Roadha Mihaaru
40 ދުވަސް ފަހުން އެކުދިން ފެނުމަކީ އަޖައިބެއް

40 ދުވަސް ފަހުން ޖަންގަލިން އެކުދިން ފެނުމަކީ އަޖައިބެއް

11 ޖޫން 2023

އެމޭޒަން ޖަންގަލީގެ މެދުތެރޭގައި އޮންނަ ޕުއެރްތޯ ސަބާލޯގެ ގަވަރުނަރު މެނުއެލް ރަނޯގް އޭނާގެ އަންހެނުން މަގްޑަލޭނާ މުކުޓުއޭ ވެލެންސިއާ އާއި ހަތަރު ކުދިންނާ އެކު، އެ ސަރަހައްދުގައި ދިރިއުޅެމުން އައީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އެއީ އެމީހުންގެ ހިތްހަމަޖެހުން ކަމަށް ބަލައިގެންނެވެ. ވައިގެ މަގުން ނުވަތަ ކޯރުގެ ތެރެއިން ނޫން ގޮތަކަށް ދެވެން ނޯންނަ ޕުއެރްތޯ ސަބާލޯގެ އާންމުންގެ މެދުގައި މެނުއެލްއަކީ މަގުބޫލު އަދި ވަރަށް އެކުވެރި މީހެކެވެ.

އެމޭޒަން ޖަންގަލީގެ މެދުތެރޭގައި އޮންނަ ޕުއެރްތޯ ސަބާލޯގެ ގަވަރުނަރު މެނުއެލް ރަނޯގް އޭނާގެ އަންހެނުން މަގްޑަލޭނާ މުކުޓުއޭ ވެލެންސިއާ އާއި ހަތަރު ކުދިންނާ އެކު، އެ ސަރަހައްދުގައި ދިރިއުޅެމުން އައީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އެއީ އެމީހުންގެ ހިތްހަމަޖެހުން ކަމަށް ބަލައިގެންނެވެ. ވައިގެ މަގުން ނުވަތަ ކޯރުގެ ތެރެއިން ނޫން ގޮތަކަށް ދެވެން ނޯންނަ ޕުއެރްތޯ ސަބާލޯގެ އާންމުންގެ މެދުގައި މެނުއެލްއަކީ މަގުބޫލު އަދި ވަރަށް އެކުވެރި މީހެކެވެ.

ނަމަވެސް މި އަހަރުގެ އެޕްރީލް މަހުގެ މެދަކާ ހަމައިގައި، އެއް ދުވަހަކު މަގްޑަލޭނާ އާއި ކުދިން ނިދައި ހޭލިއިރު، ފިރިމީހާ އަދި ކުދިންގެ ބައްޕަ މެނުއެލް ގޭގައި ނެތުމުން މުޅި އާއިލާއަށް ލިބުނީ ޝޮކެކެވެ. އޭނާ ހޯދުމަށް އެ ދުވަހު ކުރި މަސައްކަތުން ވެސް އޭނާގެ ހަބަރެއް ނުވި އެވެ. ވީނުވީއެއް ނޭނގި މެނުއަލް ގެއްލުނު ޚަބަރު މުޅި ޕުއެރްތޯ ސަބާލޯގެ އާންމުންގެ މެދުގައި ފެތުރި ކަންބޮޑުވުން އުފެދުނެވެ.

އޭނާގެ ހަބަރެއް ނުވެ އެތައް ދުވަހެއްވެފައި ވަނިކޮށް، އާއިލާގެ ފަރާތުން އާންމުންނަށް އެނގުނު ގޮތުގައި މެނުއަލް ގެއްލުމުގެ ކުރިން އެ ސަރަހައްދުގެ ގޮރިއްލާ ހަނގުރާމަވެރިންގެ ފަރާތުން ވަނީ އޭނާއަށް އެތައް އިންޒާރުތަކެއް ލިބިފަ އެވެ. އެ ސަރަހައްދުގެ ޖަންގަލި ހޯދައި ބަލައިގެން ވެސް މެނުއަލްގެ ޚަބަރެއް ނުވުމުން، އާންމުންގެ ދޫތަކުން އަދި އާއިލާގެ މެމްބަރުންގެ ދޫތަކުން ވެސް އޭނާގެ ނަން ފަނޑުވަމުން ދަނިކޮށް، އެޕްރީލް މަހުގެ ފަހުކޮޅު އަންހެނުން މަގްޑަލޭނާ އަށް ލިބުނީ ކުއްލި ފޯން ކޯލެކެވެ.

