Roadha Mihaaru

ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް ޒަޔާން އިސްތިއުފާ ހުށަހަޅައިފި

ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ފިނޭންސްގެ އިކޮނޮމިސްޓް ޒަޔާން އިސްތިއުފާ ހުށަހަޅައިފި
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

10 މާޗް 2025

ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް، މުހައްމަދު ޒަޔާން އަހުމަދު އިސްތިއުފާ ހުށަހަޅުއްވައިފި އެވެ.

ފިނޭންސްގައި އިސް އިކޮނޮމިސްޓެއްގެ ގޮތުގައި ޒަޔާން ހިދުމަތް ކުރައްވަމުން ގެންދަވާތާ ފަސް އަހަރު ވެއްޖެ އެވެ. އޭނާ ވަނީ 2023 ވަނަ އަހަރުން ފެށިގެން ފިނޭންސް ފިސްކަލް ޑިޕާޓްމަންޓުގެ ވެރިޔެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭގެކުރިން ފިސްކަލް ކޮންސަލްޓެންޓެއް އަދި ފިސްކަލް ޕޮލިސީ އެކްސްޕާޓެއްގެ ގޮތުގައި ވެސް އޭނާ ވަނީ ހިދުމަތް ކުރައްވައިފަ އެވެ.

ޒަޔާން ގެންދަވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ބޯޑުގައި ފިނޭންސް މިނިސްްޓްރީ ތަމްސީލު ކުރައްވަމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ޒަޔާން އިސްތިއުފާ ދެއްވަން ދެ މަސް ދުވަހުގެ ނޯޓިސް ފިނޭންސަށް މިހާރު ވަނީ ހުށަހަޅުއްވައިފަ އެވެ.

ޒަޔާން އިސްތިއުފާ ދެއްވަން ނިންމެވީ، އިގުތިސާދީ އަދި މާލީ ގޮތުން މިހާރު އަޅަމުންދާ ބައެއް ފިޔަވަޅުތަކާމެދު ހިތްހަމަނުޖެހިވަޑައިގެން ކަން އެނގިފައިވެ އެވެ.

އެއީ ސީދާ ކޮން ނިންމުންތަކެއްކަން އެނގިފައިނުވިޔަސް، ޒަޔާން އިސްތިއުފާ ހުށަހަޅުއްވާފައިމިވަނީ، އެމްއެމްއޭ އަށް ހުޅުމާލެ އިން ބިމެއް ގަނެގެން ސަރުކާރަށް ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

އެނގިފައިވާ ގޮތުގައި އެކަމުގެ މަޝްވަރާތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އަންނަނީ ކުރަމުންނެވެ. އެ މަޝްވަރާތަކުގައި އެކި އަދަދުތަކާ މެދު މަޝްވަރާ ކޮށްފައިވީ ނަމަވެސް ސީދާ އަދަދެއް އަދި ސާފެއް ނުވެ އެވެ. އެ މަޝްވަރާތަކުގައި 8 ބިލިއަނާއި 14 ބިލިއަނާއި 20 ބިލިއަން ހޯދަން ވެސް ވާހަކަ ދެއްކެވުނު ކަމަށް ވެ އެވެ. އެކަމަކު، މިހާތަނަށް އެމްއެމްއޭގެ ބޯޑުން އެކަން ފާސްކޮށްފައިވާކަން ޔަގީނެއް ނުވެ އެވެ. އެފަދަ ބޮޑެތި ނިންމުންތައް އެމްއެމްއޭ އިން ނިންމާނީ ބޯޑު ބައްދަލުވުމަށް ފަހު އެވެ.