Roadha Mihaaru
މަރާލާފައި އޮތް ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައިފި

ދިގުރަށުގައި އެއްލާލާފައި އޮއްވައި ފެނުނު ކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސްފި

24 ޑިސެމްބަރ 2023

އދ. ދިގުރަށުގައި ކޮތަޅަކަށް ލައި، އެއްލާލާފައިވާ އޮއްވައި ފެނުނު ތުއްތުކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އދ. ދިގުރަށުގައި ކޮތަޅަކަށް ލައި، އެއްލާލާފައިވާ އޮއްވައި ފެނުނު ތުއްތުކުއްޖާގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތުއްތުކުއްޖާ މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް މި މަހުގެ 16 ވަނަ ދުވަހު އިންޑިއާއަށް ގެންދިއުމަށް ފަހު، މިދިޔަ ހުކުރު ދުވަހު އަނބުރާ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް، އެ ހަށިގަނޑު މި ވަގުތު އޮތް ތަނެއް ސާފެއް ނުވެ އެވެ.

މަރާލި ތުއްތު ކުއްޖާ ފެނުނީ ކޮތަޅަކަށް ލައި ދިގުރަށުގެ ކުނިގޮނޑަށް އެއްލާލައިފައި އޮއްވައި، މި މަހުގެ ތިން ވަނަ ދުވަހެވެ. ފޫޅު ނުކަނޑާ އޮތް ކުއްޖާ އޮތީ ކުނި އުކަން ބޭނުންކުރާ ކަޅު ކޮތަޅެއްގެ ތެރޭގަ އެވެ.

ކުއްޖާ މަރާލައި އެއްލައިލިކަމުގެ ތުހުމަތަށް ހަމަ އެ ދުވަހު ހައްޔަރުކޮށްފައިވަނީ އެ ރަށު ގެސްޓް ހައުސްއެއްގައި މަސައްކަތްކުރާ ސްރީ ލަންކާގެ އަންހެނެކެވެ. ތިރީސް އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ފުރައިގެން ދާން އުޅެނިކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.