އަންހެނުންގެ ކިބައިން މެނުއަލް އެދުނީ ވީހާ އަވަހަކަށް އޭނާއާ ބައްދަލުކުރަން އައުމަށެވެ. މާ ގިނަ ވަގުތެއް ނެތް ކަމަށާއި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންތައް ދިއުމުން، އޭނާ އެ އަވަށް ދޫކޮށް ގޮސް މިހާރު ހުރީ، ޕުއެރްތޯ ސަބާލޯގެ އިރުމަތީ ފަޅީގައި އޮންނަ ސަހަރެއް ކަމަށްވާ ވިޔަވިސެންސިއޯގައި ކަމަށް ފިރިމީހާ ބުންޏެވެ.

އެހެންކަމުން މަގްޑަލޭނާ އޭނާގެ ހަތަރު ދަރިން ގޮވައިގެން ފިރިމީހާގެ ގާތަށް ދިއުމަށްޓަކައި، އެއް އިންޖީނުލީ މަތިންދާބޯޓެއް ކުއްޔަށް ހިފައިގެން، މެއި 1 ވަނަ ދުވަހުގެ މާއިރާ ދަތުރު ފެށި އެވެ. ފިރިމީހާގެ ގާތަށް ދިއުމަށްޓަކައި މަގްޑަލޭނާ ދަތުރުކުރަން ރޭވީ ކުޑަ ހަތަރު ކުދިންނާ އެކުގައި ކަމަށްވާތީ، މަގްޑަލޭނާއާ އެކުގައި ދިއުމަށް އެ އަވަށުގެ ވެރިޔާ ހާމަން މެންޑޯޒާ ނިންމައި އޭނާ ވެސް ދަތުރުގައި ބައިވެރިވި އެވެ.

ގާތްގަނޑަކަށް 350 ކިލޯމީޓަރުގެ އެ ދަތުރުގެ މެދަކާ ހަމައިން، ބޯޓުގެ ޕައިލެޓް ރޭޑިއޯ އިން ފޮނުވި މެސެޖަކީ ބޯޓުގެ އިންޖީނު ފެއިލްވެއްޖެ ކަމެވެ. އެ މެސެޖް ފޮނުވިތާ މާ ގިނައިރުތަކެއް ނުވެ ބޯޓުގެ ރޭޑިއޯގެ އަޑުވެސް ކެނޑުނެވެ. އަދި ރާޑަރުގެ ސްކްރީނުން ވެސް ބޯޓު ގެއްލުނެވެ.

އެއާ އެކު ކޮލަމްބިއާގެ ސިފައިންނާއި އެ ސަރަހައްދުގެ އާންމުން އެމޭޒަން ޖަންގަލި ތެރެއަށް ވަދެ އެ ބޯޓުގެ ހަބަރެއް ވޭތޯ މަސައްކަތް ފެށި އެވެ. އޭގެ ދެ ދުވަސް ފަހުން ޖަންގަލި ތެރެއިން އެ ބޯޓު ފެނުނީ ގަސްތަކެއްގެ ތެރެއަށް، އެކޮޅުކޮޅުން ބޯޓު ވެއްޓިފައި އޮއްވަ އެވެ. ބޯޓުގެ އެތެރޭގައި ޕައިލެޓާއި، މަގްޑަލޭނާ އާއި އަވަށު ވެރިޔާގެ ހަށިގަނޑު އޮތެވެ.

