Roadha Mihaaru
ޑްރަގް ޑީލަރުން ޗޭނުޖަހަން ސުޕްރީމް ކޯޓުން ގޯހެއް؟

ޑްރަގް ޑީލަރުން ޗޭނުޖަހަން ސުޕްރީމް ކޯޓުން ހެދީ ގޯހެއްތަ؟

12 އޮކްޓޯބަރ 2022

ލައިގެން ހުންނަ ހެދުމާއި އަރައިގެން ހުންނަ ބޫޓު ތެރެއިން ޑްރަގް ފެނުނަސް، ފުލުހުންނަށް ޗެއިން ފުރިހަމައެއް ނުކުރެވެ އެވެ. ކުށް ސާބިތުވާނެ އެހެން ހުރިހާ ހެއްކެއް ހުއްޓާ، ކޯޓުތަކުން މިފަދަ މީހުން ދޫވެގެންދާ ހަމައެކަނި ސަބަބަކަށް ޗެއިން އޮފް ކަސްޓަޑީ ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ލައިގެން ހުންނަ ހެދުމާއި އަރައިގެން ހުންނަ ބޫޓު ތެރެއިން ޑްރަގް ފެނުނަސް، ފުލުހުންނަށް ޗެއިން ފުރިހަމައެއް ނުކުރެވެ އެވެ. ކުށް ސާބިތުވާނެ އެހެން ހުރިހާ ހެއްކެއް ހުއްޓާ، ކޯޓުތަކުން މިފަދަ މީހުން ދޫވެގެންދާ ހަމައެކަނި ސަބަބަކަށް ޗެއިން އޮފް ކަސްޓަޑީ ވެއްޖެ އެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ މާއްދީ ހެކި (މިސާލަކަށް މަސްތުވާއެއްޗެއް) ތަނަކުން ނެގުމަށް ފަހު އެތަކެތި ތަހުލީލުކުރަން ލެބޯޓްރީއާ ހަމައަށް ގެންދެވެންދެން އެކަކު އަތުން އަނެކަކު އަތަށް ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ސިލްސިލާ އެވެ. ބޭނުމަކީ މާއްދީ ހެކި ނެގި ތަން ކަށަވަރު ކުރުމާއި އެއަށް އިތުރު ބަދަލެއް ނުގެންނަކަން ކަށަވަރު ކުރުމެވެ. ކުރުކޮށް ބުނާ ނަމަ، މީހުން "ފްރޭމްކުރަން" ފުރުސަތު ނުދިނުމެވެ.

ނަމަވެސް ޗެއިންގެ މައްސަލަތައް ފެންމަތިކޮށް ޑްރަގް ބޮޑެތި ކޭސްތައް ފަނުފުލުން ދިއުން ކަންބޮޑުވާ ހިސާބަކަށް ހިނގައްޖެ އެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ކަނޑައެޅީ ޑްރަގް މައްސަލަތަކުގައި ޗެއިންއާ މެދު ސުވާލު އުފެދޭ ނަމަ، އެކަމާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްގެން ޗެއިން ފުރިހަމަކުރެވިދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ހަމަޖެއްސި އުސޫލުގެ ދަށުން، ޗެއިންގައި މައްސަލައެއް ނެތްކަން ފަހުން ހެކި ގެނެސްގެން ސާބިތުކޮށްދިނުމުގެ ފުރުސަތު ލިބުނީ އެވެ. ޗެއިންގެ އަކުރެއް ނުވަތަ ފިއްޔެއްގައި މައްސަލަ ޖެހުނަސް، އެއީ މީހުން ދޫކުރުމުގެ ހުއްޖަތަކަށް ދެން ނެހެދޭނެ އެވެ.

"ބެލެވެނީ ޕަބްލިކްގެ ކަންބޮޑުވުން އޮތް ކަމެއްވީމަ ހައްލެއް ގެނެސްދިނީހެން. އެހެން ނަމަވެސް ކޯޓެއްގެ ދައުރެއް ނޫން އެއީކީ"

މިއީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ސުޕްރީމް ކޯޓުން ހޯދައިދިން މުހިންމު ހައްލެކެވެ. ނަމަވެސް، މިކަންވީ ގާނޫނީ ގިނަ ބޭފުޅުންގެ "ރުޅިގަނޑު ފަޅައިގެން" ދިޔަ ކަމަކަށެވެ. މިއީ ސުޕްރީމް ކޯޓު އާ ބެންޗް 2019 ވަނަ އަހަރު އައްޔަންކުރި ފަހުން އެ ކޯޓަށް ގާނޫނީ ބޭފުޅުންގެ މިހާ ގިނަ ފާޑުކިޔުން އަމާޒުވި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުން ހެދީ ގާނޫނެއް، އުފެދޭނީ އާ ހެކި

ގާނޫނީ ބޭފުޅުންގެ އެއް ކަންބޮޑުވުން ފާޅުކުރަނީ އާންމުންގެ ކަންބޮޑުވުމަށް ވީތީ ސުޕްރީމް ކޯޓުން އަމިއްލައަށް "ގާނޫނެއް ހެދީ" ކަމަށް ބުނެ އެވެ.

