Roadha Mihaaru
ޗުއްޓީއަށް މޯލްޑިވިއަންގެ ވަގުތީ ފްލައިޓެއް ގެނެސްފި

ޗުއްޓީއަށް ޑިމާންޑު ބޮޑުވާނެތީ، މޯލްޑިވިއަން އިން ވަގުތީ ފްލައިޓެއް ގެނެސްފި

16 ނޮވެމްބަރ 2022

ކުރިއަށް އޮތް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ވައިގެ ދަތުރުތަކަށް ބާރު ބޮޑުވާނެތީ، މޯލްޑިވިއަން އެއާލައިނުން ވަގުތީ މަތިންދާބޯޓެއް ގެނެސްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ކުރިއަށް އޮތް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ ވައިގެ ދަތުރުތަކަށް ބާރު ބޮޑުވާނެތީ، މޯލްޑިވިއަން އެއާލައިނުން ވަގުތީ މަތިންދާބޯޓެއް ގެނެސްފި އެވެ.

އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، "ވެޓް ލީސް" ނުވަތަ ކުރު މުއްދަތަކަށް އެ ބޯޓު ގެނައުމުގެ މަގުސަދަކީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދަތުރުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

އަލަށް ގެނައި ވަގުތީ ބޯޓަކީ ދުނިޔޭގެ ބޮޑެތި ޑޮމެސްޓިކް އޮޕަރޭޝަންތަކުގައި ބޭނުންކުރާ މަގުބޫލު އޭޓީއާރު 72-500 މަރުކާގެ ބޯޓެކެވެ. އެއީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "ސްވިފްޓް އެއާ" އިން އޮޕަރޭޓް ކުރަމުން އައި ބޯޓެކެވެ.

މޯލްޑިވިއަން އިން ގެނައި ވަގުތީ ބޯޓު؛ މިއީ އޭޓީއާރު 72-500 މަރުކައިގެ ބޯޓެއް ---ފޮޓޯ: މޯލްޑިވިއަން

މޯލްޑިވިއަން އިން ގެނައި ވަގުތީ ބޯޓު؛ މިއީ އޭޓީއާރު 72-500 މަރުކައިގެ ބޯޓެއް ---ފޮޓޯ: މޯލްޑިވިއަން

ކަމުގެ މާހިރުންގެ ލަފަ އާއި އޭޓީއާރުން ލިބޭ އޮޕަރޭޝަނަލް ފަސޭހަތަކަށް ބެލުމަށް ފަހު، މޯލްޑިވިއަންގެ އޮޕަރޭޝަންގައި ބޭނުން ކުރަން އެންމެ ރަނގަޅީ އޭޓީއާރު މަރުކާގެ ބޯޓުތައް ކަމަށް އައިލެންޑް އޭވިއޭޝަނުން ގަބޫލު ކުރެ އެވެ.

އެ ކުންފުނިން މި އަހަރުގެ ކުރީކޮޅު އޯޑަރުކުރި އޭޓީއާރު 42-600 މަރުކާގެ މަތިންދާބޯޓާއި 72-600 މަރުކާގެ ދެ މަތިންދާބޯޓު، މިދިޔަ މަސް ތެރޭގައި ގެނެވޭނެ ކަމަށް ލަފާކުރިޔަސް އެ ބޯޓުތައް އަދި ރާއްޖެ ނުގެނެ އެވެ.

މޯލްޑިވިއަން އިން އޯޑަރު ކުރި އޭޓީއާރް-72 މަރުކާގެ ބޯޓެއް ފްރާންސް ގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުގައި.---ފޮޓޯ: ޔޫރޯސްޕޮޓް

މޯލްޑިވިއަން އިން އޯޑަރު ކުރި އޭޓީއާރް-72 މަރުކާގެ ބޯޓެއް ފްރާންސް ގެ ޓުލޫސް-ބްލެންޔެކް އެއާޕޯޓުގައި.---ފޮޓޯ: ޔޫރޯސްޕޮޓް

އާ ބޯޓުތައް ގަތުމަށް 60 މިލިއަން ޑޮލަރު (925 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު ވެސް މޯލްޑިވިއަން އަށް އޭޓީއާރުގެ އިތުރު ތިން ބޯޓު ހޯދާނެ އެވެ. މޯލްޑިވިއަން އެއާލައިނުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ހުރިހާ ބޯޓުތަކެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އާ ކުރާނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.