Roadha Mihaaru
ގަސްތަކުގެ އަގު ނުދީގެން ޒުވާން ދަނޑުވެރިޔާގެ ޝަކުވާ!

ފޭރު ގަސްތަކުގެ އަގު ސިޓީ ކައުންސިލުން ނުދީގެން ޒުވާން ދަނޑުވެރިޔާ ޝަކުވާކުރަނީ

30 އޮކްޓޯބަރ 2022

މާލޭ ސިޓީ ކައުންސިލުން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމަށް އެ ކައުންސިލަށް ވިއްކި ފޭރުގަސްތަކެއްގެ ފައިސާ ނުލިބިގެން ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ ޝަކުވާކުރަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލުން ހިންގާ ގަސް އިންދުމުގެ ޕްރޮގްރާމަށް އެ ކައުންސިލަށް ވިއްކި ފޭރުގަސްތަކެއްގެ ފައިސާ ނުލިބިގެން ޒުވާން ދަނޑުވެރިޔާ، އަބްދުﷲ ރަމްޒީ ޝަކުވާކުރަން ފަށައިފި އެވެ.

އައްޑޫ މީދޫގައި ދަނޑުވެރިކަން ކުރަމުން އަންނަ ރަމްޒީ ސޯޝަލް މީޑިއާގައި ލިއުނު ގޮތުގައި، ސިޓީ ކައުންސިލުން 80 ފޭރު ގަސް އޭނާގެ އަތުން ގެންދިޔައީ އޮގަސްޓް 23، ގަ އެވެ. މި ގަސްތަކުގެ އަގަކީ 16،000ރ. ކަމަށް އޭނާ ބުންޏެވެ.

ރަމްޒީ ބުނީ އެ ގަސްތަކުގެ އަގު ހޯދަން ސިޓީ ކައުންސިލަށް އޭނާ ގުޅާތާ މަހަކަށް ވުރެން ގިނަ ދުވަސް ވެއްޖެ ކަަމަށެވެ. އެކަމަކު، އަދި މިހާތަނަށް ޕާޗޭސް އޯޑަރު ވެސް ސިޓީ ކައުންސިލުން އޭނާ އަށް ފޮނުވާފައި ނުވާ ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅުކުރީ، ފައިސާ ލިބޭނެ މަގެއް ނުފެނުމުންނެވެ.

"ކައުންސިލަށް ކޯޓޭޝަން ފޮނުވައިގެން އެ ބޭފުޅުން އޯޑާ އެޕްރޫވް ކުރީމަ، ގަސްތައް ރެޑީކޮށްފައި ބޯޓަށް އަރުވާފައި މާލެ ފޮނުވީ. މިއީ ހަމައެކަނި އަޅުގަނޑު ކުރާ މަސައްކަތެއް ނޫން. އަޅުގަނޑާ އެކު އަދި ދެ މީހަކު ބައިވެރިވެގެން ކުރަނީ. އެ މީހުންގެ ހިއްސާ ވެސް އަޅުގަނޑު ދޭން ޖެހޭނެއެއްނުންތޯ،" އޭނާ ބުންޏެވެ.

ރަމްޒީ ބުނީ ފޭރު ގަސްތަކުގެ އަގު ދޭނެ ކަމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނެފައި ވިޔަސް އެކަމާ ގުޅޭ ގޮތުން މިހާރު އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.

އެ ފޭރުގަސްތައް ގެނައީ މާލޭ ސިޓީ ކައުންސިލުން މިހާރު ކާނިވަލުގައި ހުޅުވާފައި ހުންނަ ގަސް ވިއްކާ ފިހާރަ އަށެވެ. އެތަނުގައި އެ ގަސްތައް ވިއްކަން ބަހައްޓާފައި އެބަހުއްޓެވެ.

ފިނޭންސުން ބަޖެޓް ނުދޭތާ ތިން މަސް ވެއްޖެ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިސަރު މަރިޔަމް ޝިއުނާ "މިހާރު" އަށް ވިދާޅުވީ އެ ކައުންސިލުން ގަތް ފޭރުގަސްތަކެއްގެ ޕޭމަންޓެއް ނުދެވި އަދި އެބައޮތް ކަމަށެވެ. އެ ޕޭމަންޓް ދިނުމުގައި ލަސްތަކެއް އުޅުނު ނަމަވެސް، އެ ފައިސާ ވަރަށް އަވަހަށް ދޭން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ގަންނަ ތަކެއްޗަށް އާއްމުކޮށް، މަހެއްހާ ދުވަހުގެ ތެރޭގައި ކައުންސިލުން ފައިސާ ދޫކުރެ އެވެ.

އެކަމަކު، ޒުވާން ދަނޑުވެރިޔާގެ އަތުން ގަތް ގަސްތަކުގެ ފައިސާ ނުދެވި ވަނީ ފިނޭންސް މިނިސްޓްރީން ބަޖެޓް ދޫނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ކައުންސިލަށް އެއްވެސް ވަރަކަށް ބަޖެޓް ދޫނުކުރާތާ މިހާރު ތިން މަސްދުވަސް ވެއްޖެ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

"ފިނޭންސުން ބަޖެޓް ދޫނުކޮށްގެން ސިޓީ ކައުންސިލްގެ އެހެން ވަރަށް ގިނަ ކަންކަމުގައި ވެސް ޑިލޭތަކެއް އެބަ އުޅޭ،" އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ބަޖެޓް ނުދޭތީ މީގެ ކުރިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެކި ހަފުލާތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ސިޓީ ކައުންސިލުން ފެށި މާލޭގެ މަގު ހެދުމުގެ ޕްރޮޖެކްޓު ވެސް ހުއްޓުނީ ވެސް ބަޖެޓް ތާށިކުރުމުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.