Roadha Mihaaru
ތައިމޫރު ގޮވައިގެން ސައިފް ރާއްޖެއަށް

ކަރީނާ މަސައްކަތަށް، ތައިމޫރު ގޮވައިގެން ސައިފް ރާއްޖެއަށް

30 އޮކްޓޯބަރ 2022

ބޮލީވުޑްގެ ތަރި، ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ކުޅެން، ހަގު ދަރިފުޅު ގޮވައިގެން ލަންޑަނަށް ދިއުމުން ދޮށީ ދަރިފުޅު ތައިމޫރު ގޮވައިގެން ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން ރާއްޖެ އަތުވެއްޖެ އެވެ.

ބޮލީވުޑްގެ ތަރި، ކަރީނާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު ކުޅެން، ހަގު ދަރިފުޅު ގޮވައިގެން ލަންޑަނަށް ދިއުމުން ދޮށީ ދަރިފުޅު ތައިމޫރު ގޮވައިގެން ކަރީނާގެ ފިރިމީހާ ސައިފް އަލީ ޚާން ރާއްޖެ އަތުވެއްޖެ އެވެ.

ދަރިން ލިބުނު ފަހުން ކަރީނާ އާއި ސައިފް މަސައްކަތްކުރަނީ ދެ މީހުންނަށް އާއިލީ ޒިންމާތައް ވަރަށް ބޮޑަށް ބަހާލައިގެންނެވެ. އެކަކުގެ ފިލްމުގެ މަސައްކަތް ނިމުމުން ނޫނީ އަނެކަކު ފިލްމަކަށް ސޮއިނުކުރަނީ އަބަދުވެސް ކޮންމެވެސް އެކަކު ދަރިން ބަލަން ގޭގައި މަޑުކުރަން ބޭނުންވާތީ ކަމަށް ކަރީނާ ބުނެފައިވެ އެވެ.

އެހެންވެ މިވީހާ ދުވަހު މަސައްކަތާ ދުރުގައި ކަރީނާ ހުރީ ސައިފްގެ "އަދިޕުރުޝް" ގެ މަސައްކަތް ނިމެންދެންނެވެ. އެ ފިލްމު ސިނަމާގައި އެޅުވުމާ އެކު ކަރީނާ ވަނީ އޭނާގެ ފިލްމުގެ ޝޫޓިންއަށް ލަންޑަނަށް ގޮސްފަ އެވެ. ދޮށީ ދަރިފުޅު ތައިމޫރު، ސައިފާ ހަވާލުކޮށްފައި ކަރީނާ ދިއުމުން އެ ދެބައިފައިން އިއްޔެ ރާއްޖެއަށް އައިސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.

އެކަމަކު ސައިފަކީ ސޯޝަލް މީޑިއާގައި އުޅޭ މީހަކަށް ނުވާތީ މި ދަތުރުގެ މަންޒަރުތައް ސަޕޯޓަރުންނަށް ފެންނާނެ ކަމަކަށް ނުބެލެވެ އެވެ. ކަރީނާއަކީ ސޯޝަލް މީޑިއާއާ ވަރަށް ގާތް މީހަކަށްވެފައި މިއިން ފޮޓޯއެއް އޭނާގެ އަތު ޖެހިއްޖެ ނަމަ، ސަޕޯޓަރުންނަށް ފެނުމުގެ ފުރުސަތު ބޮޑެވެ.

ގާތްގަނޑަކަށް ހަފްތާއެއް ދުވަހު މި ދެބެއިން ރާއްޖޭގައި ހޭދަކުރާނެ ކަމަށްވެ އެވެ. އެކަމަކު އެމީހުން ޗުއްޓީ ހޭދަކުރަނީ ކޮން ރިސޯޓެއްގައި ކަމެއް ވެސް ނޭނގެ އެވެ.