Roadha Mihaaru
ސިޓީއަށް ދުލެއް ނުދިން، އާސެނަލް އަލުން އެއް ވަނައަށް

ސިޓީއަށް ދުލެއް ނުދިން، ޗެލްސީ ބަލިކޮށް އާސެނަލް އަލުން އެއް ވަނައަށް

06 ނޮވެމްބަރ 2022

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 1-0 އިން ބަލިކޮށްގެން އާސެނަލުން އަލުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 1-0 އިން ބަލިކޮށްގެން އާސެނަލުން އަލުން ލީގު ތާވަލްގެ އެއް ވަނައަށް ޖެހިލައިފި އެވެ.

މެޗުގެ ހަމައެކަނި ލަނޑު، 65 ވަނަ މިނިޓުގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގެބްރިއެލް މަނގަޅޭސް އެވެ. ބުކަޔޯ ސަކާ ނަގައިދިން ކޯނަރު، ޗެލްސީގެ ޑިފެންޑަރުންނާއި ކީޕަރު އެޑުއާޑް މެންޑީ ބީޓުވެފައި ގޯލަށް ވަންނަން ދިޔަ ވަގުތު ގެބްރިއެލް ވަނީ ގޯލު ރޮނގު މަތިން އެ ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިފަ އެވެ.

މި ގޯލަށް ފަހު ވެސް އާސެނަލް އަށް ވަނީ ލީޑު ފުޅާ ކުރަން ރަނގަޅު ފުރުސަތެއް ލިބި، ނާކާމިޔާބު ވެފަ އެވެ. ނަމަވެސް ކެޕްޓަން މާޓިން އޮޑެގާޑަށް ހުސްކޮށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ގޯލާ އަމާޒު ކޮށްލެވޭ ގޮތެއް ނުވި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނަގަން އެންމެ ފުރަތަމަ ހުސް ފުރުސަތެއް ހޯދީ ވެސް މެޗުގައި މޮޅަށް ކުޅުނު އާސެނަލް އެވެ. ގެބްރިއެލް މާޓިނެއްލީ ނަގައިދިން ހުރަހެއް އެޓީމުގެ ގެބްރިއެލް ޖީސަސް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

މިއީ ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އާއެކު އެ ޓީމު ބަލިވި ދެވަނަ މެޗެވެ. އެންމެ ފަހުން ލީގުގައި ބްރައިޓަން އާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ.

ޖެހިޖެހިގެން ކުރިމަތިވި ދެ ބައްޔާ އެކު ޗެލްސީ ވަނީ ލީގުގެ ހަތް ވަނައަށް ވެއްޓިފަ އެވެ. ޗެލްސީ މިހާތަނަށް ކުޅުނު 13 މެޗުން ލިބިފައި ވަނީ 21 ޕޮއިންޓެވެ. ހަ ވަނައިގައި އޮތް ބްރައިޓަން އަށް ވެސް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ބްރައިޓަން ވަނީ ރޭ ރަށުން ބޭރުގައި 3-2 އިން ވުލްވްސް ބަލިކޮށްފަ އެވެ.

އާސެނަލް އެއްވަނައަށް އެރީ 13 މެޗުން 34 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗުގެ ކުރިން އެއް ވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި 2-1 އިން ފުލަމް ބަލިކުރި މެންޗެސްޓާ ސިޓީ އެވެ. ސިޓީ އިން ވަނީ ރޭގެ މެޗު ކާމިޔާބު ކޮށްގެން 32 ޕޮއިންޓް ހޯދައިފަ އެވެ.

ފަހު ވަގުތު ފުލަމް އަތުން ތިން ޕޮއިންޓް ހޯދުމަށް ފަހު ސިޓީގެ ހާލަންޑް އަދި ފިލް ފޮޑެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު ވަގުތު ފުލަމް އަތުން ތިން ޕޮއިންޓް ހޯދުމަށް ފަހު ސިޓީގެ ހާލަންޑް އަދި ފިލް ފޮޑެން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހޫލިއަން އަލްވަރޭޒް މެޗުގެ 16 ވަނަ މިނިޓުގައި ޖަހައިދިން ގޯލުން ސިޓީ ލީޑު ނަގައިފައި ވަނިކޮށް، އޭގެ 10 މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެން ފުލަމް އިން ނަތީޖާ އެއްވަރު ކުރި އެވެ. ޔާއޯ ކަންސެލޯ އޭރިއާ ތެރެއިން ކެލަމް ވިލްސަން އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ އަންޑްރެއަސް ޕެރޭރާ އެވެ. ފައުލާ ގުޅިގެން ކަންސެލޯ އަށް ރަތް ކާޑެއް ވެސް ދެއްކި އެވެ.

އެކަކު މަދުކޮށް ކުޅެމުން ދިޔަ ސިޓީ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ، ދެ ވަނަ ހާފުގައި އަލްވަރޭޒްގެ ބަދަލުގައި ކުޅެން ނުކުތް އާލިން ހާލަންޑް އެވެ. ހާލަންޑް މި ލަނޑު ޖެހީ ފުލަމްގެ ޑިފެންޑަރު އެންޓޮނީ ރޮބިންސަން، ސިޓީގެ ކެވިން ޑިބްރޭނާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ހާލަންޑް ކާމިޔާބު ކުރި 18 ވަނަ ލަނޑެވެ.

ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ އިން ރޭ ރަށުން ބޭރުގައި 2-0 އިން އެވަޓަން ބަލިކުރި އިރު، ނޮޓިންހަމް ފޮރެސްޓާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

ލީޑްސް ޔުނައިޓެޑް ވަނީ ފޯރި ގަދަ ކުޅުމަކަށް ފަހު 4-3 އިން އަމިއްލަ ދަނޑުގައި ބޯންމަތު ބަލިކޮށްފަ އެވެ. މި މެޗުގައި ވެސް ލީޑްސް މޮޅުކޮށްދިން ލަނޑު ފަހު ވަގުތުގައި ޖަހައިދިނީ ނެދަލެންޑްސްގެ އުންމީދީ ފޯވާޑް ކްރައިސެންސިއޯ ސަމާވިލް އެވެ.