ނަމަވެސް މަގްޑަލޭނާގެ ހަތަރު ކުދިންގެ އެއްވެސް ހިލަމެއް ނެތެވެ. އެ ކުދިންގެ ހަށިގަނޑެއް ވެސް ނުފެނެ އެވެ. އެ ހަތަރު ކުދިންނަކީ، 13 އަހަރުގެ ލެސްލީ ޖެކޯބޯ އާއި ނުވަ އަހަރުގެ ސޮލެސިނީ ރަނޯގް އާއި ހަތަރު އަހަރުގެ ޓިއެން ނޮރިއެލް އާއި 11 މަހުގެ ކްރިސްޓިއަން ނެރީމަން އެވެ.

ވެއްޓިފައިވާ ބޯޓުގެ ތެރެއިން ވެސް އަދި ކައިރި ހިސާބަކުން ވެސް އެ ކުދިންގެ އެއްވެސް ލިސާނެއް ނުވުމުން، އެ ކުދިންގެ ފުރާނަ ސަލާމަތްވި ކަމުގެ އުންމީދާ އެކު، އެ ކުދިން ހޯދުމަށް 100 އަށް ވުރެ ގިނަ ސިފައިންނާއި، މީހުން ދެނެގަންނަ ކުއްތާތައް ނެރެ މަސައްކަތް ފެށި އެވެ.

ބޯޓު ވެއްޓުނުތާ 20 ދުވަސް ފަހުން، ބޯޓު ވެއްޓުނު ތަނާ ދެ ކިލޯމީޓަރު ދުރު ހިސާބަކުން، ސިފައިންނަށް ފެނުނީ ހުސްވެފައި އޮތް ބުއްފުޅިއެކެވެ. އަދި އެ ފުޅިއާ މާ ދުރު ނޫން ހިސާބެއްގައި، ކުއްޖަކު އަނގަ ޖަހައި ތަންކޮޅެއް ނައްޓާލާފައި އޮތް ޕެޝަން ފުރުޓް ފަޅިއަކާއި، ކުޑަކުދިން ގެންގުޅޭ ވަރުގެ ދެ ކަތުރު އޮތެވެ.

އަދި މާ ދުރު ނޫން ހިސާބެއްގައި ކުޑަކުދިންގެ ބޮލުގައި ޖަހާ ޒާތުގެ ޓައީ ބޭންޑެއް ވެސް އޮތެވެ. އެ ތަކެއްޗަށް ބަލަމުން ދަނިކޮށް ސިފައިންގެ ލޮލުގައި ދެން އަޅައިގަތީ، އެ ހިސާބުގައި ކިސަޑު ހެދިފައި އޮތް ތަނެއްގައި ބިންވަޅު ނެގިފައި ހުރި ކުޑަ ކުއްޖެއްގެ އެންމެ ފިޔަވަޅެކެވެ. އަނެއް ފިޔަވަޅު އަޅާފައި ހުންނާނެ ތަނުގައި އޮތީ ފެން ހެދިފަ އެވެ.

އެ ދުވަސްވަރަކީ ވެސް އެ ހިސާބަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ދުވަސްވަރަކަށް ވާތީ، އިތުރު ސަރަހައްދަކުން ކުދިންގެ ފިޔަވަޅު ފެންނަ ގޮތެއް ނުވި އެވެ. ނަމަވެސް ފެނުނު ހަމައެކަނި ފިޔަވަޅު ދަތުރުކޮށްފައި ހުރި މިސްރާބު ބަލައިގެން، ކުދިން ހޯދުމުގެ މަސައްކަތް އަވަސްކުރި އެވެ. އެއީ ޖެގުއާ އާއި ބިޔަ ހަރުފަތަކާއި މިނިކާ ޖަނަވާރުތައް ގިނަ ސަރަހައްދަކަށް ވާތީ، އެ ކުދިން ނުފެނި ފާއިތުވާ ކޮންމެ ހިނދުކޮޅަކީ އެކުދިންގެ ފުރާނައަށް ކުރިމަތިވާ ނުރައްކަލެއް ކަމަށް ބަލައިގެންނެވެ.

