ޗާގޯސްގެ މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ރިޔާސަތުން ކުރިއަށް ގެންދިޔަ ގޮތާ މެދު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ގިނަ ޝަކުވާތަކެއް ބަންޑުންކޮށްލައިފި އެވެ.
05 ޖޫން 2023
ޗާގޯސްގެ މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މިއަދުގެ ޖަލްސާގައި ރިޔާސަތުން ކުރިއަށް ގެންދިޔަ ގޮތާ މެދު، މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ގިނަ ޝަކުވާތަކެއް ބަންޑުންކޮށްލައިފި އެވެ.
ރިފްއަތުގެ މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާކުރި ނަމަވެސް، މަޖިލީހަށް ހާޒިރުވެވަޑައިނުގަނެ، ލިޔުމުން އެކަނި ދިފާއު ފޮނުއްވާފައި ވާތީ އުފެދުނު ގާނޫނީ ސުވާލުގެ ތެރޭގައި އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ފަހުން މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީވުމުގެ ފުރުސަތަކަށް އޭޖީ އެދިވަޑައިގެންނެވުމުން، މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި އެވެ.
އެކަމަކު އިދިކޮޅު މެމްބަރުން އަމިއްލަ އަށް އެ މައްސަލަ އަށް ހުރަސްއަޅުއްވައި، މަޖިލީހުގެ ނިޒާމު ގެއްލުވާލަން ތަކުރާރުކޮށް މިއަދު ވަނީ މަސައްކަތްކުރައްވައިފަ އެވެ.
އެއާއެކު އެ މައްސަލައިގެ ބަހުސް ވަކި ހިސާބަތަކަށް ގެންދިއުމަށް ފަހު، މެންދުރުގެ ކެއުމަށްފަހު، ނިޒާމު ގެއްލުނު ކަމަށް ބުނެ މިއަދުގެ ޖަލްސާ ވަނީ ނިންމާލައިފަ އެވެ.
އެކަމާ ގުޅިގެން، އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފަރާތުން އެ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ރިޔާސަތުންނާއި އިދިކޮޅު ފަރާތްތަކުން އަމަލުކުރި ގޮތާމެދު އިންތިހާ އަށް ކަންބޮޑުވުން ހުރި ކަމަށެވެ.
އޭނާ ވިދާޅުވީ ވަޒީރެއްގެ އިތުބާރުނެތް ކަމުގެ މައްސަލާގައި ދިފާއުވުމުގެ ހައްގު އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާ ކަމަށެވެ. އެކަމަކު މިދިޔަ ހަފްތާގެ ޖަލްސާ އަށް ލިޔުމުން ދިފާއު ފޮނުއްވުމުން، އެކަން ރިޔާސަތުން އަމިއްލަ އަށް ބަލައިނުގަނެ، ޖަލްސާ ކުރިއަށް ނުގެންދެވީ ކަމަށް ވިދާޅުވި އެވެ.
އަދި ދިފާއުވާން އޭޖީ މަޖިލީހަށް ވަޑައިގެންނެވުމުން ވެސް އެކަން މައްސަލައެއްގެ ގޮތުގައި ނަގައިގެން އިދިކޮޅު މެމްބަރުން ޖަލްސާއަށް ހުރަސްއަޅަމުން ގެންދިޔައިރު، ރިޔާސަތުން އެކަމަށް ފުރުސަތު ދެއްވި ކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވި އެވެ.
