Roadha Mihaaru
"ފަސިންޖަރުންނަށް ނުރައްކާވާ ނަމަ ފިޔަވަޅު އަޅާނަން"

ފަސިންޖަރުންނަށް ނުރައްކާވާ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅާނަން: އައިލެންޑް އޭވިއޭޝަން

10 އޯގަސްޓް 2022

"މޯލްޑިވިއަން"ގެ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫންގެ ރައްކާތެރި ކަމަށް ބުރޫއަރާ ކަހަލަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަން ބަލައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

"މޯލްޑިވިއަން"ގެ ފްލައިޓުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކްރޫންގެ ރައްކާތެރި ކަމަށް ބުރޫއަރާ ކަހަލަ ކަމެއް ފާހަގަވެއްޖެ ނަމަ އެކަން ބަލައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ކުރާ ތުހުމަތުތަކާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ ގަވައިދުތަކާ އެއްގޮތަށް ހިންގަމުން އަންނަ ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބޯޓުތަކުން ދަތުރުކުރާ ފަސިޖަރުންނާއި ކްރޫންގެ ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް،" އެ ބަޔާނުގައި ބުންޏެވެ.

އަޅުގަނޑުމެންގެ ބޯޓުތަކުން ދަތުރުކުރާ ފަސިޖަރުންނާއި ކްރޫންގެ ރައްކާތެރިކަމަކީ އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައް -- އައިލެންޑް އޭވިއޭޝަން

މޯލްޑިވިއަންގެ ސީޕްލޭން ބޯޓެއްގެ އެއް އިންޖީނު ނިއްވާލައިގެން އުދުހުނު ކަމަށް ތުހުމަތުކޮށް އިއްޔެ ސޯޝަލް މީޑިއާގައި މީހަކު ވަނީ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އަޕްލޯޑު ކުރި ފަރާތުން ބުނި ގޮތުގައި، ކެޕްޓަން ވަނީ ބޯޓުގެ އެއް އިންޖީނު ނިއްވާލުމަށް ފަހު ތެޔޮ ކަނޑާލައިފަ އެވެ.

ދެ އިންޖީނުގެ ފްލައިޓުތަކުން އެއް އިންޖީނު ނިއްވާލުމަކީ ރާއްޖޭގެ ގާނޫނާ ހިލާފުކަމެއް ކަމަށް ވިޑިއޯ ލާފައިވާ ފަރާތުން ބުނި ނަމަވެސް، އެކަން ދޮގުކޮށް، އިންޖީނު ހޫނުވުން ފަދަ ބައެއް ކަހަލަ ހާލަތްތަކުގައި އެފަދަ ފްލައިޓުތަކުގެ އެއް އިންޖީނު ނިއްވާލުމަކީ ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަމެއް ކަމަށް އެ ކަމުގެ ތަޖުރިބާކާރުން ބުނެ އެވެ. އަދި އެއްއިންޖީނުގައި ދުއްވުމަކީ އެ ވަގުތަކަށް އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ޓްރޭނިންތަކުގައި ވެސް ކިޔައިދޭ ގޮތް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

އެފަދަ ހާލަތްތަކުގައި އެއް އިންޖީނު ނިއްވާލުމަކީ ހާއްސަ ތަމްރީނުތަކަކާ އެކު ދުރާލާ ރާވައިން އަބަދުވެސް ޕައިލެޓުން ކުރާ ކަމެއް ކަމަށާއި އޭގެ ސަބަބުން ފަސިންޖަރުންނަށް އެނގުމެއް ނުވާނެ ކަމަށް ވެސް، މި ނޫހަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި އެވެ.

މޯލްޑިވިއަން ފްލައިޓެއްގެ ކެޕްޓަނަކު ކޮކްޕިޓް ތެރޭގައި ސިނގިރޭޓު ބޯ ކަމަށް ބުނާ ވީޑިއޯއެއް ވެސް ދާދި ފަހުން ވަނީ އާންމުވެފަ އެވެ. އެކަމާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ އެ މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅު އަޅާފައިވާނެ ކަމަށެވެ. އޭގެ އިތުރު ތަފްސީލެއް ހިއްސާ އެއް ނުކުރެ އެވެ.