Roadha Mihaaru
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ

"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ

19 އޯގަސްޓް 2023

މިހާރު "އެކްސް" އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާގައި އެ މީހަކު ބޭނުން ނުވާ މީހެއްގެ ކިބައިން ސަލާމަތްވުމަށް ބްލޮކް ކުރެވޭ ގޮތަށް ދީފައިވާ ފީޗާ އުވާލަން ނިންމައިފި އެވެ.

މިހާރު "އެކްސް" އަށް ނަން ބަދަލުކޮށްފައިވާ ޓްވިޓާގައި އެ މީހަކު ބޭނުން ނުވާ މީހެއްގެ ކިބައިން ސަލާމަތްވުމަށް ބްލޮކް ކުރެވޭ ގޮތަށް ދީފައިވާ ފީޗާ އުވާލަން ނިންމައިފި އެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތް މަހުޖަނު އީލޮން މަސްކް ބުނީ ބްލޮކް ކުރެވޭ ފީޗާ އުވާލަނީ "އެއީ އެއްވެސް މާނައެއް ހުރި ކަމަކަށް ނުވާތީ" ކަމަށެވެ. އެކަމަކު ޑައިރެކްޑް މެސެޖުގައި އެހެން މީހުން ބްލޮކް ކުރެވޭނެ ކަމަށް ބުންޏެވެ.

މިހާރު އޮންނަ ގޮތުން ނަމަ، އެހެން ޔޫސާއެއް ބްލޮކް ކުރުމުން، ބްލޮކްވީ މީހާ އާއި ބްލޮކް ކުރި މީހާގެ ޓައިމްލައިނަށް ވެސް އެއިން އެއްވެސް މީހެއްގެ ޕޯސްޓްތަކެއް ނުފެންނާނެ އެވެ. އަދި ޕޯސްޓްތަކުގައި ޓެގެއް ވެސް ނުކުރެވޭނެ އެވެ.

ބްލޮކް ކުރެވޭ ފީޗާ އުވާލުމަށް ޓްވިޓާގެ ކުރީގެ ބާނީ، ޖެކް ޑޯޒީ އެއްބަސް ކަމުގެ އިޝާރާތެއްގެ ގޮތުން "100 ޕަސެންޓް، މިއުޓް އޮންލީ" އޭ ބުނެ ޕޯސްޓެއް ކޮށްފައިވެ އެވެ.

އެކަމަކު މިއުޓްކޮށްގެން އެކަނި، އެހެން މީހުންގެ ފުރައްސާރަތަކުން ޓްވިޓާގައި ރައްކާތެރިކަން ނުލިބޭނެ ކަމަށް ބުނެ އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިއުޓްކުރުމުން، މިއުޓްކުރި އެކައުންޓެއްގެ ނޮޓިފިކޭޝަނެއް ނުލިބޭނެ އެވެ. އެކަމަކު ޓައިމްލައިނަށް ޕޯސްޓްތައް އަރާނެ އެވެ. އަދި މިއުޓްވި އެކައުންޓުގައި ހުންނަ ޕޯސްޓްތައް ވެސް ބެލޭނެ އެވެ.

ބްލޮކް ފީޗާ އުވާލުމަކީ އެޕަލްގެ އެޕްސްޓޯރާއި ގޫގުލް ޕްލޭގެ އުސޫލުތަކާ ހިލާފް ކަމަކަށް ވެދާނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ. އެއީ އެޕަލް އާއި ގޫގުލް އިން ވެސް ސޯޝަލް މީޑިއާ އެޕްތަކުގައި ފުރައްސާރަ އާއި ބުލީކުރުން ފިލްޓަކުރެވޭނެ ފީޗާ ލެވޭނެ ގޮތް ހެދުން ލާޒިމްކޮށްފައިވާތީ އެވެ. މިހެން ވެއްޖެ ނަމަ އެޕްތައް ގޫގުލް އާއި އެޕަލް އިން ޑައުންލޯޑް ނުކުރެވޭ ގޮތް ހަދާނެ އެވެ.

ބްލޮކް ފީޗާ އުވާލައިފި ނަމަ، ފުރައްސާރަކުރާ މީހުންނާއި ބުލީކުރާ މީހުންގެ ކިބައިން ސަލާމަތްވާން ދެން އޮތް ގޮތަކީ އެކައުންޓް ޕްރައިވެޓްކުރުމަށް ފަހު، ކަނޑައެޅޭ ވަކި ބަޔަކަށް ޕޯސްޓްތަކަށް ކޮމެންޓްކޮށް ބެލޭނެ ގޮތް ހެދުމެވެ.