Roadha Mihaaru
އާސެނަލް 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ

އާސެނަލް ލީގުގައި 100 ޕޮއިންޓް ހަމަކޮށްފާނެ: ގާޑިއޯލާ

05 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އިން މި ސީޒަނުގެ ލީގުގައި 100 ޕޮއިންޓް ހަމަކޮށްފާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ލަފާކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 5) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް އިން މި ސީޒަނުގެ ލީގުގައި 100 ޕޮއިންޓް ހަމަކޮށްފާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ލަފާކޮށްފި އެވެ.

ގާޑިއޯލާގެ ކުރީގެ އެސިސްޓެންޓް މިކެލް އާޓެޓާ ކޯޗު ކޯށްދޭ އާސެނަލް އިން އަންގާރަ ދުވަހުގެ ރޭ ނިއުކާސަލް ޔުނައިޓެޑާ ވާދަކުރި މެޗުން އެއްވަރު ވުމުން އެ ޓީމަށް ވަނީ ދެ ވަނައިގައި އޮތް ސިޓީއާ 10 ޕޮއިންޓަށް ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.

ލީގުގައި އެންމެ ފަހުން އެވަޓަން އާ ދެކޮޅަށް ކުޅެ އެއްވަރުވި ސިޓީ އަށް، މިރޭ ޗެލްސީ ކައިރިން ތިން ޕޮއިންޓް ހޯދައިގެން، އާސެނަލް އާ ފަސް ޕޮއިންޓަށް ގާތް ކުރުމުގެ ފުރުސަތު އެބަ އޮތެވެ. ގާޑިއޯލާ ބުނީ ހަ އަހަރު ތެރޭ ފަސް ވަނަ ލީގު ޓްރޮފީ ހޯދަން ބޭނުން ނަމަ ސިޓީ އަށް އިތުރު ޕޮއިންޓުތަކެއް ގެއްލުވާލެވެން ނެތް ކަމަށެވެ.

"ފަރަގު ކުޑަ ކުރެވޭނީ ރަނގަޅަށް ކުޅެ، މެޗުތަކުން މޮޅު ވެގެން. އާސެނަލްގެ މިހާރުގެ އެވްރެޖަށް ބަލާނަމަ، އެ ޓީމުން ނަތީޖާތައް ނެރޭނަމަ 100 އަށް ވުރެ ގިނަ ޕޮއިންޓް އެމީހުން ހޯދާނެ،" ޗެލްސީއާ ދެކޮޅަށް ނުކުތުމުގެ ކުރިން މެޗުން މޮޅުވުމުގެ މުހިއްމުކަމަށް އަލިއަޅުވާލައި ގާޑިއޯލާ ބުންޏެވެ.

"އެމީހުން [އާސެނަލް] މިހާރު ތިބިި ގޮތުގައި ކުރިއަށް ދާނަމަ އަހަރެމެންނަށް އަތެއް ނުވާނެ. މިހާ ހިސާބުން އަހަރެމެން ޖެހޭނީ ފުރިހަމަ ނަތީޖާ ނެރެން، އަދި އެމީހުންގެ ކުޅުން ދަށްވާނެ ކަމަށް އުއްމީދު ކުރުން ދެން އޮތީ، އިއްޔެ ނިއުކާސަލް އާ ދެކޮޅަށް އެމީހުން ވަރަށް މޮޅަށް ކުޅުނު އެކަމަކު ބަލާ ވީ ގޮތް."

އާސެނަލް އަންނަނީ 2004 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކުރަން މަސައްކަތް ކުރަމުންނެވެ. އެޓީމު އެއް ވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ ދެ ވަނައިގައި އޮތީ 16 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީ އަކީ މި ސީޒަނުގައި ތަށްޓަށް ވާދަކުރާނެ ޓީމެއް ކަމަށް ކުރިން ގިނަ ބަޔަކު ގަބޫލުކުރި އެވެ. ގްރަހަމް ޕޮޓާ ކޯޗު ކޮށްދޭ ޗެލްސީ މިވަގުތު އޮތީ 16 މެޗުން ހޯދި 25 ޕޮއިންޓާ އެކު ތާވަލުގެ 10 ވަނައިގަ އެވެ.

ލީގުގައި އެންމެ ފަހުން ޗެލްސީ ކުޅުނު ފަސް މެޗުން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ވޯލްޑް ކަޕް ބްރޭކަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ބްރައިޓަން އަތުންނެވެ. އޭގެ ކުރިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އަދި އެންމެ ފަހުން ނޮޓިންހަމް ފޮރެސްޓާ ވާދަކޮށް ވަނީ އެއްވަރު ވެފަ އެވެ.

ޗެލްސީގެ ދަނޑުގައި މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދަމު 1 ޖަހާއިރެވެ.