Roadha Mihaaru
މަރުވި އަންހެނެއްގެ އާއިލާއިން ހިތްދަތި ވާހަކަތަކެއް

އަލިފާނުގައި މަރުވި ނިކަމެތި އަންހެނެއްގެ އާއިލާއިން ހިތްދަތި ވާހަކަތަކެއް

15 ނޮވެމްބަރ 2022

މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލާދޭޝްގެ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އާސިއާ ބޭގަމް އެވެ. އޭނާގެ ދޮށީ އަންހެން ދަރިފުޅު ނޫރް ނަހަރް ބަންގްލާދޭޝްގެ ނޫސްތަކުން ކިޔައީދީފައިވާ ގޮތުގައި މަންމަ ދިވެހިރާއްޖެއަށް ދިޔައީ ބައްޕަ ކުއްލިއަކަށް ބަލިވެ އާއިލާ ހާލުގައި ޖެހުމުން އެހެން ގޮތެއް ނެތިގެންނެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މ. ނިރުފެހި ގޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ބަންގްލާދޭޝްގެ މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އާސިއާ ބޭގަމް އެވެ. އޭނާގެ ދޮށީ އަންހެން ދަރިފުޅު ނޫރް ނަހަރް ބަންގްލާދޭޝްގެ ނޫސްތަކުން ކިޔައީދީފައިވާ ގޮތުގައި މަންމަ ދިވެހިރާއްޖެއަށް ދިޔައީ ބައްޕަ ކުއްލިއަކަށް ބަލިވެ އާއިލާ ހާލުގައި ޖެހުމުން އެހެން ގޮތެއް ނެތިގެންނެވެ.

ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި މަރުވި 10 މީހުންގެ ތެރޭގައި ހިމެނޭ ބަންގްލާދޭޝް ދެ މީހުންނަކީ އާސިއާ ބޭގަމް އާއި އުއްޒަލް ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

މި މީހުންގެ ތެރެއިން އާސިއާގެ ދޮށީ އަންހެން ދަރިފުޅު ނޫރް ކިޔައިދީފައިވާ ގޮތުގައި އާސިއާ ރާއްޖެ އައީ 2010 ވަނަ އަހަރު އެވެ.

"މަންމަ 2010 ވަނަ އަހަރު ރާއްޖެއަށް ދިޔައީ ބައްޕަ ބަލިވުމުން އަހަރެމެން އެންމެން ބަލަހައްޓަން ޖެހުމުން. ދިވެހިރާއްޖޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަންމަގެ ހުރިހާ ހުވަފެނެއް ވެސް އެ ދިޔައީ އަޅިއަށް ވެގެން،" ނޫރް ބުނެފައިވެ އެވެ.

"ދުވަހަކު ވެސް ހިއެއް ނުކުރަން މަންމަގެ ނިމުން އަންނާނީ މިކަހަލަ ގޮތަކަށް ކަމެއް. މަންމަގެ ހުވަފެންތައް ވެސް ހަގީގަތަކަށް ނުވި."

ނޫހުގައި ބުނެފައިވާ ގޮތުގައި އާސިއާ ވަރަށް ޒުވާން އުމުރުގައި، އިސްމާއިލް ހުސައިން ނަމަކަށް ކިޔާ މީހަކާ ކައިވެނިކުރި އެވެ. ދުވަހު މަސައްކަތްކުރާ އިސްމާއިލް ކުއްލިއަކަށް ބަލިވި އިރު ފިރިހެން ދެ ދަރިންނާއި އަންހެން ދެ ދަރިން ލިބިފައިވާ ކަމަށް ބަންގްލާ ޓްރިބިއުންގައި ވަނީ ބުނެފަ އެވެ. ފިރިމީހާ ބަލިވުމުން ދުވަހު މަސައްކަތްކޮށްގެން އާމްދަނީ ހޯދަން ނުކުންނަށް އާސިއާ އަށް މަޖުބޫރުވީ އެވެ.

ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ހުލިވެފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތް ހުލިވެފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެއަށް ދާން އާސިއާ ނިންމީ ފަސް މީހުންގެ އާއިލާއެއް ބަލަހައްޓާނެ އާމްދަނީ އަމިއްލަ ވަޒަނުގައި ކުރާ މަސައްކަތުން ނުލިބޭތީ އެވެ. ރާއްޖެއަށް މަސައްކަތު ބަންގްލާދޭޝްގެ ގިނަ މީހުން ގޮތަށް، އާސިއާ ވެސް ރާއްޖޭން ވަޒީފާ ހޯދުމަށް ފެށި ދަތުރަށް ލޯނެއް ނެގި އެވެ. އާއިލާއާ ހަވާލާދީ ބަންގްލާދޭޝްގެ ނޫސްތަކުން ބުނެފައިވަނީ އާސިއާ ރާއްޖެއަށް އަންނަން 120،000 ޓާކާގެ ލޯނެއް ނެގި ކަމަށެވެ. ދިވެހި ރުފިޔާއިން ނަމަ މިއީ 18،000ރ. އެވެ. މިއީ ބަންގްލާދޭޝްގެ ފަގީރު އާއިލާއަކަށް ވަރަށް ބޮޑު އަދަދެކެވެ.