މިގޮތުން، އިދިކޮޅު ބައެއް މެމްބަރުން ކޮޅަށް ތެދުވެވަޑައިގެން، ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖުކޮށް އަޑުގަދަކުރައްވަމުން ގެންދެވިއިރު ވެސް، އެކަން ހުއްޓުވުމަށް ވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ޝަފީގު ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މީޑިއާ ކޯޑިނޭޓަރު އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -ފޮޓޯ: މަޖިލީހުގެ އިދާރާ
"އަޅުގަނޑުމެންނަށް ފެނުނީ ރިޔާސަތާ އިދިކޮޅު ފަރާތްތަކާ ވަރަށް ބޮޑަށް ގުޅިގެން މިކަން ގެންދެވުނުތަން. އެ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައިގެން ފާޅުކުރައްވަމުން ގެންދެވި އަމިއްލަ ހިޔާލުތަކަށް ވެސް ފުރުސަތު ދެއްވަމުން ގެންދެވީ،" ނިޒާމީ ނުކުތާ ނެގޭނެ އުސޫލުތައް މަޖިލީހުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ވަޒީރުންގެ އިތުބާރުނެތް ކަމުގެ މައްސަލަތަކުގައި ޒަމާނުއްސުރެ އަމަލުކުރަމުން އައިސްފައިވާ ގޮތާއި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، މިއަދުގެ މައްސަލަ، ސުވާލާއި ޖަވާބުގެ ސެޝަނަކަށް ބަދަލުވެގެން ދިޔަ ކަމަށް ވެސް މުހަންމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
އަދި ދިފާއުވުމުގެ ފުރިހަމަ ހައްގު ވަޒީރުންނަށް ގާނޫނު އަސާސީން ލިބިދީފައިވާއިރު، ރިފްއަތު އަރިހުގައި ވަޑައިގެންނެވި އޭޖީ އޮފީހުގެ ޓީމަށް ފުރުސަތު ނުދީ، އަންހެން މުވައްޒަފުންނަށް ފުރައްސާރަކުރި މައްސަލަ ވެސް އޭނާ ކުށްވެރިކުރެއްވި އެވެ.
ޖަލްސާގެ ފަހު ދަންފަޅީގައި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއާ ހަވާލުކުރެއްވުމުން، ނިޒާމު ގެއްލުނުކަމަށް ކަނޑައަޅައި، ޖަލްސާ ނިންމާލުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ.
"މިފަދަ ބޮޑު މައްސަލައެއްގައި ގޮތެއް ނުނިމި ޖަލްސާ އިތުރު ދުވަހަކަށް ލަސްވެގެން ދިޔުމަކީ އަޅުގަނޑުމެން ކުރަންހުރި އިތުރު މަސައްކަތްތަކަށް ވެސް އެޅުނު ހުރަހެއް،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ރިޔާސާތާ މެދު އެމްޑީޕީ ޕީޖީ ގުރޫޕުގެ ޝަކުވާތައް އިތުރުވަމުން އަންނައިރު، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކި ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުހަންމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ހިތްހަމަނުޖެހޭ ކޮންމެ ފަހަރަކު، އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދާ މެދު އެފަދަ ބޮޑު ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.
"އެކަމަކު ޕީޖީ ލީޑަރުގެ ފަރާތުން އަޅުގަނޑަށް އެނގިފައިއޮތީ އެކަމާ ވަރަށް ފުންކޮށް ވިސްނަމުންދާ ކަން. އެކަމަކު އަދި ވަގުތު ނުޖެހޭތީ އެކަން ނުކޮށް އެ އޮތީ،" ޝަފީގު ވިދާޅުވި އެވެ.
"މުގާބޭ" އަށް ގޮވައި، ޖަލްސާ ހުއްޓުވައިފި
އޭޖީގެ މައްސަލަ "ގެއްލިއްޖެ" ކަންބޮޑުވުމެއް ނެތް!
އޭޖީގެ ލަފާ: ނަޝީދު ވަކިކުރާ ގަރާރު ބޭރުކުރީ ގޯސްކޮށް
ޗާގޯސް މައްސަލާގައި ރައީސް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި
"ޑިމޮކްރެޓިކް ގޮތަކީ ނަޝީދާއި އީވާ އިސްތިއުފާދެއްވުން"
ނަޝީދު ވަކިކުރާ ގަރާރު މާދަމާއަށް ވެސް އެޖެންޑާކޮށްފި
ނައިބު ރައީސްކަމުން އީވާ ވަކިކުރަން ސޮއި ހަމަކޮށްފި
ނިޒާމީ ނުކުތާ ނަގައި ނަޝީދުގެ ގަރާރަށް ހުރަސްއަޅަނީ
ހުވާ ކުރަންދެން ގަރާރަށް ހުރަސްއަޅާނެ ކަމުގެ ތުހުމަތު
ހުކުމާއެކު ނަޝީދުގެ ގަރާރު އާދީއްތައަށް އެޖެންޑާކޮށްފި