Roadha Mihaaru
މެމްބަރު ސައްތާރު ކޯޓުގައި ވަކާލާތުކުރާތީ ސުވާލު

މެމްބަރު ސައްތާރު ވަކީލެއްގެ ގޮތުން ކޯޓަށް، ސުވާލުތަކާއެކު ތަނާޒުލްވެއްޖެ

22 އޯގަސްޓް 2024

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދެވުމުން އެ މައްސަލަ އިން އޭނާ މިއަދު ތަނާޒުލްވެވަޑައިގެންފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގަންނަވާތީ އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދެވުމުން އެ މައްސަލަ އިން އޭނާ މިއަދު ތަނާޒުލްވެވަޑައިގެންފި އެވެ.

މިއަދު ހައި ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެކޮޅަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރު ސައްތާރަކީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެންބަރެކެވެ.

އެކަމާ ގުޅިގެން، އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ސުވާލު ކުރެއްވި އެވެ.

ސައްތާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާއި މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާއި ގާނޫނީ ފަންނުގެ ގާނޫނުގައި ވެސް މަޖިލީހުގެ މެންބަރަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި އޭނާއަކީ އެލްޖީއޭއާ ގުޅޭ ކޮމިޓީއެއްގައި ހިމެނޭ މެމްބަރެއް ނޫން ކަމަށް ވިދާޅުވި އެވެ. އެވެ.

ނަމަވެސް ޖުޑިޝަރީ ކޮމިޓީގައި ސައްތާރު އިންނަވާތީ އެކަމާ ގުޅޭގޮތުން ފަނޑިޔާރު ސުވާލެއް ކުރެއްވި އެވެ.

"ފަނޑިޔާރުންނަކީ ޖުޑިޝަރީ ކޮމިޓީއަށް ޖަވާބުދާރީވާން ޖެހޭ ބައެއް ނޫން. ޖޭއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުވާން ޖެހެނީ،" މެންބަރު ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވުމުން ފަނޑިޔާރު އިތުރު ސުވާލު ކުރެއްވި އެވެ. ފަނޑިޔާރު އެއްސެވީ ޖޭއެސްސީގެ ނިންމާ ނިންމުންތަކާ ގުޅޭގޮތުން ފުރަތަމަ މަރުހަލާގައި ގޮތް ނިންމަނީ ޖުޑިޝަރީ ކޮމިޓީން ކަމަށް ވާއިރު، ފަނޑިޔާރުންގެ ކުރިމައްޗަށް ވަކީލުންގެ ގޮތުގައި މެމްބަރުން އައުމުގައި މަސްލަހަތު ފުށުނާރާތޯ ވިދާޅުވެ އެވެ.

"ތީގަ ދެން ފަނޑިޔާރު ފާހަގަ ކުރެއްވި ޕޮއިންޓްތަކަށް ބަލާފައި ގަބޫލު ކުރެވިދާނެ ކަމަކަށް ވެސް ވެދާނެ. މިހާތަނަކަށް އެކަހަލަ އެއްވެސް ކަމެއް ކަނޑައަޅާފައެއް ނުވޭ. މަޖިލިސް މެންބަރަކަށް ކޯޓުގައި ވަކާލާތު ނުކުރެވޭނެ ކަމަކަށް ކަނޑައަޅާފައެއް ނުވޭ،" މެންބަރު ސައްތާރު ވިދާޅުވި އެވެ.

އެލްޖީއޭ ތަމްސީލް ކުރާ އެޓާނީ ޖެނެރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ ދައުލަތުގެ އިދާރާއެއްގައި މަސައްކަތް ކުރާ ފަރާތަކަށް ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ފުރުސަތު ދިނުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި އެހެންކަމުން މި މައްސަލާގައި މެމްބަރު ސައްތާރަށް ވަކާލާތު ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ބަންޑާރަ ނައިބުގެ ވަކީލް އެގޮތަށް ފާހަގަ ކުރެއްވުމުން މެންބަރު ސައްތާރު ވަނީ މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމަށް ނިންމައިފަ އެވެ.

މީގެކުރިން ސްޓޭޓް މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެއްވި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ސަރުކާރުން ބަލަން ވެސް ނިންމި އެވެ.