Roadha Mihaaru
ބަތަލާއިންގެ ފީ ކުޑަވާންޖެހޭ ސަބަބެއް ނެތް: ކަރީނާ

ބަތަލާއިންގެ ފީ ކުޑަވާންޖެހޭ ސަބަބެއް ނެތް: ކަރީނާ

14 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް "ސީތާ: ދި އިންކާނޭޝަން" ކިޔާ ފިލްމެއް ހުށަހެޅުމުން އެއަށް 12 ކްރޯޑް ރުޕީސްގެ ފީއެއް ޑިމާންޑްކުރި ކަމަށް ބުނެ ފެތުރުނު ވާހަކަތަކާ ގުޅިގެން އެތައް ދުވަހެއް ފަހުން ރައްދު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރަށް "ސީތާ: ދި އިންކާނޭޝަން" ކިޔާ ފިލްމެއް ހުށަހެޅުމުން އެއަށް 12 ކްރޯޑް ރުޕީސްގެ ފީއެއް ޑިމާންޑްކުރި ކަމަށް ބުނެ ފެތުރުނު ވާހަކަތަކާ ގުޅިގެން އެތައް ދުވަހެއް ފަހުން ރައްދު ދީފި އެވެ.

ދަ ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި، އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ބުނީ ދައްކަންވީ ވަކި މީހަކު ވަކި ވަރެއް ޑިމާންޑްކުރި ވާހަކަ ނޫން ކަމަށެވެ.

"ޕޮއިންޓަކީ ކީއްވެގެން ހެއްޔޭ ބަތަލުންނާ އެއްވަރުގެ ނުވަތަ އެ މީހުންނަށް ލިބޭ އަގާ ދާދި އެއް ހަމައެެއްގެ އަގެއް ބަތަލާއިންނާ ނުލިބެންވީ. ބަތަލާއިންނަކީ ވެސް އެ މީހުން ކުރާ މަސައްކަތަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ބައެއް. އެކަމަށް ޖެހޭ އިހުތިރާމުކުރަން ވެސް،" ކަރީނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި މީގެ 5-10 އަހަރު ކުރިއަށް ޖެހިލާ ނަމަ ބޮލީވުޑްގެ ބަތަލާއިންނަށް ލިބޭ ފީގެ ވާހަކަ އަކީ މާ ގިނަ ބަޔަކު ދައްކަން ވެސް ބޭނުންވާ ވާހަކައެއް ނޫނެވެ. އެކަމަކު މިހާރު ޒަމާން ބަދަލުވެ، ފިލްމީ މަސައްކަތް ކުރެވޭ ގޮތާއި ބަތަލާއިން ދައްކާ ކުޅަދާނަކަމާ ހެދި މިހާރު ފީގެ މިންގަނޑުން ހަމަހަމަ އުސޫލެއް އޮންނަން ޖެހޭ ކަމަށް އެންމެން ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.

"މިހާރު އެ ވާހަކަ ދެއްކޭލެއް ވަރަށް ގިނަ. އަހަރެން ދެކެނީ އެއީ ހެޔޮ ބަދަލެއްގެ ގޮތުގައި،" އިންޑިއާގެ އެންމެ ނުފޫޒު ގަދަ ފިލްމީ އާއިލާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ ބަތަލާ ބުންޏެވެ.

ކަރީނާ ބުނި ގޮތުގައި ދެ ޖިންސްގެ މެދުގައި އޮންނަ ފަރުގެ ނައްތައިލުމުގެ ވާހަކަ ދައްކާ ނަމަ ފިލްމު ކުޅޭ ދެ ޖިންސްގެ މީހުންގެ މެދުގައި އޮޔް އާމްދަނީގެ ފަރަގު ނައްތައިލުމަކީ ވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން މީގެ ކުރިން ފިލްމަކުން ޑިމާންޑްނުކުރާ ވަރުގެ އަގެއް "ސީތާ" އަށް ކަރީނާ ޑިމާންޑްކުރީ ކުޅެން ޖެހޭ ކެރެކްޓާ އަށް ތައްޔާރުވާން ވެސް 8-10 ވަރަކަށް މަސް ދުވަސް ނަގަން ޖެހުމާއި އެ ފިލްމަށް ކުރަން ޖެހޭ މަސައްކަތް ބުރަކަމުންނެވެ.

އޭނާގެ އެ އަގާ ގުޅިގެން ކަރީނާ ފިލްމަށް ނެގުމާ ދޭތެރޭ "ސީތާ" ގެ ޓީމުން ދެވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ނަމަވެސް މި އަހަރުފެ ފެބްރުއަރީގައި އެ ފިލްމު އިއުލާންކުރި ފަހުން އޭގެ ޓީމުން އެއާ ބެހޭ މާ ގިނަ ވާހަކަތަކެއް ހާމައެއްނުކުރެ އެވެ. "ސީތާ" އަކީ ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ "ތަލައިވީ" އާއި "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި "ބާހްބަލީ" އަދި "ބަޖްރަންގީ ބައިޖާން" ފަދަ ފިލްމުތައް ލިޔުނު ކޭވީ ވިޖެންދުރަ ޕްރަަސާދުގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެކެވެ. ބޮޑު ބަޖެޓްކުން، ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ "ސީތާ" ގެ ޑައިރެކްތަރަކީ އަލޯކީކް ދެސާއީ އެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" އެވެ.