Roadha Mihaaru
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ

"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ

19 ސެޕްޓެމްބަރ 2023

"އެކްސް" އަށް ނަން ބަދަލުކޮށްފައިވާ ކުރީގެ ޓްވިޓާ ބޭނުންކުރާ ކޮންމެ މީހަކު ވެސް ފީއެއް ދައްކަންޖެހޭ ގޮތަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް އެ ޕްލެޓްފޯމްގެ ވެރިޔާ އީލޮން މަސްކް ދީފި އެވެ.

"އެކްސް" އަށް ނަން ބަދަލުކޮށްފައިވާ ކުރީގެ ޓްވިޓާ ބޭނުންކުރާ ކޮންމެ މީހަކު ވެސް ފީއެއް ދައްކަންޖެހޭ ގޮތަށް ބަދަލު ގެންނާނެ ކަމުގެ އިޝާރާތެއް އެ ޕްލެޓްފޯމްގެ ވެރިޔާ އީލޮން މަސްކް ދީފި އެވެ.

އިޒްރާއިލްގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގާ އެކު ބޭއްވި ވާހަކަތަކެއްގައި މަސްކު ބުނީ ބޮޓް އެކައުންޓްތަކުން އެކްސް ސަލާމަތްކުރެވޭނެ ހަމައެކަނި ގޮތަކީ ޕްލެޓްފޯމް ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން ވެސް ކޮންމެވެސް ވަރެއްގެ ފީއެއް ނެގުން ކަމަށެވެ.

"މިހާރު މަސައްކަތްކުރަމުން މި ދަނީ މި ސިސްޓަމް ބޭނުންކުރާ ކޮންމެ މީހެއްގެ އަތުން ވެސް ކޮންމެ މަހަކު ކުޑަ ފީއެއް ނެގުމަށް،" ޓެސްލާ އާއި ސްޕޭސްއެކްސްގެ ވެރިޔާ ބުންޏެވެ.

ބީބީސީ އިން ބުނީ މިކަމާ ބެހޭ ގޮތުން ތަފްސީލް ހޯދަން އެކްސް އަށް ގުޅުމުން ޖަވާބެއް ނުލިބުނު ކަމަށެވެ.

"މިއީ ވަރަށް ދިގު މަޝްވަރާއެއް. އެކަމަކު ބޮޓްތަކާ ދެކޮޅަށް ދިފާއުގައި ކުރެވެން އޮތް ހަނގުރާމަ އަކީ ކުޑަ ނަމަވެސް ފީއެއް ނެގުން،" މަސްކް ބުންޏެވެ.

މަސްކް ބުނީ ނަގާނީ ކުޑަ ފީއެއް ކަމަށެވެ.

މީގެ ކުރިން އެކްސްގައި އެކައުންޓްތައް ވެރިފައިކުރުމަށް ފީއެއް ދައްކަން ނުޖެހުނަސް އެ ކުންފުނި 44 ބިލިއަން ޑޮލަރަށް މަސްކް ގަތުމަށް ފަހު އެކައުންޓް ވެރިފައިކުރުމަށް ފީ ނަގަން ވަނީ ފަށައިފަ އެވެ. އެކަން އެގޮތަށް ކުރި މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ބޮޓް ނުވަތަ ފޭކް އެކައުންޓްތައް މަދުކުރުމެވެ.

އެކްސްގެ އެކައުންޓްތައް ވެރިފައިކުރުމަށް ފީ ނަގަން ފެށީ ޕްރިއަމް ހިދުމަތެއްގެ ގޮތުގައި، އިތުރު ހިދުމަތްތައް ވެސް ލިބޭ ގޮތަށެވެ. ހިލޭ ބޭނުންކުރެވޭ އެކްސްގެ ޕްރިމިއަމް އަށް ފީ ދެއްކުމުން އެކައުންޓް ވެރިފައިވުމާ އެކު ހިލޭ ބޭނުންކުރާ މީހުންނަށް ނުލިބޭ އެތައް ހިދުމަތެއް ލިބޭނެ އެވެ.

ޕްރިމިއަމް ހިދުމަތަށް މަހަކު އަށް ޑޮލަރު ދައްކަން ޖެހެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަކްސް ބުނެފައިވަނީ މިއަށްވުރެ އަގު ހެޔޮ ގޮތެއް ހޯދަން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.