Roadha Mihaaru
ހައި ކޯޓުގައި އަލަށް އަންހެން ފަނޑިޔާރުންގެ ބެންޗެއް

އަންހެން ފަނޑިޔާރުންގެ ބެންޗަކުން ހައި ކޯޓުގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް

16 ނޮވެމްބަރ 2022

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ހަމައެކަނި އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ހިންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދިވެހިރާއްޖޭގެ ހައި ކޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ހަމައެކަނި އަންހެން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ޝަރީއަތެއް ހިންގައިފި އެވެ.

އެ ޝަރީއަތަކީ ނަޒާކީ އެލްމިނިއަމް ޕްރައިވެޓް ލިމިޓެޑުން މޮރިޝަސް ކޮމާޝަލް ބޭންކްގެ މައްޗަށް ކުރާ ދައުވާއެއްގެ ޝަރީއަތެކެވެ.

މި ޝަރީއަތުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ރިޔާސަތުގައި އިންނެވީ މި ތިން ފަޑިޔާރުންގެ ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު، ފާތިމަތު ފަރުހީޒާ އެވެ.

އަންހެން ތިން ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި. -- ފޮޓޯ: ހައިކޯޓު

އަންހެން ތިން ފަނޑިޔާރުން ޝަރީއަތުގެ މަޖިލީހުގައި. -- ފޮޓޯ: ހައިކޯޓު

ފަރުހީޒާ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޫބަރު 2020، 4 ގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ހުޒައިފާ އައްޔަންކުރީ މިދިޔަ ޖޫން 27 ގަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އައްޔަންކުރީ މިދިޔަ އޮގަސްޓް 9 ގަ އެވެ.

މި ތިން ފަނޑިޔާރުންނަކީ ވެސް ދަށު ކޯޓްތަކުގައި މީގެ ކުރިން ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅުންނެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި މަގާމުގައި ހުންނެވުމަށް ފަހު ހައި ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ހުޒައިފާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ފުރަތަމަ އައްޔަންކުރި އަންހެން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އޭނާއާ އެކު އޭރު ފަނޑިޔާރު ކަމަށް ދެން އައްޔަން ކުރެއްވި އަންހެން ބޭފުޅަކީ ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އޭނާ އޭރު އައްޔަންކުރީ ސިވިލް ކޯޓަށެވެ.