Roadha Mihaaru
މިފަހަރު ރައީސަށް ތާއީދު ކުރެވޭކަށް ނެތް: ނަޝީދު

މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެވޭކަށް ނެތް: ނަޝީދު

08 ނޮވެމްބަރ 2022

އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީން 2023ގެ އިންތިހާބަށް ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި، މިފަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުނުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެވަނަ ދައުރަކަށް ތާއީދު ނުކުރައްވާނެކަން ސާފުކޮށް ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ގާތުގަ އެވެ.

"މިފަހަރު ރައީސް ސޯލިހަށް ތާއީދުކުރެވޭކަށް ނެތް،" ގައުމީ މަޖިލީހުގެ ވަޓްސްއެޕްގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޝައުގުވެރިކަން ނެތް ކަމަށާއި ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަން ހާމަކުރައްވާފައި އޮތުމުން ރައްދު ދެއްވަ އެވެ. އޭގެ އިތުރަށް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިއުލާންކުރައްވައިފަ އެވެ. އޭގެކުރިން ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދެވި ނަމަވެސް މި ފަހުން ސާފުކޮށް އެމަނިކުފާނު ނިންމަވާނެ ގޮތެއް އިއުލާން ނުކުރައްވަ އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބޭއްވި މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެމްޑީޕީގެ ކޮންގްރެސްގައި ބޭއްވި މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައްޑުއަށް ނަޝީދު ކުރެއްވި ދަތުރުފުޅުގައި، ރައްޔިތުންނާ ބައްދަލުކުރެއްވުމުން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނަންތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ރާއްޖޭގެ ރައީސްކަން ކުރައްވައިގެން އަނެއްކާވެސް ލިބޭނީ "ބޮނޑިއެއް" ކަމަށާއި އެ މަނިކުފާނު އަދިވެސް ބޭނުންފުޅުވަނީ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ކާމިޔާބު ކުރައްވަން ކަމަށެވެ.

ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގަރާރެއް އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ. އެކަމަކު މެމްބަރުންގެ ތާއީދު ނުލިބުމުން އެ ގަރާރު ކޮންގްރެސްގައި މަޝްވަރާއަށް ހުށަނާޅުއްވަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، ގަރާރު ހުށަނޭޅުއްވީ އިތުރަށް ވާހަކަ ދައްކައި މަޝްވަރާ އިން ހައްލެއް ހޯދަން އެއްބަސްވެވުމުންނެވެ. އެކަމަކު އެ މަޝްވަރާ ހިނގި ކަމެއް ޕާޓީން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

ރައީސަށް ތާއީދު ނެތް ކަމަށް ނަޝީދު ވިދާޅުވިއިރު މި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު ދެއްވައި ރައީސް ބޭއްވެވި ބައްދަލުވުމަށް ވެސް ވަޑައިނުގަތުމަށް ނިންމަވައި ވިދާޅުވީ އެއްވެސް މަޝްވަރާއެއް، ބައްދަލުވުމެއް ބާއްވަވަން ބޭނުން ނުވާ ކަމަށެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމަނިކުފާނާ ވާހަކަ ދައްކަވައި ކަންކަން ކުރިއަށް ގެންދަވަން ބޭނުން ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ނަޝީދުއާ ދެމެދު ގުޅުން ގޯސްވީ ވެސް ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޖާގަ ދެއްވަން އެދިވަޑައިގަތް ހިސާބުންނެވެ. އެކަމަކު މިއީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ.