Roadha Mihaaru
އަފްޣާނުން މަރުވި ކުދިންނަށް އިނގިރޭސިން ބަދަލު ދީފި

އަފްޣާނުން މަރުވި ކުދިންނަށް އިނގިރޭސިން ބަދަލު ދީފި

09 ނޮވެމްބަރ 2022

އިނގިރޭސި ވިލާތުގެ ސިފައިން އަފްޣާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި މަރުވި އާންމުންގެ ތެރެއިން އަފްޣާނުގެ 64 ކުޑަކުއްޖެއްގެ މަރުގެ ބަދަލު، އިނގިރޭސި ވިލާތުން ދީފި އެވެ.

އިނގިރޭސި ވިލާތުގެ ސިފައިން އަފްޣާނިސްތާނުގައި ހިންގި އަސްކަރީ ހަރަކާތްތަކުގައި މަރުވި އާންމުންގެ ތެރެއިން އަފްޣާނުގެ 64 ކުޑަކުއްޖެއްގެ މަރުގެ ބަދަލު، އިނގިރޭސި ވިލާތުން ދީފި އެވެ.

މި ފަހަރު ބަދަލު ދީފައި ވަނީ، އިނގިރޭސި ސިފައިންގެ ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ އަދަދު ކަމަށް މީގެ ކުރިން އިނގިރޭސި ވިލާތުން ބުނެފައިވާ އަދަދަށް ވުރެ މާ ގިނައިންނެވެ. ޖުމުލަ 20 އަހަރަށް ފަހު އަފްޣާނިސްތާނުން އިނގިރޭސި ސިފައިން ފައިބައިގެން ދިޔައިރު ވެސް އިއުތިރާފްވެފައިވަނީ، އިނގިރޭސި ސިފައިންގެ ހަމަލާތަކުގައި މަރުވީ އަފްޣާނިސްތާނުގެ އެންމެ 16 ކުދިން ކަމަށެވެ.

ނަމަވެސް އެ އަދަދު މަތިކަން އާންމުކުރުމުގެ ކުރިން، އިނގިރޭސި ސަރުކާރުން މިހާރުވަނީ 64 ކުދިންގެ މަރުގެ ބަދަލަށްވާ ފައިސާ އަފްޣާނިސްތާނަށް ދީފަ އެވެ. އިނގިރޭސި ވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފައިވާ ގޮތުގައި، އިނގިރޭސި ސަރުކާރުން ބަދަލު ދިނީ، 2006 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު އިނގިރޭސި ސިފައިންގެ ހަމަލާތަކުގައި މަރުވި ކުދިންނަށެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެ 64 ކުދިންގެ ތެރެއިން ގިނަ ކުދިން މަރުވެފައިވަނީ، ތާލިބާނުންނާ ދެކޮޅަށް އިނގިރޭސި ސިފައިން ވައިގެ މަގުން ދިން ހަމަލާތަކުގަ އެވެ. އަދި ތާލިބާނުންނާއި އިނގިރޭސި ސިފައިންނާ ދެމެދު ބަދަލުކުރި ހަމަލާތަކުގައި ވެސް ބައެއް ކުދިން މަރުވި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެއީ، ރަސްމީ ހިސާބުތަކުން ދައްކާ އަދަދު ކަމަށް ވިޔަސް، މަރުވި ކުޑަކުދިންގެ އަދަދު އެ އަށް ވުރެ އިތުރުވާނެ ކަމަށް އެ ޖަމިއްޔާ އިން ދެކެ އެވެ. ސަބަބަކީ، ހަމަލާތަކުގައި މަރުވި އަފްޣާންގެ އާންމުންނާ ބެހޭ ފުރިހަމަ މައުލޫމާތު އިނގިރޭސި ދިފާއީ ވުޒާރާ އިން ވެސް ބަލަހައްޓާފައި ނެތުމާއި ރެޑް ކްރެސެންޓްގެ ފަރާތުން ވެސް އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ބަލަހައްޓާފައި ނެތުމެވެ.

އިނގިރޭސި ވިލާތުން މި ފަހަރު ބަދަލު ދިން ކުދިންގެ ތެރޭގައި އެއް އާއިލާއެއްގެ އަށް ކުދިން ހިމެނެ އެވެ. އެއީ 2009 ވަނަ އަހަރު ތާލިބާނުންގެ ބަޔަކާ ދެކޮޅަށް އިނގިރޭސި ސިފައިން ދިން ހަމަލާއެއްގައި މަރުވި ކުދިންތަކެކެވެ.

އެމެރިކާ އާއި އިނގިރޭސީންގެ ހަމަލާތަކުގައި މަރުވާ ކަމަށް އަފްގާނު ސަރުކާރުން ބުނާ އަދަދުތައް އެމެރިކާ އާއި އިނގިރޭސި ވިލާތުން ގަބޫލެއް ނުކުރެ އެވެ. އެފަދަ ހަމަލާތަކުގައި މަރުވި ކަމަށް އަފްގާނިސްތާނު ސަރުކާރުން ބުނި އަދަދުގެ ދެބައިކުޅަ އެއްބައި ވެސް އެމެރިކާ އާއި އިނގިރޭސީން ގަބޫލެއް ނުކުރެ އެވެ.