މަސްތުވާއެއްޗެހިތަކެއްގައި ހަރުކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމެއް --- ފޮޓޯ/މިހާރު

މަސްތުވާއެއްޗެހިތަކެއްގައި ހަރުކޮށްފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމެއް --- ފޮޓޯ/މިހާރު

ގާނޫނުގައި ނެތް އިޖްރައާތެއް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ އިޖްރައާތުތައް އޮޅުން ބޮޅުންވެ، ބޭނުން ކެނޑިގެންދާނެ ކަމަށް ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެ ގާނޫނު ބުނާގޮތުން ވަކި މަރުހަލާއެއްގައި ހުށަނާޅާ ހެކިތައް ކޯޓަށް ގަބޫލެއް ނުކުރެވޭނެ އެވެ.

"ހުށަނާޅާ ހެއްކެއް ފަނޑިޔާރުގެ އަމިއްލަ އިސް ނެގުމުގައި ނުގެނައުން އެއީ ރާއްޖޭގެ ޕްރެކްޓިސްއަކީ އަދި ގާނޫނު ދަންނަ ގޮތަކީ،" މިފަދަ ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރެއްވި ވަކީލަކު ވިދާޅުވި އެވެ.

"އެވިޑެންޝަރީ ރޫލެއް މި ގެނައީ ސުޕްރީމް ކޯޓުން. މިފަދަ ރޫލެއް ގެނެވޭނީ ގާނޫނަކުން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީން ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގެ އުސޫލަކީ ނެތް ހެކިންތަކެއް މާފަހުން ހުށަހަޅައިގެން އިޖްރައާތު އޮޅުން ބޮޅުންކުރާނެ އެއްޗެއް ނޫނެވެ. އެއީ ޗެއިންގައި ސޮއިކުރާ ހުރިހާ ފުލުހުންގެ ނަން ހެކި ލިސްޓުގައި އެންމެ ފުރަތަމަ ވެސް އޮންނާނެތީ އެވެ.

ގޯސްކޮށް އޮތްކަމެއް ރަނގަޅު ކަމެއް ކަމަށް ބަލާކަށް އަންގާފައި އޮތް ކަމަކަށް ނުދެކެން: ޕީޖީ އޮފީސް

މައްސަލަ ދިމާވަނީ ސުވާލު އުފެދުނަސް، ގޮތް ނިންމުމުގެ ކުރިން އެ ފުލުހުން ކޯޓަށް ހާޒިރު ނުކުރާތީ ކަމަށް އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ޗެއިންގައި ނަން އޮތް އެންމެން ހެކިންގެ ގޮތުގައި ހުށަހަޅަންޖެހޭނެ. މިހާރުވެސް ކަން ކުރަނީ އެގޮތަށް. އެ މީހުން ކޯޓަށް މިހާރު ހާޒިރު ނުކުރަނީ،" ޕީޖީ އޮފީހުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.

ގާނޫނީ ބޭފުޅުންގެ އަނެއް ކަންބޮޑުވުމަކީ ޗެއިންގައި ހުންނަ ގޯސްތައް ރަނގަޅުކުރަން ދައުލަތަށް ފުރުސަތު ދިނުމަކީ އާ ހެކި އުފައްދަން ލިބޭނެ ފުރުސަތަކަށް ވެދާނެތީ އެވެ. އެއީ ޗެއިން އޮޅުވާލަން ފުލުހުން މަސައްކަތްކުރާ ކަމަށް ބައެއް ފަހަރު ތުހުމަތު ވެސް ކުރެވޭތީ އެވެ.

ނަމަވެސް ޕީޖީ އޮފީހުން ދެކޭ ގޮތުގައި އެ ފުރުސަތެއް ނޯންނާނެ އެވެ. އަދި ފުލުހުން ހާޒިރުކޮށްގެން ސުވާލު ކުރާއިރު، ގޯހެއް އޮތިއްޔާ ޗެއިން ބަލައިނުގަތުމުގެ ފުރުސަތު އޮންނާނެ ކަން ޕީޖީގެ އޮފިޝަލް ފާހަގަ ކުރެއްވި އެވެ.