ކުއްޖެއްގެ ފިޔަވަޅު ފެނުމާ އެކު، ސިފައިން ދެން މަސައްކަތް ފެށީ، އެ ކުދިން ތިބި ހިސާބެއްގައި ބައިތިއްބައިގެން އެ ކުދިން ހޯދުމަށެވެ. އެ ގޮތުން، އެ ކުދިން ވާހަކަ ދައްކާ ބަހުރުވައިން އެ ކުދިންގެ މާމަ ރެކޯޑް ކޮށްފައިވާ މެސެޖެއް ލައުޑް ސްޕީކަރުތަކުން އިއްވަން ފެށި އެވެ. މާމަ ބުނެފައިވަނީ، އެކުދިން ހޯދުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި، އިތުރު ތަންތަނަށް ނުގޮސް އެއް ތަނެއްގައި ތިބުމަށެވެ.

އޭގެ އިތުރުން ހަމަ އެ ގޮތަށް ލިޔެފައިވާ ކަރުދާސްތަކެއް ވެސް، ބޯޓު ވެއްޓުނު ހިސާބުގެ ވަށައިގެންވާ ސަރަހައްދުތަކަށް މަތިންދާބޯޓުތަކުން އެޅި އެވެ. އަދި އެ ކުދިން ޖަންގަލި ތެރޭގައި ދިރި ތިބި ނަމަ، ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭނުންކުރުމަށް ކާބޯތަކެއްޗާއި ބޯފެނާއި ޖޫސް ޕެކެޓް ފަދަ ތަކެތި ވެސް، ހެލިކޮޕްޓަރުތަކުން އެ ސަރަހައްދުގެ ޖަންގަލި ތެރެއަށް އެޅި އެވެ.

އަދި ރޭގަނޑުގެ ވަގުތުގައި އެ ސަރަހައްދުގެ ވައިގެ ތެރެއަށް ފްލެއާތައް ފޮނުވައިގެން ޖަންގަލި އަލިކޮށް ކުދިން ފެނޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް މަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، އެ ކުދިންގެ އިތުރު ހިލަމެއް ނުވި އެވެ.

އޭގެ ފަހުން އެ ކުދިންގެ ލިސާނެއްވީ ހުސްވި މެއި މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ޖަންގަލި ތެރެއިން ސިފައިންނަށް ފެނުނީ ބޭނުންކޮށްފައި އޮތް ނެޕީއަކާއި ފެހި ކުލައިގެ ކުޑަ ތުވާއްޔަކާއި ކުޑަކުއްޖެއްގެ ބޫޓެކެވެ. އެ ތަކެތީގެ ބޮޑުމިނުން، އެއީ 11 މަހުގެ ކުއްޖާގެ ނެޕީ ކަމާއި ދެން ހުރި ތަކެއްޗަކީ ދެ ވަނަ އަށް އެންމެ ހަގު ކުއްޖާގެ ތަކެތިކަން އެނގެ އެވެ.

އެއަށް ވުރެ އެތައް މީޓަރަކަށް ކުރިއަށް ދިޔަ ފަހުން ސިފައިންނަށް ދެން ފެނުނީ، އިތުރު ނެޕީއަކާއި މޮބައިލް ފޯނެއްގެ ކަވަރަކާއި، އެންމެ ފުރަތަމަ ފެނުނު ބުއްފުޅީގެ މައްޗެވެ. އެ ތަކެތި ފެންނަމުން ދިޔަ ވަރަކަށް، އެކުދިން ދިރިތިއްބައި ފެންނާނެ ކަމުގެ އުންމީދު އާވި އެވެ.

