Roadha Mihaaru
ވަކީލުން ދަރަޖަކުރުމުގެ ގަވާއިދަށް އަމަލުކުރަން ފަށައިފި

ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި

31 ޑިސެމްބަރ 2019

އެކި މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދު އެކުލަވާލައި، މިއަދުން ފެށިގެން އެ އަށް އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެކި މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރާ ވަކީލުން ދަރަޖަ ކުރުމުގެ ގަވާއިދު އެކުލަވާލައި، މިއަދުން ފެށިގެން އެ އަށް އަމަލުކުރަން ފަށައިފި އެވެ.

ބާ ކައުންސިލުން އެކުލަވައިލި އެ ގަވާއިދު ބުނާގޮތުން ކުރިން ވެސް އޮންނަ ގޮތަށް ކޯޓުތަކުގައި ވަކާލާތު ކުރެވޭ ވަކީލުން ތިން ދަރަޖަ އަަކަށް ބެހިގެންދާނެ އެވެ. އެކަމަކު، މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގެ ޝަރުތުތަކަށް މާ ބޮޑު ބަދަލުތަކެއް ގެނެސްފައެއް ނުވެ އެވެ.

އެގޮތުން، ކުރިން ވެސް އޮންނަ ގޮތަށް، ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި ވަކީލު ކަމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރުން ލާޒިމް ވުމާއި ސުޕްރީމް ކޯޓުގައި ނަމަ މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުން ޝަރުތެއްގެ ގޮތުގައި އާ ގަވާއިދުގައި ހިމަނާފައިވެ އެވެ. ދަށު ކޯޓުތަކުގައި ވަކާލާތު ކުރުމަށް ތަޖުރިބާގެ ޝަރުތެއް ހިމަނާފައެއް ނުވެ އެވެ.

އެކަމަކު ތިން އަހަރުގެ ތަޖުރިބާ ނެތަސް، ދަށު ކޯޓުގައި މަދުވެގެން 50 މައްސަލައެއްގައި ވަކާލާތު ކޮށްފައިވާ ނަމަ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބޭ ގޮތަށް އޮތްގޮތުން އާ ގަވާއިދުން ވަނީ އުވާލައިފަ އެވެ. އަދި ފަސް އަހަރުގެ ތަޖުރިބާ ހުއްޓަސް، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ދެވޭނީ ހައި ކޯޓުގައި ވަކާލާތު ކޮށްފައިވާ މީހުންނަށް ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އެކަމަކު، ދައުލަތް ތަމްސީލު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ ފަރާތުން ނުވަތަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހާޒިރުވާ ވަކީލުންގެ މައްޗަށް އެ އުސޫލުތަކެއް ނުހިނގާނެ އެވެ. އަދި މާލީ ތަނަވަސްކަން ނެތިގެން ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސައިދޭ މައްސަލަތަކުގައި އެ ޝަރުތުތައް ހަމަ ނުވިޔަސް، މަތީ ކޯޓުތަކުގައި އެ މައްސަލައެއްގައި ވަކާލާތު ކުރުމުގެ ވަގުތީ ހުއްދައެއް އެފަދަ ވަކީލުންނަށް ދެވިދާނެ ކަމަށް ގަވާއިދުގައިވެ އެވެ.

އާ ގަވާއިދު ބުނާގޮތުން، މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ވަކީލުންނަށް ދޫކުރެވޭނީ އެކަމަށް އެދި ހުށަހެޅުމުންނެވެ. އެކަމަކު، ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮންނަ ވަކީލުން އިތުރު ހުއްދައެއް ނަގާކަށް ނުޖެހެ އެވެ.

މީގެ އިތުރުން، ވަކީލުން ދަރަޖަ ކުރުމުގެ ކަންކަން ކުރުމަށް ބާ ކައުންސިލްގެ މެމްބަރުންގެ ތެރެއިން ޚާއްސަ ކޮމިޓީއެއް އޮންނަން އެ ގަވާއިދުގައި ވެ އެވެ. އަދި މަތީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޭ ވަކީލުންގެ ދަފްތަރެއް ވަކިވަކިން ބާ ކައުންސިލުން ބަލަހައްޓަން އެ ގަވާއިދު ލާޒިމް ކުރެ އެވެ.