"ސުޕްރީމް ކޯޓުން އޮތީ ޗެއިންގައި ފުލުހުން ހަދާ ގޯސްތައް ރަނގަޅުކުރަން އަންގާފައެއް ނޫން. އެބާވަތުގެ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ އިރުޝާދެއް އޮތީ. ގޯސްކޮށް އޮތްކަމެއް ރަނގަޅު ކަމެއް ކަމަށް ބަލާކަށް އަންގާފައި އޮތް ކަމަކަށް ނުދެކެން،" އޮފިޝަލް ވިދާޅުވި އެވެ.

ޗެއިން އޮފް ކަސްޓަޑީ ނެތް ނަމަ، ހެއްކަށް ބުރަދަން ނުދެވޭނެ ކަމަށް ދަށު ކޯޓުތަކުން ނިންމަމުން އައީ ހައިކޯޓުގެ އެތައް ނިންމުންތަކެއް އެގޮތަށް އޮންނާތީ އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނެރުނީ ޕްރެކްޓިސް ޑައިރެކްޝަނެކެވެ. އެހެންވުމުން މީގެ ތެރެއިން އިސްވާނެ އެއްޗަކާ މެދު ސުވާލު އުފެދޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ.

"ހުކުމެއް ވިއްޔާމު ދަށު ކޯޓުތަކުން ތަބާވާން ޖެހޭނެ. އެކަމަކު ޕްރެކްޓިސް ޑައިރެކްޝަނަކަށް އަމަލުކުރަން ދަށު ކޯޓުތަކަށް ލާޒިމްވާނެތޯ އެއީ ހަމަ އުފެދޭ ސުވާލެއް،" ކުރިން ވާހަކަ ދެއްކެވި ވަކީލް ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން. --- ފޮޓޯ/މިހާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން. --- ފޮޓޯ/މިހާރު

"ސުޕްރީމް ކޯޓުގެ ނިންމުމެއްގައި އޮންނާނެ ލިޔުމުން އޮތުން ލާޒިމްކުރާ ހެކިތަކަކީ މީހުން އަނގަބަހުން ދޭ ހެކިބަހަށް ވުރެ ވެސް ވަރުގަދަ ހެކިތަކެކޭ. އޮތުން ލާޒިމްވާ އެއްޗެއް، އެ އެއްޗެއް އޮންނަންވީ ގޮތަކަށް ނެތުމަކީ އެ އެއްޗެއް ނެތުން ފަދަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ހަދާ ގޯހެއްގެ ކައްފާރާ ސުޕްރީމް ކޯޓުން ދޭންޖެހޭތަ؟

ދެން އޮތީ ފުލުހުން އަމިއްލައަށް ނުވަތަ އިހުމާލުން ތަކުރާރުކޮށް ހަދަމުންދާ ގޯހެއްގެ "ކައްފާރާ" ސުޕްރީމް ކޯޓުން ދެއްކުމެވެ. ގާނޫނީ ގޮތުން ފުލުހުން ކުރަން ލާޒިމް ކަމެއްގައި އިހުމާލުވުމަކީ ސުޕްރީމް ކޯޓުން އިސް ނަގައިގެން ހައްލެއް ދޭންޖެހޭ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އަނެއްކޮޅުން ފުލުހުން ގަސްދުގައި ގޯސް ހަދަނީ ކަމަށް ކުރާ ތުހުމަތަށް ފުލުހުން އަބަދުވެސް އިންކާރުކުރެ އެވެ. ފުލުހުން ދެކޭ ގޮތުގައި ޗެއިންގެ މައްސަލަ ބޮޑުވީ ޗެއިންއާ ގުޅުވައި ސާބިތު ނުވާ ކަމަށް ނިންމާ މައްސަލަތައް އިސްތިއުނާފު މަރުހަލާއަށް ނުގޮސް ނިންމާލާތީ އެވެ.

"ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއްގައި އޮންނާނެ ބުނެފައި އިޖްރައާތުތައް ފުރިހަމަ ކުރުމުގައި އިހުމާލުވަންޏާ އިހުމާލުވާ މީހުންނާ މެދު އަމަލު ކުރަންޖެހޭނެ ގޮތް،" އެ ވަކީލް ވިދާޅުވި އެވެ.

ޑްރަގް މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީ އޮންނަންޖެހޭ ގޮތާއި އެ ފުރިހަމަ ކުރަންޖެހޭ ގޮތް ކަނޑައަޅާފައި އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހަދާފައިވާ ގަވާއިދެއްގަ އެވެ. އެހެންވެ، ސުޕްރީމް ކޯޓުން މިފަދަ ކަމެއް ނުކޮށް، ޕީޖީ އޮފީހުން އެ ގަވާއިދު އިސްލާހު ކުރުމުގެ ފުރުސަތު އޮތެވެ.

