Roadha Mihaaru
އުތުރު ކޮރެއާގެ މިސައިލްތަކުން ޖަޕާނު ތައްޔާރީ ހާލަތަށް

އުތުރު ކޮރެއާގެ މިސައިލްތަކުން ޖަޕާނު ތައްޔާރީ ހާލަތަށް

03 ނޮވެމްބަރ 2022

އުތުރު ކޮރެއާ އިން މިއަދު މިސައިލްތަކެއް އަޖުމަބެލުމުގެ ސަބަބުން، ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ތައްޔާރީ ހާލަތު އިއުލާންކޮށް، ބައެއް ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.

އުތުރު ކޮރެއާ އިން މިއަދު މިސައިލްތަކެއް އަޖުމަބެލުމުގެ ސަބަބުން، ޖަޕާނުގެ ބައެއް ސަރަހައްދުތަކުގައި ކުއްލި ތައްޔާރީ ހާލަތު އިއުލާންކޮށް، ބައެއް ޚިދުމަތްތައް މެދުކަނޑާލައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތުގައި އުތުރު ކޮރެއާ އިން މިސައިލްތަކެއް ވައިގެ ތެރެއަށް ފޮނުވައިލި ކަން ޖަޕާނުގެ އަސްކަރީ ރާޑަރުތަކަށް ފާހަގަކުރެވުމާއެކު، ޖަޕާނުގެ މެދުތެރެ އާއި އުތުރުގެ ސަހަރުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އެވެ. އަދި އެ ސަރަހައްދުތަކުގައި ދިރިއުޅޭ އާންމުން ވަރުގަދަ އިމާރާތްތަކުގެ ތެރެއަށް ނުވަތަ އިމާރާތްތަކުގެ ބިންގަރާސްތަކަށް ވަދެ ރައްކާތެރިކަން ހޯދުމަށް ވެސް ޖަޕާނު ސަރުކާރުން އެންގި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވިދާޅުވީ އުތުރު ކޮރެއާ އިން މިއަދު ފޮނުވައިލި ފުރަތަމަ މިސައިލަކީ އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެކެވެ. އެ މިސައިލް ޖަޕާން ކަނޑުގެ މަތިން ޖަޕާނާ ދިމާލަށް ދަތުރުކުރަމުން އައިސް ކުއްލި ގޮތަކަށް ރާޑަރުން ގެއްލުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މިސައިލް އެއަށް ކަނޑައެޅިފައިވާ އަމާޒަށް ފޯރުމުގެ ކުރިން ފެއިލްވެގެން ކަނޑު ތެރެއަށް ވެއްޓުނީ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ތަކުރާރުކޮށް މިސައިލްތަކެއް އަޖުމަބަލަމުން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއަދު ފޮނުވައިލި އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލްގެ ހަގީގަތް ތަހުލީލުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މިސައިލް އުތުރު ކޮރެއާގެ އައްސޭރި ފަށުން ފެށިގެން ޖަޕާނާ ދިމާލަށް މިސްރާބު ޖެހުމާއެކު، ޖަޕާނުގެ އެކި ސަރަހައްދުތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހުނީ، އޭގެ މިސްރާބު ހުރި ގޮތުން، ޖަޕާނުގެ މަތިން ދަތުރުކުރާނެ ކަމަށް ބެލެވުމުންނެވެ.

އުތުރު ކޮރެއާ އިން މިއަދު އިންޓަ ކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް މި އަޖުމަބެލީ، އިއްޔެ 20 އަށް ވުރެ ގިނަ މިސައިލް ވައިގެ ތެރެއަށް ފޮނުވައިލިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

އިއްޔެ އުތުރު ކޮރެއާ އިން ފޮނުވައިލި މިސައިލްތަކުގެ ތެރެއިން އެއް މިސައިލް ފޮނުވައިލީ، ދެކުނު ކޮރެއާގެ ކަނޑުގެ ސަރަހައްދަށެވެ. ރައްދުގައި ދެކުނު ކޮރެއާގެ ވައިގެ ސިފައިންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދަށް ތިން މިސައިލް ފޮނުވާލައިފަ އެވެ.

އުތުރު ކޮރެއާ އިން މިއަދު ހެނދުނު މިސައިލްތަކެއް ވައިގެ ތެރެއަށް ފޮނުވައިލުމާ ގުޅިގެން، ޖަޕާނުގެ މިޔާގީ އާއި ޔަމަގާޓާ އަދި ނީގާޓާގައި އާންމުން ބޭރަށް ނުކުމެ އުޅުން ވަގުތީ ގޮތުން މެދުކަނޑައިލި އެވެ. އަދި އެ ސަރަހައްދުތަކުގައި ދެމުން އައި ބުލެޓް ރޭލުގެ ޚިދުމަތް ވެސް ވަގުތީ ގޮތުން މެދުކަނޑައިލި އެވެ.

އެމެރިކާ އިން ބުނި ގޮތުގައި އުތުރު ކޮރެއާ އިން މިސައިލްތައް އަޖުމަބަލަމުން ދަނީ، އދ.ގެ ގަރާރުތަކާ ކަނޑައެޅިގެން ޚިލާފަށެވެ. އެހެންކަމުން، އދ.ގެ ގަރާރުތައް ފުރިހަމައަށް ތަންފީޒުކޮށް، ޒަމާނީ ޓެކްނޮލޮޖީ އުތުރު ކޮރެއާ އަށް ފޯރުކޮށްދިނުން ހުރިހާ ގައުމުތަކުން ހުއްޓައިލަންޖެހޭ ކަމަށް ވެސް އެމެރިކާ އިން ބުންޏެވެ.