Roadha Mihaaru
އަރުޝަދު ހައްޔަރުކުރީ ޑްރަގްގެ އާ ތުހުމަތެއްގައި

އަރުޝަދު ހައްޔަރުކުރީ ޑްރަގް އެތެރެކުރުމުގެ އާ ތުހުމަތެއްގައިކަން ހާމަވެއްޖެ

26 އޮކްޓޯބަރ 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ރޭ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރުމުގެ އެހެން ތުހުމަތެއް ކަން ހާމަވެއްޖެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ޚާލިދު ރޭ ހައްޔަރުކުރީ މަސްތުވާތަކެތި އެތެރެކުރުމުގެ އެހެން ތުހުމަތެއް ކަން ހާމަވެއްޖެ އެވެ.

ނުވަ ކިލޯގެ ޑްރަގް މައްސަލައެއްގައި އިސް މީހެއް ކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ސްރީލަންކާއިން ރާއްޖެ އައުމާ އެކު މިމަހު އޭނާ ހައްޔަރުކުރީ ހައި ކޯޓުގެ އަމުރަކާ ގުޅިގެން އެ ކޯޓަށް އޭނާ ހާޒިރުކުރުމަށެވެ. އެކަމަކު ފަހުން ފުލުހުން އަމިއްލައަށް އޭނާ ދޫކޮށްލި އެވެ. އަދި ރޭ އަނެއްކާވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

އަރުޝަދު ބަންދުކުރަން ހައިކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭނާގެ ވަކީލް ވިދާޅުވީ ރޭ އަރުޝަދު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް ޑްރަގް އެތެރެކުރި ކަމަށް ތުހުމަތުކޮށް ކަމަށެވެ.

އަރުޝަދާ ދެކޮޅަށް މިފަހަރު އޮތީ ހަމައެކަނި އިންޓެލިޖެންސް ރިޕޯޓެއް ކަމަށާއި އަދި އޭނާ ދިރިއުޅޭ ތަނާއި ހަށިގަނޑު ބަލައި ފާސްކުރުމުން ވެސް އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

އަރުޝަދު ރޭ ހައްޔަރު ކުރިއިރު، ފުލުހުން އަމިއްލައަށް ކުރިން އޭނާ ދޫކޮށްލި މައްސަލަ ހޫނުވެ، އެކަމުގައި ބައިވެރިވި ފުލުހުންގެ މައްސަލަ ބަލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޮތީ އޭރު އަންގައިފަ އެވެ.

އަރުޝަދަކީ މިދިޔަ އަހަރު ރާއްޖެއިން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި އިސް މީހެއް ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު އެ މައްސަލާގައި މިހާތަނަށް އޭނާއަށް ދައުވާއެއް ނުކުރެ އެވެ.