Roadha Mihaaru
ޓެންޒޭނިއާގެ މަތިންދާބޯޓެއް ވެއްޓި 19 މީހުން މަރު

ޓެންޒޭނިއާގެ މަތިންދާބޯޓެއް ވެއްޓި 19 މީހުން މަރުވެއްޖެ

07 ނޮވެމްބަރ 2022

ޓެންޒޭނިއާގައި މަތިންދާބޯޓު ދުއްވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްރިސިޝަން އެއާގެ މަތިންދާބޯޓެއް، 43 މީހުންނާ އެކު ވެރިރަށް ދާރުއްސަލާމުން އިއްޔެ ފުރައިގެން ދަތުރުކޮށް، ހުޅަނގުއުތުރުގެ ސަހަރެއް ކަމަށްވާ ބުކޯބާ އަށް ޖައްސަން އުޅެނިކޮށް ވެއްޓި، މަދުވެގެން 19 މީހުން މަރުވެއްޖެ އެވެ.

ޓެންޒޭނިއާގައި މަތިންދާބޯޓު ދުއްވާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕްރިސިޝަން އެއާގެ މަތިންދާބޯޓެއް، 43 މީހުންނާ އެކު ވެރިރަށް ދާރުއްސަލާމުން އިއްޔެ ފުރައިގެން ދަތުރުކޮށް، ހުޅަނގުއުތުރުގެ ސަހަރެއް ކަމަށްވާ ބުކޯބާ އަށް ޖައްސަން އުޅެނިކޮށް ވެއްޓި، މަދުވެގެން 19 މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ބޮޑުވަޒީރު ގާސިމް މަޖަލީވާ ވިދާޅުވި ގޮތުގައި ބުކޯބާ އަށް ޖައްސަންވެގެން ބޯޓު ތިރިކުރަމުން އައި ވަގުތު އެ ސަރަހައްދުގެ މޫސުން ވަރަށް ގޯހެވެ. ބާރު ވައިގެ ތެރޭގައި ބޯޓު ތިރިކުރަމުން އަންނަނިކޮށް، ބުކޯބާގެ ވައިގެ ބަނދަރާ ހަމައަށް ފޯރުމުގެ ކުރިން، ބޯޓަށް މައްސަލަތަކެއް ދިމާވެ، ވިކްޓޯރިއާ ކުޅި އަށް ވެއްޓުނީ އެވެ.

ބުކޯބާ ސަހަރުގެ ފުލުހުންގެ ވެރިޔާ އަލްބަޓް ކަލަމީލާ ވިދާޅުވި ގޮތުގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ދެ ޕައިލެޓުންނާއި ދެ ފަޅުވެރިންގެ އިތުރުން، 39 ދަތުރުވެރިންނެވެ. ބޯޓު ވެއްޓުމާއެކު، އެ ސަރަހައްދުގެ އާންމުން އެ ތަނަށް އެއްވެ ބޯޓުގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށި އެވެ.

ކުޅި އަށް ވެއްޓިފައި އޮތް ބޯޓުގެ ތެރެއިން ނެރެގެން ސަލާމަތް ކުރި 26 މީހުން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އިތުރު މީހުންގެ ހަށިގަނޑު ފެނޭތޯ، އެ ސަރަހައްދުގެ އާންމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ބޯޓު ވެއްޓުނުކަން އެނގުމާއެކު އެ ސަރަހައްދުގެ މީހުން ކުޅި ދޮށަށް ޖަމާވެ، ފެތިފައި އޮތް މަތިންދާބޯޓު އިތުރަށް ފުނަށް ދިޔަނުދިނުމަށްޓަކައި، އޭގައި ވާ ޖަހައި އެއްގަމަށް އެއްސި އެވެ.

އަދި ބޯޓުގައި ވާ ޖަހައި އެއްގަމަށް އެހެލަން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ބޯޓުގެ ފުރޮޅުތައް ކުޅީގެ ވެލިގަނޑުގެ ތެރޭގައި ތާށިވެފައި ހުރުމުގެ ސަބަބުން، ބޯޓު އެއްގަމަށް އެހެލެވޭ ގޮތް ނުވީ އެވެ.

ފުލުހުން ބުނާ ގޮތުގައި މަރުވި 19 މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުން ދަތުރުކުރި 17 މީހަކާއި، ބޯޓުން މީހުން ސަލާމަތް ކުރަން އުޅެނިކޮށް ގެނބިގެން މަރުވި، އެ ސަރަހައްދުގެ ދެ މީހެކެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން، 48 މީހުންގެ ޖާގައިގެ އެ ބޯޓުން ދަތުރުކުރީ 43 މީހުންކަމެއް ނުވަތަ އެއަށް ވުރެ ގިނައިން ކަމެއް މުޅިން ޔަގީނެއް ނުވެ އެވެ.

ޓެންޒޭނިއާގެ ފުލުހުން ބުނި ގޮތުގައި ބޯޓު ތިރިކުރަމުން އައި ވަގުތަކީ ބާރު ވަޔާއެކު ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އޭގެ އިތުރުން، ދުންފިނީގެ ސަބަބުން ދުރު ފެންނަ މިންވަރު ވަރަށް ދަށްވެފައި ހުއްޓައި ބޯޓު ތިރިކުރަމުން އައިސް ގާތްގަނޑަކަށް 100 މީޓަރަށް ތިރިކުރި ތަނާ ބޯޓަށް މައްސަލަތަކެއް ކުރިމަތިވި އެވެ.