Roadha Mihaaru
ވ. އަތޮޅު ކައުންސިލުން ކުންފުންޏެއް ހަދަނީ

ވ. އަތޮޅު ކައުންސިލުން ކުންފުންޏެއް ހަދަން ނިންމައި ޑިރެކްޓަރުގެ ބޯޑަށް މީހުން ހޯދަން އިއުލާންކޮށްފި

16 ނޮވެމްބަރ 2022

ވ. އަތޮޅު ކައުންސިލުން ކުންފުންޏެއް ހަދަން ނިންމައި، ޑިރެކްޓަރުގެ ބޯޑަށް މީހުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވ. އަތޮޅު ކައުންސިލުން ކުންފުންޏެއް ހަދަން ނިންމައި، ޑިރެކްޓަރުގެ ބޯޑަށް މީހުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

މިއީ އަތޮޅުތެރޭގެ ކައުންސިލަކުން ކުންފުންޏެއް އުފައްދަން މަސައްކަތް ފެށި ފުރަތަމަ ފަހަރެވެ.

ވ. އަތޮޅު ކައުންސިލުގެ އިއުލާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، ވ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެހެންވެ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުމަށް، ބޯޑުގެ މަގާމުތަކަށް ކުރިމަތިލާން މިހާރު ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

އެ ކުންފުނީގެ ބޯޑުގެ ހަތަރު މަގާމަކަށް މީހުން ބޭނުންވާ ކަމަށް އިއުލާނުގައިވެ އެވެ. އެއީ އެގްޒެކަޓިވް ޑިރެކްޓަރަކާއި މެނޭޖިން ޑިރެކްޓަރަކާއި ޗީފް އެގްޒަކަޓިވް އޮފިސަރަކާއި އަދި މިނިވަން ޑިރެކްޓަރެކެވެ.

ވ. އަތޮޅު ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރި ކުރުމާބެހޭ ގަވާއިދާ" އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހު އަށެއްގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ކައުންސިލަކުން އުފައްދާ ކުންފުންޏެއް ރަޖިސްޓްރީކުރުމަށް، ކުންފުނިތަކުގެ ރަޖިސްޓްރާ އަށް ހުށަހަޅަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ކުންފުނީގެ ބޯޑުގައި ތިބޭ މެމްބަރުން ވެސް ހިމަނަން ޖެހެ އެެވެ. ކައުންސިލުތަކުން ކުންފުނި ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭ މައުލޫމާތުތަކަކީ؛

• ވިޔަފާރި ރަޖިސްޓަރީ ކުރަން އެދޭ ފޯމު.

• ލޯކަލް އޮތޯރިޓީ ކުންފުނީގެ އަސާސީ ގަވާއިދު.

• ލޯކަލް އޮތޯރިޓީ ކުންފުނީގެ ހިންގާ ގަވާއިދު.

• ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރާ ފަރާތްތަކުގެ މައުލޫމާތު.

• ލޯކަލް އޮތޯރިޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވާ ފަރާތުގެ މައުލޫމާތު.

• ސެކްރެޓަރީގެ މައުލޫމާތު.

ވ. އަތޮޅު ކައުންސިލްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ކައުންސިލުން ހަދަން ނިންމާފައިވާ އެ ކުންފުނީގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ. އަދި މަސައްކަތް އޮތީ ފުރަތަމަ މަރުހަލާގައި ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކުންފުނި ރަޖިސްޓްރީކޮށް، ކުރާނެ ވިޔަފާރިތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ.

ކައުންސިލުތަކުގެ ދާއިރާގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށާއި ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ދާއިރާގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ބާރު މިދިޔަ އަހަރު އަމަލުކުރަން ފެށި ލާމަރުކަޒީ ގާނޫނުން ކައުންސިލުތަކަށް ދީފައިވެ އެވެ. އެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތްތަކާ އެކު ވިޔަފާރިކުރުމުގެ ބާރު ވެސް ކައުންސިލުތަކަށް ލިބެ އެވެ.

ކުންފުންޏެއް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މާލޭ ސިޓީ ކައުންސިލުންނެވެ. އެކަމަކު ސަރުކާރުން އެ ކައުންސިލަށް އެކަމުގެ ހުއްދައެއް އަދި ނުދެ އެވެ.