Roadha Mihaaru
ގަވައިދު ގެޒެޓްކުރުމުން ރާއްޖޭގައި ޕޯސްޓްމޯޓަމް ފަށާނެ

ގަވައިދު ގެޒެޓްކުރުމާ އެކު ރާއްޖޭގައި ޕޯސްޓްމޯޓަމް ފަށަން ތައްޔާރު

07 ނޮވެމްބަރ 2022

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފުލުހުންގެ ފަރާތުން ހުރިހާ ގޮތަކުން ތައްޔާރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފުލުހުންގެ ފަރާތުން ހުރިހާ ގޮތަކުން ތައްޔާރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ޕޯސްޓްމޯޓަމް ހެދުމުގެ ބާރުތަކެއް ވަނީ ދީފަ އެވެ. އެކަމަށް ފުލުހުން ތައްޔާރުވި ނަމަވެސް، ސެޕްޓެމްބަރު 7، 2015 ގައި ތަސްދީގުކޮށް، އޭގެ އެއް އަހަރު ފަހުން އަމަލުކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ކަންކަން ހަވާލުކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަށެވެ.

ފުލުހުންގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގެ ޑެޕިއުޓީ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޑރ. މުހައްމަދު ސުޖާއު ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން ޕޯސްޓްމޯޓަމް ހަދަމުން ދިޔައީ އެ އިދާރާގެ ބެލުމުގެ ދަށުން ކަމަށެވެ.

މި ވީ މުއްދަތުގެ ތެރޭގައި ވެސް ފުލުހުން ދިޔައީ ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ގޮތްތައް ބަލައި އެކަމަށް ތައްޔާރުވަމުންނެވެ.

ސުޖާއު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމުގެ ތައްޔާރީތައް ބެލުމަށް ރާއްޖެއަށް ކޮންސަލްޓަންޓެއް ގެނައި ކަމަށެވެ. އެކަމުގެ ހުރިހާ ވަސީލަތްތައް ހުރި ކަމަށާއި ނަމަވެސް ދެފުށް ފެންނަ ގޮތެއްގައި މިކަން ކުރުމަށް ފުލުހުންގެ އިދާރާއިން ބޭރުން ޕޯސްޓްމޯޓަމް ހެދުމަށް ކޮންސަލްޓަންޓް ލަފާ ދިން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ސިއްހީ ހިދުމަތުގެ ގާނޫނުގައި ވަނީ ފޮރެންސިކް ތަހުލީލްތައް ކުރާނެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ނުވަތަ އިދާރާއެއް ކަނޑައެޅުމަށް ހެލްތު މިނިސްޓަރަށް ބާރު ދީފަ އެވެ. އެކަމުގައި ފުލުހުންގެ ބައިވެރިވުން ކިތަންމެ ބޮޑު ނަމަވެސް މިކަން ރަސްމީކޮށް ކުރެވޭނީ ހެލްތު މިނިސްޓްރީން ހުއްދަ ދީގެންނެވެ.

"އަޅުގަނޑުމެން ބޮޑަށް އިންވޯލްވަނީ ތަހުގީގަށް ވަރަށް މުހިއްމު ކަމަކަށް ވާތީ. ތަހުގީގު މަރުހަލާ ކާމިޔާބުކުރަން ވަރަށް މުހިއްމު ކަމެއް އަދާކުރާ އެއްޗެއް ޕޯސްޓްމޯޓަމް އަކީ. އެ ބައި ކުރިއަށް ގެންދަން ވެގެން. އަދި 2016 ވަނަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން ބުނޭ، އިޖުރާއަތްތައް، މިސާލަކަށް ޑެޑް ބޮޑީއެއް އައީމަ ކިހިނެއް ހެއްޔޭ އަމަލުކުރާނީ. މި ހުރިހާ އެއްޗެއް ފުލުހުން އޮންނާނީ ފާސްކޮށްފައި،" ސުޖާއު ވިދާޅުވި އެވެ.

އެ އެއާ އެއްގޮތަށް އަމަލުކުރުމަށް ފަހު ޕޯސްޓްމޯޓަމް ހެދުމަށް ހުއްދަ ދީފައިވާ ތަނަކަށް ހަށިގަނޑު ދޭންޖެހޭނެ ކަމަށް ގަވައިދުގައި ބުނެ އެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ހުރިހާ ކަމެއް ނިމިފައި މި ހުރީ. އެކަމަކު، ޕޯސްޓްމޯޓަމް ހަދަން އަޅުގަނޑުމެންނަށް ބޮޑީ ދެވޭނީ ރާއްޖޭގައި އެ ކަހަލަ ތަނެއް ހުރި ނަމަ. ނެތީމަ ކޮންމެ ފަހަރަކު، ޕޮލިހަކާ އެކު ބޮޑީ ފޮނުވާލަނީ [ރާއްޖެއިން ބޭރަށް]. ގަވައިދު ހެދިފައި، ހެލްތު މިނިސްޓްރީން ރެގިއުލޭޓްކުރާނެ ތަނެއް ކަނޑައެޅީމަ ބޮޑީ ގެންގޮސްގެން ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ދާނީ،"

ޕޯސްޓްމޯޓަމް ހަދަން މިހާރު ފޮނުވަނީ އިންޑިއާއަށެވެ. އެކަން ކޮށްދެނީ އެއްވެސް އަގެއް ނުނަގައި، ހިލޭ ނަަމަވެސް ކޮންމެ ފަހަރަކު އެ ގޮތަށް ފޮނުވުމަކީ ފަސޭހަކަމެއް ނޫނެވެ.

މި އަހަރު އެކަނި ވެސް ތިން ޕޯސްޓްމޯޓަމް ހަދައިފި އެވެ.

ސުޖާއު ވިދާޅުވި ގޮތުގައި ތަހުގީގެއް ކާމިޔާބުކުރަން ވަގުތަކީ އެންމެ މުހިއްމު ކަންތަކެވެ. ވަގުތުން އެ ޕޯސްޓްމޯޓަމް ހެދޭ ނަމަ ވަރަށް ފަސޭހަވާނެ ކަމަށާއި އެ އަންނަ ކޮންމެ ލަސްވުމަކީ ތަހުގީގަށް ވެސް ލަސްވާ ލަސްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ސުޖާއު ވިދާޅުވީ ގޮތް ނޭނގޭ މަރުތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުން އުނދަގޫ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން ވިދާޅުވީ ޕޯސްޓްމޯޓަމާ ބެހޭ ގަވައިދު ޕަބްލިޝްކުރަން ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އޭރުން އެކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަރަށް ބޮޑަށް ތައްޔާރުވި އެވެ. ނަމަވެސް، ވަކި ހިސާބަކުން އެކަން މަޑުޖެހިގެން ދިޔައީ އެވެ.