Roadha Mihaaru
ދެން ޖަލު އަދަބަކުން ނުނިމޭނެ، ބަދަލު ވެސް ދޭންޖެހޭނެ

ދެން ޖަލު ހުކުމަކުން ނުނިމޭނެ، ބަދަލު ވެސް ދޭންޖެހޭނެ!

10 ނޮވެމްބަރ 2022

ޖިނާއީ ކުށްތަކުގެ ސަބަބުން މުޖްތަމައުއަށް ލިބޭ ގެއްލުންތަކުގެ އިތުރުން އަނިޔާލިބުނު މީހާއަށް ލިބޭ ގެއްލުންތައް ވަކި ކުޑައެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް ބަދަލު ހޯދުމަކީ ރާއްޖޭގެ ނިޒާމު އޮތްގޮތުން މިހާތަނަށް ފަސޭހަ ކަމެއް ނޫނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ ކުށްތަކުގެ ސަބަބުން މުޖްތަމައުއަށް ލިބޭ ގެއްލުންތަކުގެ އިތުރުން އަނިޔާލިބުނު މީހާއަށް ލިބޭ ގެއްލުންތައް ވަކި ކުޑައެއް ނޫނެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް ބަދަލު ހޯދުމަކީ ރާއްޖޭގެ ނިޒާމު އޮތްގޮތުން މިހާތަނަށް ފަސޭހަ ކަމެއް ނޫނެވެ.

ކުށްވެރިޔާ ޖަލަށްލިޔަސް، ދުވަސްކޮޅަކުން އަނެއްކާވެސް މުޖްތަމައުގެ ތެރެއަށް ދޫނުވާނެ ކަމުގެ ޔަގީން ކަމެއް ނޯވެ އެވެ. އަނިޔާ ލިބުނު މީހާ އުފުލަންޖެހޭ ތަކުލީފާއި ބުރަ ދެމިގެން ދަނީ މުޅި އުމުރަށެވެ. މިފަދަ ކަންކަމަށް ބަދަލު ނަގައިދިނުމުގެ އުސޫލެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ގާއިމްކުރީ ޖިންސީ ގޯނާގެ މައްސަލަތަކުގަ އެވެ.

ޖިންސީ ގޯނާ ސަބަބުން ލިބޭ ގެއްލުންތަކަށް މާލީ ބަދަލު ނަގައިދެވޭނެ އުސޫލެއް ދާދިފަހުން ވަނީ އެކުލަވާލައިފަ އެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެކުލަވާލި އެ ގަވާއިދު ދަށުން، އެފަދަ ކުށްތަކުގެ ސަބަބުން ލިބޭ ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކަށް ކުށްވެރިޔާގެ އަތުން ބަދަލު ލިބޭނެ އެވެ. މިއީ ޖިނާއީ ކުށެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމާ ބެހޭ މިންގަނޑެއް ރާއްޖޭގައި އެކުލަވާލި ފުރަތަމަ ފަހަރެވެ.

ބަދަލު ނަގައިދޭނެ މިންގަނޑު

އެ އުސޫލުގައިވާ ގޮތުން ޖިންސީ ކުށެއްގެ ސަބަބުން ލިބޭ ނަފްސާނީ ގެއްލުންތަކަށް ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއްގެ ނަގައިދެވިދާނެ އެވެ. އެހެން މީހުންނާއެކު އުޅެން އުނދަގޫވާ ފަދަ ނަފްސާނީ ބައްޔެއް ހަ ހަފުތާ އާއި 28 ހަފުތާއާ ދެމެދުގެ މުއްދަތަކަށް ތަހައްމަލުކޮށްފިނަމަ، 11،000ރ. ގެ ބަދަލެއް ލިބޭނެ އެވެ.

ދެ އަހަރަށް ވުރެ ގިނަ ނުވާނަމަ، 26،000ރ. ގެ ބަދަލެއް ލިބޭއިރު، ދެ އަހަރާއި ފަސް އަހަރާ ދެމެދު ނަމަ 68،000ރ. ގެ ބަދަލެއް ލިބޭނެ އެވެ. އަދި ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެނަމަ، 137،000ރ. އެވެ. އަދި ދާއިމީކޮށް އެފަދަ ކަމެއް ތަހަމައްލުކުރާ ނަމަ، 297،000ރ. ނަގައި ދެވޭނެ އެވެ.

- ވަގުތީ ގޮތުން ކުރިމަތިވާ ނަފްސާނީ ގެއްލުން - 11،000ރ. އާއި 68،000ރ. އާ ދެމެދު

- ދާއިމަށް ނުވަތަ ގިނަ ދުވަހަށް ކުރިމަތިވާ ނަފްސާނީ ގެއްލުން - 68،000ރ. އާއި 297،000ރ. އާ ދެމެދު

- ސިކުނޑިއަށް ލިބޭ ގެއްލުން - 16،500ރ. އާއި 1.9 މިލިއަނާ ދެމެދު

- ޖިސްމާނީ ގެއްލުން - އަނިޔާގެ ކުޑަބޮޑުމިނަށް ބަލައި، 5،000ރ. އާއި 2.7 މިލިއަނާ ދެމެދު

- ޖިންސީ ގުނަވަންތަކަށް ލިބޭ ގެއްލުން - 38،000ރ. އާއި 600،000ރ. އާ ދެމެދު

އެހެން ނަމަވެސް ނަފްސާނީ ގެއްލުމަށް ބަދަލު ނަގައިދޭއިރު، ނަފްސާނީ ގޮތުން ލިބޭ ގެއްލުންތަކުގެ ތެރޭގައި ވަގުތީ އެންޒައިޓީ ފަދަ ކަންކަން ނުހިމެނެ އެވެ. އަދި ދެން ހުރި ގެއްލުންތައް ވެސް ޑޮކްޓަރަކު ޑައިގްނޯސްކޮށް، ސާބިތުކޮށްދޭން ޖެހެ އެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް --- ފޮޓޯ/މިހާރު

ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އެއްވުމެއް --- ފޮޓޯ/މިހާރު

އެންމެ ބޮޑު ބަދަލެއް ނަގައިދޭ އެއް ކަމަކީ ސިކުނޑިއަށް ލިބޭ ކުރިމަތިވާ ގެއްލުމެއް ސަބަބުން ލިބޭ ބޮޑެތި ގެއްލުންތަކެވެ. މިފަދަ ކަންކަމަށް 16،500ރ. އާއި 1.9 މިލިއަނާ ދެމެދުގެ ބަދަލެއް ލިބޭނެ އެވެ. އަދި ފިޓު ޖެހުން ފަދަ ކަންކަމަށް 68،000ރ. އާއި 484،000ރ. އާ ހަމައަށް ބަދަލު ނަގައިދޭނެ އެވެ.

ޖިންސީ ގުނަވަނަކަށް އަނިޔާ ލިބިއްޖެނަމަ، 38،000ރ. އާއި 121،000ރ. އާ ދެމެދުގެ އަދަދެއް ނަގައިދޭނެ އެވެ. ދަރިން ނުލިބޭ މިންވަރަށް އަނިޔާކޮށްފިނަމަ، 605،000ރ. ގެ ބަދަލެއް ލިބޭނެ އެވެ.

އަތާއި ފައިގެ ހަރަކާތް ނުކުރެވޭ މިންވަރަށް ދާއިމީކޮށް ޕެރަލައިޒްވެއްޖެނަމަ، 2.7 މިލިއަން ރުފިޔާގެ ބަދަލެއް ލިބޭނެ އެވެ. އުނަގަނޑުން ދަށުގައި ހަރަކާތް ކުރުމުގެ ހިއްސު ކެނޑިއްޖެނަމަ، 1.9 މިލިއަނާ ހަމައަށް ބަދަލު ނަގައިދެވޭނެ އެވެ. މިއީ ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި ނަގައިދެވޭ މިންވަރަށް ވުރެ ބޮޑު އަދަދެކެވެ.

މީގެ އިތުރުން ޖިންސީ އަނިޔާ ކުރުމުގެ ތެރޭގައި ލިބޭ އެންމެ ކުދިކުދި އަނިޔާތަކަށް އެ އުސޫލުގެ ދަށުން ބަދަލު ލިބޭނެ އެވެ. އެގޮތުން، އިނގިއްޔަށް ލިބޭ އަނިޔާ އާއި އަތްބިންދައިގެން ދިއުމާއި ހުޅު ނެއްޓުން ފަދަ ކަންކަމަކީ ވެސް މިހާރު ބަދަލު ދޭން ނުޖެހި ސަލާމަތް ނުވެވޭނެ ކަންކަމެވެ.

ކުށް ސާބިތުނުވިޔަސް، ބަދަލު ދޭން ޖެހިދާނެ

ޖިންސީ ގޯނާ ކުރާ މީހުންނަށް ކުށް ސާބިތުވާ ރޭޓް ރާއްޖޭގައި ކިތަންމެ މައްޗަށް، މިފަދަ މައްސަލަތައް ނިމެން އެތައް އަހަރެއް ފަހަރު ނަގަ އެވެ. އިސްތިއުނާފް މަރުހަލާތައް ނިމެންދެން ވެސް ބައެއް ފަހަރު މަޑުކުރަންޖެހެ އެވެ. އެހެން ނަމަވެސް، ގަވާއިދު އޮތްގޮތުން އެއީ ބަދަލު ނަގައިދިނުމަށް އޮތް ހުރަހެއް ނޫނެވެ.

އެ ގަވާއިދު އޮތްގޮތުން ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޖިނާއީ ކުށް ސާބިތުނުވިޔަސް، އޭނާ އަތުން އަނިޔާލިބުނު މީހާއަށް ބަދަލު ނަގައި ދެވިދާނެ އެވެ. އަދި ބަދަލު ނަގައި ދިނުމުގައި ބަލާ މިންގަނޑަކީ ބެލެންސް އޮފް ޕްރޮބެބިލިޓީސް (ބޮޑަށް ބުރަވެވޭ މިންގަނޑު) އެވެ.

އެހެން ނަމަވެސް މިގޮތަށް ބަދަލު ހޯދަން ދައުވާ ކުރެވޭނީ ޖިނާއީ ކުށުގެ ދައުވާ އުފުލުމުންނެވެ. އަދި ޖިނާއީ ކުށުގެ ދައުވާކުރަން ވަކި މުއްދަތެއް އޮތަސް، ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ. އެހެންވެ، ކިތަންމެ އަހަރެއް ވޭތުވެފައި ވިޔަސް، ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.

ކުށްކުރާ މީހުން ގާނޫނީ އަދަބުން ސަލާމަތްވެވުނަސް، އެ ކުށުގެ ސަބަބުން އަނިޔާ ލިބޭ މީހާއަށް މާލީ ބަދަލު ލިބުމަކީ ދިގު މުއްދަތަކަށް އޭގެ ގެއްލުން ތަހައްމަލުކުރާ މީހުންނަށް އޮތް ހިތްހަމަޖެހުމެވެ. ދެން ހުރި ޖިނާއީ ކުށްތަކަށް ވެސް މިފަދަ އުސޫލެއް އޮތުން މުހިންމެވެ.