Roadha Mihaaru
ހީކުރި ވަރަށް ވުރެ އަހަރެން ކާމިޔާބު: ސައިފް

ހީކުރި ވަރަށް ވުރެ އަހަންނަކީ ކާމިޔާބު މީހެއް: ސައިފް

08 އޮކްޓޯބަރ 2021

އެކްޓަރެެއްގައި ގޮތުގައި ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް އޭނާ އަކީ ކާމިޔާބު މީހެއް ކަމަށާއި އެހެންވެ، ބޮލީވުޑް ހަތަރު ވަނަ ޚާން ކަމަށް ދައުވާ ކުރުމަކީ ވެސް މައްސަލައަކަށް ނުވާނެ ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކްޓަރެެއްގައި ގޮތުގައި ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް އޭނާ އަކީ ކާމިޔާބު މީހެއް ކަމަށާއި އެހެންވެ، ބޮލީވުޑް ހަތަރު ވަނަ ޚާން ކަމަށް ދައުވާ ކުރުމަކީ ވެސް މައްސަލައަކަށް ނުވާނެ ކަމަށް ސައިފް އަލީ ޚާން ބުނެފި އެވެ.

އިންޑިއަން އެކްސްޕްރެސް އަށް ދިން އިންޓަވިއުއެއްގައި 51 އަހަރުގެ ބަތަލު ބުނީ އެކްޓަރެއްގެ ގޮތުން އާދެވިފައި ހުރި ހިސާބާއި މިހާތަނަށް ލިބުނު ކާމިޔާބީއާ ދޭތެރޭ ވަރަށް ވެސް އުފާކުރާ ކަމަށެވެ. ސައިފަކީ 2002 ގެ "ހަމް ތުމް" އިން ނެޝަނަލް އެވޯޑް ވެސް ލިބިފައިވާ ތަރިއެކެވެ.

"ޝަކުވާކުރާ ވަރުގެ ކަމެއް ނެތް. ހަގީގަތުގައި އަހަންނަކީ ކުރިން އަމިއްލަ އަށް ހީކުރި ވަރަށް ވުރެ ވެސް މާ ކާމިޔާބު މީހެއް. އެކަމާ އުފާކުރަން." ކަރީނާ ކަޕޫރްގެ ފިރިމީހާ ބުންޏެވެ.

ސައިފް ބުނި ގޮތުގައި އޭނާގެ މައިންބަފައިންނަކީ ވެސް ސުޕަސްޓާރުންނަށް ވިޔަސް އެ މީހުން ވެސް ކާމިޔާބީއާ ހެދި ބޮޑާވެގެން ނޫޅޭ ކަމަށެވެ. ސައިފްގެ މަންމަ ޝަރުމީލާ ޓެގޯރް އަކީ ހިންދީ ސިނަމާގެ ކުރީގެ އެންމެ ކާމިޔާބު އެއް ބަތަލާ އެވެ. ސައިފްގެ ބައްޕަ މަންސޫރް އަލީ ޚާނަކީ ކްރިކެޓުން ވިދި ޝަހުސިއްޔަތެކެވެ.

"އެ މީހުންގެ ފަރާތުން ވެސް އަހަންނަށް ފެނުނީ ހިތްތިރި ކަމާއި ސާދާކަން." ސައިފް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މަޝްހޫރު އަދި ކާމިޔާބު މީހަކަށް ވިޔަސް އެއީ ފެންވަރު އޮޅިގެން އުޅެންޖެހޭ ކަމެއް ނޫނެވެ. އަދި އެއްވެސް އިރެއްގައި ކާމިޔާބީއާ ހެދި ފަހުރުވެރިވެ އެކަމާ ބޮޑާ ނުވާ ކަމަށް ބުންޏެވެ.

އަހަރެން ޖެހިލުމެއް ނުވޭ އަހަންނަކީ ބޮލީވުޑްގެ ހަތަރު ވަނަ ޙާނޭ ބުނާކަށް." ސައިފް

ސައިފްގެ ކެރިއަރުގައި މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅުނަސް އަދި އޭނާގެ ފަހަތު ނަމަކަށް ޚާން އިނަަސް، ސައިފަކީ ބޮލީވުޑްގެ ވަރުގަދަ ޚާނެއްގެ ގޮތުގައި އެއްވެސް ބަޔަކު ސިފައެއް ނުކުރެ އެވެ. ބޮލީވުޑްގެ ވަރުގަދަ ތިން ޚާނުންގެ ގޮތުގައި މަޝްހޫރީ އާމިރު ޚާނާއި ޝާހްރުކް ޚާނާއި ސަލްމާން ޚާނެވެ. އެކަމަކު ފިލްމު ކުޅެގެން އެ މީހުންނަށް ނުލިބޭ އެތައް ކާމިޔާބީއެއް ސައިފްގެ ކެރިއަރުގައި ހޯދާފައިވެ އެވެ.

"އެ ތިން މީހުންނަކީ ވެސް އެ މީހުންގެ ގޮތުގައި ހަމަ ވަރަށް ހާއްސަ ބައެއް. އެކަމަކު އަހަރެން ޖެހިލުމެއް ނުވޭ އަހަންނަކީ ބޮލީވުޑްގެ ހަތަރު ވަނަ ޙާނޭ ބުނާކަށް." ބަތަލާ ސާރާ އަލީ ޚާންގެ ބައްޕަ ބުންޏެވެ.

ސައިފަކީ އަބަދު ވެސް ތަފާތު އެކި ކަހަލަ ރޯލުތައް ކުޅެން ކުޅަދާނަ އެކްޓަރެކެވެ. ސަލްމާނާއި ޝާހްރުކްގެ ކެރިއަރަށް ބަލައިފި ނަމަ ބޮޑަށް ކުޅެފައި ވަނީ އަދި ކުޅެނީ ދާދި އެއްކަހަލަ ރޯލުތަކެވެ. ނަމަވެސް ސައިފަކީ ލައިޓްހާޓެޑް ފިލްމުތަކުން ފެށިގެން ގޮސް އެންމެ ޑާކް ރޯލްތަކަށް ވެސް ފައްކާ އެކްޓަރެކެވެ.

އޭނާ ބުނި ގޮތުގައި މިހާރު ބޮޑަށް ބޭނުން ވަނީ ކޮމާޝަލް ރަހަތަކާ އެކު ބޮޑަށް ރިއަލިސްޓިކް ފިލްމުތައް ކުޅޭށެވެ. އެގޮތުން ކެރިއަރުގެ އެންމެ ތަފާތު އެއް ރޯލު ކަމަށްވާ 2006 ގެ "އޯމްކާރާ" ގައި ކުޅުނު ކަހަލަ ރޯލުތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކަމަށް ބުންޏެވެ.

މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކަކީ "ބަންޓީ އޯރް ބަބްލީ 2" އާއި "އާދިޕުރުޝް" ގެ އިތުރުން "ވިކްރަމް ވޭދާ" އެވެ.