Roadha Mihaaru
މަސްކް، ޓްވިޓާ ގަތުމަށް ފަހު އެފުށް މިފުށަށް ޖަހަނީ

މަސްކް، ޓްވިޓާ ގަތުމަށް ފަހު އެފުށް މިފުށަށް ޖަހަނީ

28 އޮކްޓޯބަރ 2022

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އެ ކުންފުނީގެ އިސް އެތައް ބަޔަކު މަގާމުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަަށައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އީލޮން މަސްކް 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ފަހު އެ ކުންފުނީގެ އިސް އެތައް ބަޔަކު މަގާމުން ވަކިކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަަށައިފި އެވެ.

ޓްވިޓާ ގަތުމަށް ހުށަހެޅުމަށް ފަހު އެކަމާ މެދު ދެވަނަ ވިސްނުމަކަށް ގޮސް އަލުން އަނެއްކާ ޓްވިޓާ ގަތުމަށް ނިންމައި އެކަން ފުރިހަމަކޮށް، މަސްކް ކުރި ޓްވީޓެއްގައި "ދަ ބާޑް އިޒް ފްރީޑް" އޭ ލިޔެ ޓްވީޓެއް ކުރި އެވެ. ޓްވިޓާގައި މިނިވަންކަން ނެތް ކަމަށް އަބަދުވެސް ބުނަމުން އައި މަސްކުގެ މި ޓްވީޓުން ދިން މެސެޖަކީ ޓްވިޓާ މިނިވަން ވުމެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަސްކް ވަނީ ކުންފުނީގެ އެންމެ އިސް ވެރިންގެ ތެރެއަށް އެތައް ބަޔަކު މިހާރު ވަކިކޮށްފަ އެވެ. އޭގެ ތެރޭގައި ސީއީއޯ ޕަރާގް އަގަރަވާލް ވެސް ހިމެނޭ ކަމަށްވެ އެވެ. ރޮއިޓާސް އިން ބުނި ގޮތުގައި އަގަރަވާލް އާއި އިތުރު ދެ ވެރިއަކު ސެން ފްރެންސިސްކޯގައި ހުންނަ ޓްވިޓާގެ މައި އޮފީހުން ނެރުނީ ގަދަކަމުންނެވެ.

އަގަރަވާލްއާ އެކު ޗީފް ފައިނޭންޝަލް އޮފިސަރާއި އެންމެ އިސް ލީގަލް ވެސް ނެރެގެން ގެންދިޔަ ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރުމުގައި އިމެއް އޮވެގެން ނުވާނެ ކަމަށް ގަބޫލުކުރާ މަސްކް ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މުޅި އުމުރަށް ޓްވިޓާއިން ބޭރުކޮށްފައި އޮތް އޮތުން ބަދަލުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ޓްވިޓާ ގަތުމުގެ މަސައްކަތް ނިމުމާ އެކު ބުނެފައި ވަނީ ޓްވިޓާ އަކީ ހިތުހުރިހާ ކަަމަށް ހުޅުވިފައި އޮންނާނެ އެއްޗެއް ނޫން ކަމަށެވެ. ހިޔާލު ފާޅުކުރަންޖެހޭނެ ކަމަށާއި އެކަން ކުރަން ހަމަނުޖެހުން އުފައްދައިގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.

ޓްވިޓާގެ ޑީލް މަސްކް ފުރިހަމަކޮށްފައި މި ވަނީ މި މުއާމަލާތުގައި ޓްވިޓާއިން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ކަމަށް ބުނެ ޓްވިޓާ ނުގަންނާނެ ކަމަށް ވެސް ބުނުމަށް ފަހުގަ އެވެ. އެ ނިންމުމާ އެކު ޓްވިޓާއިން ވަނީ މަސްކް އެއްބަސްވުމާ ހިލާފުވި ކަމަށް ބުނެ ކޯޓަށް ވެސް ގޮސްފަ އެވެ.