"ކަމަކުން ނުވާ ކަމެއްގައި ޗެއިން ނެތީކަމަށް ބުނެ ކޯޓުން ނިންމާ ނިންމުން މީގެ ސަބަބުން ހުއްޓުމަކަށް އަންނާނެ."

އެކަމަކު ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި ގޮތުގައި މައްސަލައަކީ "އެއްވެސް ކަމަކަށް ނުވާ ކަންކަން ކަމުގައި" ވެސް ޗެއިންއާ މެދު ސުވާލު އުފެދުނީ ކަމަށް ބުނެ ބައެއް މައްސަލަތައް ސާބިތުނުވާ ކަމަށް ކޯޓުތަކުން ނިންމާތީ އެވެ.

މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ޗެއިންގައި އޮންނަ އަތު ލިޔުމުގެ ކުށެއް އިސްލާހުކޮށްލާފައި އޮތަސް، ޗެއިންއާ މެދު ސުވާލު އުފެދުނީ ކަމަށް ކޯޓުތަކުން ނިންމުމެވެ. އެގޮތަށް ނިންމުމުގެ ކުރިން އެ ފުލުހުން ކޯޓަށް ހާޒިރުކޮށް، މައުލޫމާތު ސާފުކުރި ނަމަ އެ ފުށުއެރުން ހައްލުވީސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލައިގައި އެނގޭ ނުބައިކޮށް ޖެހިފައި އޮތީމާ ރަނގަޅުކުރީކަން. އެކަން ކޮށްފައި ސޮއި ވެސް ކޮށްފައި އޮތީ،" ދަށު ކޯޓަކުން ސާބިތުނުވާ ނިންމި އެފަދަ މައްސަލައެއްގެ މިސާލު އޭނާ ފާހަގަ ކުރެއްވި އެވެ.

އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް --- ފޮޓޯ/މިހާރު

އަތުލައިގެންފައިވާ މަސްތުވާއެއްޗެހިތަކެއް --- ފޮޓޯ/މިހާރު

"ކަމަކުން ނުވާ ކަމެއްގައި ޗެއިންގައި ނެތީކަމަށް ބުނެ ކޯޓުން ނިންމާ ނިންމުން މީގެ ސަބަބުން ހުއްޓުމަކަށް އަންނާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

ޑްރަގް މައްސަލަތަކަށް އެކަނި ކީއްވެ؟

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ސީދާ އަމާޒުކޮށްފައި އޮތީ ޑްރަގް މައްސަލަތަކުގެ ޗެއިން އޮފް ކަސްޓަޑީއަށެވެ. އެކަމަކު މާރާމާރީ އާއި މީހުން މެރުމާއި އެ ނޫނަސް، މާއްދީ ހެކި ހޯދާ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީއެއް އޮންނާނެ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ޑައިރެކްޝަން އޮތްގޮތުން އެހެން ބާވަތުގެ މައްސަލަތަކަށް އެ ޑައިރެކްޝަން ހިނގާނެ ކަން ނުވަތަ ނޫންކަން ސާފެއް ނޫނެވެ.

ޑްރަގް މައްސަލަތަކުގައި ޗެއިންގެ މައްސަލަ އާދަޔާ ޚިލާފަށް ބޮޑު ކަމަށް އެންމެން ވެސް އެއްބަހެވެ. އެކަމަކު ކޯޓުތަކަކީ އާންމުންގެ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރަންޖެހޭނެ ތަނެއް ނޫން ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"ދާދިފަހުން މި އިޝޫގައި ދެތިން މައްސަލައެއް ސާބިތުނުވެ، ނިމިގެން ގޮސްފި. ބޫޓު ތެރެއިން ޑްރަގް ފެނުނު މައްސަލައެއް ހިމެނޭ. އެހެންވީމަ ބޮޑަށް ބެލެވެނީ ޕަބްލިކްގެ ކަންބޮޑުވުން އޮތް ކަމެއްވީމަ ހައްލެއް ގެނެސްދިނީހެން. އެހެން ނަމަވެސް ކޯޓެއްގެ ދައުރެއް ނޫން އެއީކީ،" އެ ވަކީލް ވިދާޅުވި އެވެ.

ޗެއިންގެ މައްސަލަ ޖެހިގެން ޑްރަގް ބޮޑެތި އަދި އެންމެ އާދައިގެ މައްސަލަތައް ވެސް ސާބިތުނުވުމަކީ ބޮޑުވެފައި އޮތް މައްސަލަ އެކެވެ. މިކަމުގައި ގާނޫނީ ގޮތުން ސުވާލުތަކެއް އުފެދި ފާޑުކިޔުން ހުއްޓަސް ހައްލު ލިބެނީ އާންމުންގެ ޝަކުވާ އެންމެ ބޮޑު އެއް މައްސަލައަށެވެ.