ސިފައިން ބުނި ގޮތުގައި އެ ކުދިން ޖަންގަލި ތެރެއަށް ދޫކޮށްލާފައި ހުރި އެއްވެސް އެއްޗަކުން ލޭގެ އަސަރެއް ނުފެންނާތީ އާއި، އެކި ސަރަހައްދުތަކުން އެ ކުދިންނާ ގުޅުން ހުރި ތަކެތި ފެނުމުން، މިނިކާ ޖަނަވާރެއްގެ ނުރައްކަލެއް ކުރިމަތިނުވެ، އއެ ކުދިން ޖަންގަލި ތެރޭގައި އަމިއްލައަށް ދަތުރުކުރި ކަން އެނގެ އެވެ.

ސިފައިންނާއި އާންމުން ނުކުމެ ކުރި މަސައްކަތުން، އެ ކުދިން ފެނުނީ މި މަހުގެ 9 ވަނަ ދުވަހު އެވެ. ކޮލަމްބިއާ ސިފައިން ބުނި ގޮތުގައި އެ ކުދިން ފެނުނީ، ކޮލަމްބިއާގެ ދެކުނުގައި އޮންނަ ދެ ޕްރޮވިންސެއް ކަމަށްވާ ކަކިތާ އާއި ގުއަވިއާރޭ ގުޅޭ ސަރަހައްދުންނެވެ. ސިފައިން ބުނި ގޮތުގައި އެ ކުދިން ފެނުނު އިރު ތިބީ، ބޯޓު ވެއްޓުނު ތަނާ މާ ދުރަކު ވެސް ނޫނެވެ.

އެކަށީގެންވާ ކާނާއެއް ނުލިބި 40 ދުވަސް ވަންދެން ޖަންގަލި ތެރޭގައި ހޭދަކުރަން ޖެހުމުން، އެ ކުދިންގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް އަނަރޫފަ ވެފަ އެވެ. އަދި ދެ ކުއްޖެއްގެ ހާލު ދެރަކަމުން ރަނގަޅަށް ވާހަކަ ދެއްކޭހާ ވެސް ވަރު ނެތެވެ. އަދި މި ހާލަތުގައި އޮއްޓަރުލީ އެއްވެސް އެއްޗެއް އެކުދިންނަށް ނުކުވޭތީ، މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދެނީ ދިޔާ ތަކެތި ކަމަށް ސިފައިން ބުނެ އެވެ.

ހުކުރު ދުވަހު އެކުދިން ޖަންގަލި ތެރެއިން ފެނުމާއެކު، އިއްޔެ ވަނީ ކޮލަމްބިއާގެ ވެރިރަށް ބޮގޯޓާ އަށް ގެންގޮސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި މިވަގުތު އެ ކުދިންނާ އެންމެ ގާތުގައި ތިބީ އެ ކުދިންގެ މާމަ އާއި ކާފަ ކަމަށް ކޮލަމްބިއާގެ ނޫސްތަކުން ބުނެ އެވެ.

އެ ކުދިންގެ އަވަށުގެ މީހުން ދެކޭ ގޮތުގައި، މިނިކާ ޖަނަވާރުތަކާއި ކޯރުތައް ގިނަ އަދި ގަސް ބޯ ޖަންގަލީގެ ތެރެއިން އެހާ ކުޑަ ހަތަރު ކުދިން 40 ދުވަސް ފަހުން ދިރިތިއްބައި ފެނުމަކީ ބޮޑު މުއުޖިޒާތެކެވެ. އެކުދިން ދިރިތިއްބައި ސަލާމަތްވީ، އޭގެ ތެރެއިން އެންމެ ދޮއްޓަށް ހުރި 13 އަހަރުގެ އަންހެން ކުއްޖާގެ ވިސްނުންތެރިކަމުން ކަމަށް އަވަށުގެ މީހުން ދެކެ އެވެ.

