Roadha Mihaaru
އިމުގެ މައްސަލަ ސަރުކާރުން ހިއްސާއެއް ނުކުރޭ: މަޖިލިސް

އިމުގެ މައްސަލައިގެ މައުލޫމާތު ސަރުކާރަކުން ނުފޮނުވާ: މަޖިލިސް

09 ނޮވެމްބަރ 2022

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން މިއަދު ދޮގު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ވިދާޅުވި ވާހަކަ ރައްޔިތުންގެ މަޖިލީހުން މިއަދު ދޮގު ކޮށްފި އެވެ.

އިމުގެ މައްސަލައިގެ އެއްވެސް ކަމެއް މަޖިލީހަށް ނާންގާ ކަމުގެ ކަންބޮޑުވުން ބައެއް މެމްބަރުން ފާޅުކޮށްފައި ވަނިކޮށް، ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިފްއަތު ވިދާޅުވީ ފެބްރުއަރީ 17، 2022 ގައި އެ މައްސަލައިގެ މައުލޫމާތު ކަރުދާސްތައް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

"[މަޖިލީހަށް ފޮނުވި] ސިޓީއާ އެކީ ހުށަހަޅާފައި ވާނެ މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ އާއި މޮރިޝަސްގެ ފަރާތުން ދީފައި އޮތް ޖަވާބާއި ރާއްޖެއިން ދީފައިވާ ޖަވާބާއި ކަމާ ގުޅޭ ގޮތުން. ހުށަހެޅިފައި ހުރި ޗާޓުތަކުގެ ކޮޕީ އާއި އެ ބާވަތުގެ ލިޔެކިޔުންތައް،" ރިއްފަތު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުވި ސޓީ އާއި އދ. ގެ ޖެނަރަލް އެސެމްބްލީގައި ރާއްޖެއިން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާ ކަން މަޖިލީހަށް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

އައިސީޖޭ އިން ނިންމި ނިންމުން ތަންފީޒުކޮށް، ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާ ގަރާރަށް ރާއްޖެއިން ތާއީދުކޮށް ވޯޓުލާން ނިންމާފައިވާ ކަމެއް ވެސް މަޖިލީހަށް ހިއްސާ ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެ އެވެ.

މަޖިލީހުން ބުނީ މޮރިޝަސްގެ އިމުގެ މައްސަލަ އަކީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުން ހުރި ކަމަކަށް ވާތީ އެކަން ބަޔާންކޮށް އަމިއްލަ ފަރާތަކުން މަޖިލީހަށް ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށް އެޓާނީ ޖެނަރަލާއި އޭޖީ އޮފީހުގެ ކަމާ ގުޅުން ހުރި ބޭފުޅުން ބައްދަލު ކުރައްވަން އެ އޮފީހަށް ދެ ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޖަވާބުގައި ޓްރައިބިއުނަލް އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނައި ދެ ސިޓީއެއް އޭޖީން މަޖިލީހަށް ފޮނުވި ކަމަށް މަޖިލީހުން ބުންޏެވެ. ނަމަވެސް އަޑު އެހުންތައް ބޭއްވުމާ ހަމައަށް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަން ޖެހޭ ކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް މަޖިލީހަށް ހިއްސާ ނުކުރާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މަޖިލީހަށް ހުށަހަޅަން ޖެހޭ ކަންކަމާއި ރުހުން ހޯދަން ޖެހޭ ކަންކަމުގެ އިޖުރާއަތްތައް އޮންނަ ގޮތް އޮޅޭ ގޮތަށް މަސްއޫލުވާ ފަރާތްތަކުން މައުލޫމާތު ނުފެތުރުމަށް ވެސް މަޖިލީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.