Roadha Mihaaru
ހަނިމާދޫ ކައުންސިލްގެ ރައީސްގެ މައްސަލަ ޕީޖީއަށް

ހަނިމާދޫ ކައުންސިލްގެ ރައީސަށް ކޮރަޕްޝަންގެ ދައުވާ ކޮށްދޭން އެދިއްޖެ

08 ނޮވެމްބަރ 2022

ހދ. ހަނިމާދޫން އުސޫލުތަކާ ހިލާފަށް ބިން ދޫކުރި މައްސަލާގައި އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ހަނިމާދޫން އުސޫލުތަކާ ހިލާފަށް ބިން ދޫކުރި މައްސަލާގައި އެ ރަށު ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވީ، ހަނިމާދޫގައި ހޮޓާ ހިންގުމާއި ވިޔަފާރިކޮށް، ތެލުގެ މަސައްކަތަށް ބަނދަރު ސަރަހައްދުން އަމިއްލަ މީހަކަށް ބިން ކުއްޔަށް ދިން މައްސަލައެއްގަ އެވެ.

އެ ބިން ކުއްޔަށް ދޫކުރީ އިއުލާން ކޮށްގެން ކަމަށް ވިޔަސް، އިއުލާން ކުރުމެއް ނެތި އިތުރު 128 އަކަފޫޓުގެ ބިމެއް، ސައްތާރުގެ އާއިލާއާ ގުޅުން އޮންނަ އެ މީހާ އަށް ކުއްޔަށް ދޫކުރި ކަމަށް އޭސީސީން ބުންޏެވެ. އެ މުއާމަލާތް ހިންގިއިރު ސައްތާރު ހުންނެވީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

އެހެންވެ، 2016 ވަނަ އަހަރު ހިންގި އެ މުއާމަލާތާ ގުޅިގެން ސައްތާރާއި އޭރުގެ ރައީސް މުހައްމަދު ރާޒީ އަދި އާއްމު މެމްބަރެއްގެ ގޮތުގައި ހުންނެވި ހަސަން ޖައުފަރުގެ މައްޗަށް ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، އެ ބިން ކުއްޔަށް ދިނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި ލޯކަލް ކައުންސިލްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދާ ވެސް ހިލާފަށެވެ.

"ފަނަރަ އަހަރުގެ މުއްދަތަށް އެ ފަރާތަށް ބިން ލިބޭ ގޮތަށް ކުއްޔަށް ދީފައި ވަނީ ހުއްދަ ހޯދުމެއް ނެތި ކަމަށް ވާތީ، އެކަން އެގޮތަށް ކޮށްފައި ވަނީ ވަކި މީހަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމަށްކަން އެނގޭ،" އޭސީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ ބިން ކުއްޔަށްދޫކޮށްފައިވާ ފަރާތާއެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ކުލީގެ ގޮތުގައި ލިބެންޖެހޭ 30,240ރ އާއި ބިމު ކުލި ނުދައްކާ ލަސްވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 5،927ރ އާއެކު ޖުމްލަ 36,167.04ރ ހޯދުމަށް ހަނިމާދޫ ކައުންސިލް އިދާރާ އަށް އަންގާފައިވާ ކަމަށެވެ.