އެ މީހުން ބުނި ގޮތުގައި އެ ހަތަރު ކުދިންގެ މަންމަ ކޮންމެ ދުވަހަކު ވަޒީފާ އަށް ދިއުމުން، ގޭ ތެރޭގައި އަނެއް ތިން ކުދިން ގޮވައިގެން ހުރިހާ ކަމެއް ކުރާނީ، ދޮށީ ދައްތަ އެވެ. އަދި އޭނާއަކީ ޖަންގައްޔަށް ފަރިތަ އަންހެން ކުއްޖެއް ކަމަށާއި، ޖަންގަލި ތެރޭގައި ދިމާވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް އޭނާއަށް އެނގޭނެ ކަމަށް ވެސް އަވަށުގެ މީހުން ބުނެ އެވެ.

އެ ކުދިން ހޯދުމުގެ މަސައްކަތުގައި އުޅުނު ސިފައިންނާއި އާންމުންނަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ، ސަލާމަތްތެރިކަމާއެކު ޖަންގަލީގެ ތެރެއިން ނުކުތުމަށް އެ ކުދިން ކޮށްފައިވާ ރޭވުންތެރި މަސައްކަތްތައް ފެނުމުންނެވެ. އެ ގޮތުން އެ ކުދިން ޖަންގަލި ތެރޭގައި ދަތުރުކޮށްފައި ހުރި މަގުތަކުން ބައެއް ކާބޯތަކެތި ފެނުމުން، އެ ކުދިން ބޯޓު ދޫކޮށްލާފައި ދިޔައިރު، ބޯޓުން ލިބެން ހުރި ކާބޯތަކެތި ހިފައިގެން ދިޔަކަން އެނގެ އެވެ.

އެ ކުދިންގެ މާމަ ފަޓީމާ ވެލެންސިއާ ބުނި ގޮތުގައި ޖަންގަލީގައި އުޅުނު ދުވަސްވަރު އެ ކުދިން ކެއުމަށް ބޭނުންކުރީ، އެ ކުދިން ފުރި ދުވަހު އެ ކުދިންގެ މަންމަ ދަނޑިއަލުވި ފުށުގައި ފިހެގެން ދަތުރުމައްޗަށް ގެންދިޔަ ރޮއްޓެވެ. އެ ރޮށިތައް ހުސްވުމުން އެ ކުދިން ކެއީ، ޖަންގަލި ތެރެއިން ފެނުނު ގަސްގަހުގައި އަޅާފައި ހުރި އެކި އެއްޗެހީގެ ތެރެއިން، ކެއުމަށް ރަނގަޅު ކަމަށް އެ ކުދިންނަށް ފެނުނު ތަކެއްޗެވެ.

ސިފައިން ބުނި ގޮތުގައި، އެ ކުދިން ވަރުބަލިވުމުން އަރާމުކޮށްލަން މަޑުކުރުމަށް ނުވަތަ ރޭގަނޑުވުމުން ނިދައިލުމަށް، ޖަންގަލީގެ އެކި ސަރަހައްދުތަކުގައި، ރުކު ފަނުންނާއި ފަތްކޯޅި ފަދަ ތަކެތިން ޖިފުޓިކޮޅުކޮޅު ހަދާފައި ހުއްޓެވެ. ރޭގަނޑު ވުމުން އެ ތަންތަނުގައި ނިދުމަށް ފަހު، ހެނދުނު ހޭލެވުމުން އަނެއްކާވެސް، މީހުން އުޅޭ ސަރަހައްދެއް ފެނޭތޯ ޖަންގަލި ތެރޭގައި ހިނގަން ފަށަނީކަން، އެ ކުދިން ޖަންގަލި ތެރޭގައި ހަރަކާތްތެރިވެފައި ހުރި ގޮތް ބެލުމުން އެނގެ އެވެ.

ކޮލަމްބިއާ ސަރުކާރުން ބުނި ގޮތުގައި ސިފައިންނާއި އާންމުންގެ ބުރަ މަސައްކަތުން،40 ދުވަސް ފަހުން ނަމަވެސް އެ ހަތަރު ކުދިން ދިރި ތިއްބައި ޖަންގަލި ތެރެއިން ސަލާމަތްކުރެވުމަކީ، މުޅި ކޮލަމްބިއާ އަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.