Roadha Mihaaru
ހިތަދޫގެ ވަރަށް ގިނަ ތަންތަނުގައި "އިންޑިއާ އައުޓް"

ހިތަދޫގެ ވަރަށް ގިނަ ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައިފި

11 ނޮވެމްބަރ 2022

ސ. ހިތަދޫގައި ހުންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ ގެއާއި ސިޓީ ކައުންސިލް އިދާރާގެ ބޭރު ފާރުގައި އަދިވެސް ވަރަށް ގިނަ ތަންތަނުގައި މިއަދު ބަޔަކު "އިންޑިއާ އައުޓް" ޖަހައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސ. ހިތަދޫގައި ހުންނަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި އައްޑޫ މޭޔަރު އަލީ ނިޒާރުގެ ގެއާއި ސިޓީ ކައުންސިލް އިދާރާގެ ބޭރު ފާރުގައި އަދިވެސް ވަރަށް ގިނަ ތަންތަނުގައި މިއަދު ބަޔަކު "އިންޑިއާ އައުޓް" ޖަހައިފި އެވެ.

ކަޅުކުލައިގެ ސްޕްރޭ ބޭނުންކޮށްގެން އެ ތަންތަނުގެ ފާރުގައި ވަނީ "އިންޑިއާ އައުޓް" ލިޔެފަ އެވެ.

މޭޔަރު އަލީ ނިޒާރު "މިހާރު" އަށް ވިދާޅުވިގޮތުގައި، ބަޔަކު އެކަން ކޮށްފައި ވަނީ ރޭ ދަންވަރު ކަމަށް ބެލެވެ އެވެ. އެ މައްސަލަ ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ވަނީ ޖަހައިފައި. އައްޑޫގެ އެހެން ބައެއް ތަންތަނުގައި ވެސް އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުގެ އޮފީހުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ކައުންސިލުގެ އޮފީހުގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް

"އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ފަށާފައިވާ ހަރަކާތެކެވެ. ނަމަވެސް އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހާއްސަ ގަރާރެއް ނެރުއްވައިފަ އެވެ.

އޭގެ ފަހުން އެ ހަރަކާތް އޮތީ ވެސް ވަރަށް ބޮޑަށް މަޑުޖެހިލައިފަ އެވެ.

އައްޑޫގެ އެކި ތަންތަނުގައި "އިންޑިއާ އައުޓް" ޖަހާފައިވާއިރު، ޔާމީން މިފަހުން އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ހިތަދޫގައި ބޭއްވި ޖަލްސާއެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ މޭމަތީގައި ނުވަތަ ގެކޮޅުގައި "އިންޑިއާ އައުޓް" ޖަހައިގެން ނުކުތުމުން ވެސް އެކަން މަނާކޮށްފާނެ ކަމަށާއި ނަމަވެސް އެއް ފަހަރާ އައްޑޫގެ ހުރިހާ ގެއެއްގައި އިންޑިއާ އައުޓް ޖަހައިފި ނަމަ ފުލުހުން އުޅޭނީ ވަރަށް ހާލުގައި ކަމަށެވެ.

ހިތަދޫ ގެއެއްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް

ހިތަދޫ ގެއެއްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް

އެ ދުވަހު ޔާމީން ވިދާޅުވީ އެކަން ކޮށްފި ނަމަ، އައްޑޫގެ މީހުންގެ ވޯޓު ހޯދަން މި ސަރުކާރުގެ ބޭފުޅުން އައްޑު އަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

ޔާމީން އައްޑު އަށް ކުރެއްވި ދަތުރުފުޅު ނިންމާލައި މާލެ ވަޑައިގަތީ އިއްޔެ އެވެ.

މީގެ ކުރިން އެހެން ބައެއް ރަށްރަށުގެ އެކި ތަންތަނުގައި ވެސް "އިންޑިއާ އައުޓް" ޖަހައިގެން ފުލުހުން އެ މައްސަލަތައް ބަލާފައިވެ އެވެ.