އަހެރެން ބޭނުން މަންމަގެ ހަށިގަނޑު ގެންނަން. އެންމެ ފަހު ފަހަރަށް މަންމަގެ މޫނު ދެކެލަން ބޭނުން

ބޮލުގައި އެޅުނު ދަރަންޏާ އެކު ރާއްޖޭގައި އާސިއާ މަސައްކަތް ފެށީ "މެއިޑް" އެއްގެ ގޮތުގަ އެވެ. އެކަމަކު މިހާތަނަށް ވެސް އާސިއާ އަށް އޭނާގެ އާއިލާ ބޭނުންވި ފުދުންތެރިކަން ހޯދައެއް ނުދެވެ އެވެ. ހުރިހާ ދަރިން ކައިވެނިކޮށް ދިރުއުޅުން ފަށައިފި އެވެ. ފިރިހެން ދެ ދަރިން ކައިވެނިކޮށްގެން އަނބިންނާ އެކު ވަކިން އުޅެމުން އަންނައިރު އަންހެން ދެ ދަރިން ފިރިންނާ އެކު ގޭގައި ތިބީ އާސިއާގެ ބަލި ފިރިމީހާ ބަލަހައްޓަން ޖެހޭތީ އެވެ. ފިރިހެން ދެ ދަރިންގެ ތެރެއިން އެކަކީ އޮޓޯ ރިކްޝާ ޑްރައިވަރެކެވެ. އަނެއް ދަރިފުޅު އުޅެނީ ގާ އަޅައިގެން ވިއްކާ ތަނެއްގަ އެވެ. އެ މީހުންގެ އަމިއްލަ ދިރިއުޅުމަށް ހަރަދުކޮށްފައި މަންމަ އާއި ބައްޕައަށް އެހީއެއް ނުވެވެ އެވެ.

ނޫރް ބުނީ މަންމަގެ މަރުގެ ޚަބަރު އެންމެ ފުރަަތަމަ ލިބުނީ އޭނާ އަށް ކަމަށެވެ.

އަލިފާން ރޯވި ތަނުގައި ހުރި ހަމައެކަނި ކުޑަދޮރު: މީހުން މަރުވީ ނުކުމެވޭނެ ގޮތެއް ނެތިގެން. -- ފޮޓޯ: މިހާރު

އަލިފާން ރޯވި ތަނުގައި ހުރި ހަމައެކަނި ކުޑަދޮރު: މީހުން މަރުވީ ނުކުމެވޭނެ ގޮތެއް ނެތިގެން. -- ފޮޓޯ: މިހާރު

"އަހެރެން ބޭނުން މަންމަގެ ހަށިގަނޑު ގެންނަން. އެންމެ ފަހު ފަހަރަށް މަންމަގެ މޫނު ދެކެލަން ބޭނުން. ފަހަރެއްގައި ކޮންމެވެސް ދުވަހަކު މި އާއިލާއަށް ވެސް މަންމަ އެދުނު ފަދަ ތަނަވަސްކަމެއް ވެސް ލިބިދާނެ. އެކަމަކު މަންމައެއް އަނބުރާ ނުލިބޭނެކަން އެނގޭ. އެހެންވެ ބޮޑުވަޒީރުގެ ކިބައިން މި އެދެނީ މަންމަގެ ހަށިގަނޑު ވީހާވެސް އަވަހަކަށް ގައުމަށް ގެނެސްދިނުމަށް،" ނޫރް ބުނެފައިވެ އެވެ.

އާސިއާގެ ފިރިމީހާ ވެސް ބުނީ ހަށިގަނޑު ގެންނަން ބޭނުންވާ ކަމަށެވެ.

މި އާއިލާ ނިސްބަތްވާ އަވަށުގެ ކައުންސިލް މެންބަރު އަޒްހަރުލް އިސްލާމް މީޑިއާތަކަށް ވިދާޅުވެފައި ވަނީ މިއީ ވަރަށް ފަގީރު އާއިލާއެއް ކަމަށާއި އެހެންވެ ހަށިގަނޑު ރާއްޖޭން ބަންގްލާދޭޝް އަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އާއިލާއަށް މާލީ އެހީ ހަމަޖައްސަން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ނިރުފެހިގޭގެ ގަރާޖުގައި ރޯވެ ކުއްލިއަކަށް އަނދައިގެން ދިޔަ މީހުން އުޅޭ ބައިތަކުން 10 މީހުން މަރުވި އިރު ބަންގްލާދޭޝް ދެ މީހުން ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. އަދި ބަންގްލާދޭޝް އެކަކު ވަރަށް ބޮޑަށް ފިހިފައި ވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ. އަލިފާން ރޯވި ސަބަބު މިހާތަނަށް އަދި ހޯދިފައިނުވާ ކަމަށް ފުލުހުން އިއްޔެ ބުންޏެވެ.