީލް ވިދާޅުވި އެވެ.

ޚަލީލް ވަނީ އެކަން ކުރި މީހުން، އެކަމުގެ އަގު އަދާ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

މަޑަވެލި-ހޯޑެއްދޫ ގުޅާލުމަށް ހެދި ކޯޒްވޭގެ ދިގުމިނުގައި 440 މީޓަރު އަދި ފުޅާމިނުގައި ހަތް މީޓަރު ހުރެ އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލާފައި ވަނީ، އެ ދެމެދުގައި އޮންނަ ހާދޫ ކިޔާ ފަޅުރަށެއް ހިމަނައިގެން، އެ ރަށާ އެކު އެވެ. މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލައި، އެމްޓީސީސީން ހަދާފައިވާ ކޯޒްވޭ މަތިން ލޮނު އަރާތީ އެތަން ކަނޑާލީ ކޯޒްވޭ ޑިޒައިންކޮށްފައި އޮތް ގޮތުން ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މި މަޝްރޫއު ނުނިމި، ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ އެވެ. އަދި ވަކި ހިސާބަކުން މަޝްރޫއު ހުއްޓިފައިވީ ނަމަވެސް، އަލުން މަސައްކަތް ފެށީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް، މީގެ ދެ މަސް ކުރިންނެވެ.